
ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު ބަލިކޮށް، އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރައްވައިފިއެވެ.
މިހާތަނަށް ގުނާފައިވާ ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު، މީގެ ކުރިން ވިދިވިދިގެން ތިން ދައުރު އައްޑޫ ސިޓީގެ މޭޔަރުގެ މަގާމު އަދާކުރައްވާފައިވާ ސޯބެ މި އިންތިހާބު ކާމިޔާބު ކުރައްވާފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ. އަދި އިންތިހާބު ކާމިޔާބު ކުރީ ތަފާތު ބޮޑު ނަތީޖާއަކުން ކަން ވެސް ވަނީ ހާމަވެފައެވެ.
ނަތީޖާ ލިބުނު ހުރިހާ ފޮށިތަކުން ވެސް ކުރި ހޯއްދަވާފައިވަނީ ސޯބެއެވެ. އެ ފޮށިތަކުގެ ނަތީޖާ އެއްކޮށްލުމުން:
ސޯބެއަށް ލިބިވަޑައިގަތީ: 804
ސައީދަށް ލިބިވަޑައިގަތީ: 644
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރަކަށް ހުންނެވި ޕީއެންސީގެ މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ދައްކަވާފައި ނުވާތީ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.
އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓ ސޯބެ މި އިންތިހާބު ކާމިޔާބު ކުރެއްވުމުން އެ ޕާޓީގެ މަޖިލިސް މެންބަރުންގެ އަދަދު 12 އިން 13 އަށް އިތުރުވީ އެވެ. އަދި ޕީއެންސީގެ މެންބަރުންގެ އަދަދު 75 އިން 74 އަށް ވެއްޓުނީ އެވެ.
މިއީ ވެރިކަން ހިންގާ ޕާޓީއަށް ވިދިވިދިގެން ލިބުނު ތިން ވަނަ ބައްޔެވެ.










