
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ސަރުކާރަށް ގޮނޑި ދިފާއު ނުކުރެވި ލަދުވެތި ގޮތަކަށް ބަލިވުމުން މުޅި ސަރުކާރު ޑިފެންސަށް ފައިބައިފިއެވެ.
ހިތަދޫ އުތުރު ދާއިރާގެ މެންބަރަކަށް ހުންނެވި ޕީއެންސީގެ މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ދައްކަވާފައި ނުވާތީ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން ގޮނޑި ޕީއެންސީއަށް ގެއްލުނެވެ. އެއާއެކު އަނެއްކާވެސް މަޖިލީހުގެ ޓިކެޓު ސިނާއަށް އިންތިހާބަކުން ލިބުނު ނަމަވެސް ސީދާ ރައީސް މުހައްމަދު މުއިއްޒުގެ އޯޑަރަށް ސިނާންއަށް ޓިކެޓު ދޫކޮށްލަން މަޖްބޫރުވެ، ސިނާނުއާ ވާދަ ކުރި ކެންޑިޑޭޓު އަހުމަދު ސައީދަށް ތަބަކަށްލާ ޕީއެންސީގެ ޓިކެތޫ އެރުވިއެވެ.
އެއަށް ފަހު އެތެރޭގައި ބޮޑެތި ރެނދުތައްލާ ކުރިއަށް ނުގޮސް އޮތް ކެމްޕެއިން ކުއްލިއަކަށް ފެށީ ސަރުކާރު ނިސްބަތްބާ ވެރިންނާ އަދި މަޖިލީހުގެ ރައީސްވެސް ހިމެނޭހެން އެތައް ބޭފުޅުން ހިތަދޫއަށް އަމަލީ ގޮތުން ގޮސް މަސައްކަތުންނެވެ. ގޮނޑި ނެގުނު ގޮތަކަށް ނަގަން ރައީސް މުއިއްޒު ދެއްވި އޯޑަރާއެކު މަގާމުތަކުގެ ދިފާއުގައި އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގުތައް މައްޗަށް ނުކުމެ ރަތްދަކަ އަވީގައި ކުރި ހުރިހާ މަސައްކަތެއް، ނަމަވެސް ދިޔައީ ފެނަށެވެ. އިންތިހާބު އަހުމަދު ސައީދު ބަލިވެ އިދިކޮޅު ކެންޑިޑޭޓު އަބްދުﷲ ސޯދިގު އިންތިހާބު ކާމިޔާބު ކުރިއެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން 63 ވޯޓުގެ ތަފާތުން ސޯބެ ހިތަދޫ އުތުރުގެ ރަން ގޮނޑި ކާމިޔާބުކޮށްފައިވާއިރު، ސަރުކާރުން އެއީ މޮޅެއް ކަމަށް ގަބޫލުނުކުރެއެވެ. ސަރުކާރުގެ ވެރިން ބުނަމުން ދަނީ މި އިންތިހާބުގައި ކާމިޔާބު ހަގީގަތުގައި ލިބުނީ ޕީއެންސީއަށް ކަމަށެވެ. ނަމަވެސް ކުރިން ޕީއެންސީ އަތުގައި އޮތް އެއްޗެއް މިހާރު ޕީއެންސީއަށް ނުލިބުމުން ދެން އެއީ ލިބުނު ކާމިޔާބީއެއް ކަމަށް މާނަ ކުރާނީ ކޮން ޑިކްޝަނަރިއެއް ބަލައިގެން ބާއެވެ.
200 އެތައް ވޯޓެއްގެ ތަފާތުން 2024 ގައި ޕީއެންސީއިން ނެގި ގޮނޑިއެއް އަތުން ބީވެގެން ދިއުމުންވެސް ގޮތް ދޫނުކޮށް ރައްޔިތުންނާ ހަމައަސް ބުހުތާނަށް ވުރެވެސް މަތިން ހުރި ދޮގުތައް ފަތުރާ ސަރުކާރުގެ އެކްޓިވިސްޓިން ގެންދަނީ މީސް މީޑިޔާގައި ލިޔަމުންނެވެ.
އެގޮތުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމު ފަލާހު ބުނަނީ، ހިތަދޫ އުތުރު ދާއިރާއަކީ އެމްޑީޕީގެ ކިއްލާއެއް ކަމަށް ކުރާ ދައުވާ، މިއަދު ބޭއްވުނު ބައި-އިލެކްޝަނާ އެކު ނިމިއްޖެ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ހުރިހާ ކެންޑިޑޭޓުންނާ، މުޅި އުމުރުގައި އެދާއިރާގެ މެންބަރުކަންކުރި މުހައްމަދު އަސްލަމާއި ދެންވެސް އެމްޑީޕީގެ ގައުމީ މަޖިލީހާއެކުގައި ހިތަދޫއަށް އަރައިގެންނާއި އެމްޑީޕީއާއި އެކު ކުރާނެ މަސައްކަތެއް ނޯންނާނެކަމަށް ބުނެ އުޅުއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ތާއީދުކުރި ކެންޑިޑޭޓަކު ނެރުނުއިރު, މިއަދު އޮތް އިންތިހާބުގައި ހިތަދޫގައި ބެހެއްޓި ވޯޓް ފޮށިތަކުން އައްޑޫ ރައްޔިތުން ވަނީ ތިން ދައުރަކު އައްޑޫގެ މޭޔަރު ކަންކުރި ސޯދިގު ލަދުވެތި ގޮތަކަށް ބަލިކޮށްލާފައިވާ ކަމަށްވެސް ފަލާހު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ލީޑަރޝިޕް ވަނީ ފެއިލްވެފައޭ އައްޑޫ ރައްޔިތުން މި އިންތިހާބުގައި ދެއްކި ނަތީޖާއިން ބުނާހެން ހީވާ ކަމަށް ވިދާޅުވެ ފަލާހު ވަނީ، އައްޑޫއާ މެދު އެމްޑީޕީއިން އިހުމާލުވެފައޭ އެ ރައްޔިތުންގެ ވޯޓުގެ ނަތީޖާއިން ބުނާ ފަދަ ކަމަށެވެ. މީގެ އިތުރުން ނަތީޖާއިން ދައްކުވައިދެނީ، ރައީސް ޔާމީނަށް އައްޑޫ އިން ޖާގައެއް ނެތް ކަންކަމާ ރައްޔިތުން ބުނެދިން ނަތީޖާގެ އަޑަކީ އިދިކޮޅުން ދެން އައްޑޫއަށް ނާރާށޭއޭ ކަމަށްވެސް ފަލާހު ވިދާޅުވެފައިވެއެވެ.
މިއަދު ބޭއްވުނު އިންތިޚާބުގައި ބެހެއްޓި 7 ވޯޓް ފޮށީގެ ތެރެއިން 4 ވޯޓް ފޮށިން ޕީއެންސީގެ ކެންޑިޑޭޓް ބޮޑުތަނުން ކުރި ހޯދާފައިވާކަން ފާހަގަކުރައްވާ ފަލާހުވަނީ އެއީ އައްޑޫގެ ރައްޔިތުންގެ މެދުގައި ޕީއެންސީގެ މަގުބޫލުކަން އޮތް މިންވަރު ހާމަވާކަމެއް ކަމަށްވެސް ވިދާޅުވެފައެވެ. އަދި ރައީސް މުހައްމަދު މުޢިއްޒަށް އޮތް އިތުބާރާއި ލޯބި އެ ނަތީޖާއިން ހާމަވާކަން ފާހަގަކުރައްވާ ފަލާހު ވަނީ 2028 ގައި އައްޑޫ ވެގެންދާނީ ޕީއެންސީގެ ކިއްލާއަކަށް ކަމަށްވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން މި އިންތިހާބުގެ ކުރީކޮޅު އައްޑޫއަށް ކެމްޕެއިނަށް ވަޑައިގެން، ވަކި ހިސާބަކުން އިންތިހާބު ޕީއެންސީއަށް ކާމިޔާބު ނުވާނެކަން އެނގުމުން ކެމްޕެއިނާ ވަކިވެ ފުރައިގެން ދިޔަ މަޖިލިސް ރައީސް އަބްދުއްރަހީމު އަބްދުﷲ ވިދާޅުވެފައިވަނީ، އައްޑޫ ސިޓީގައި ބެހެއްޓުނު ފޮށިތަކުން ޕީއެންސީގެ ކެނޑިޑޭޓް ކުރި ހޯއްދެވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.
"އިންޝާﷲ، މިއަދުން ހިތްވަރު ލިބިގެން 2028 އަށް ރައީސް މުޢިއްޒާ އެކު މިތިބީ އަމާޒު ހިފައިގެން ގަދަކޮށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ދައުލަތުގެ މީޑިޔާއަށް ކުޅިވަރާ ބެހޭ ވަޒީރު އަދި މި އިންތިހާބުގެ ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އަބްދުﷲ ރާފިއު ވިދާޅުވެފައިވަނީ، ބައި އިލެކްޝަންގައި ހިތަދޫގައި ބެހެއްޓި ފޮށިތަކުން މެޖޯރިޓީ ލިބުމަކީ ސަރުކާރުގެ މަސައްކަތް ހިތަދޫ ރައްޔިތުން ބަލައިގަންނަކަން ހާމަވާކަމެއްކަމަށެވެ.
ސަރުކާރުގެ ވެރިން މިފަދަ ދެކޮޅު ނުޖެހޭ ވާހަކަތައް ދައްކަމުން ގެންދާތީ ގިނަ ބަޔަކު ބުނަމުން ދަނީ ގޮނޑި ގެއްލި ކަތިވަޅު ގެއްލި މަރިޔަނބު ގެއްލުމުން ސަރުކާރުގެ ވެރިން މޮޔަފުޅުވެ ހޭބުއްދި ފިލީ ކަމަށެވެ.










