May 30, 2026
Advertisement
.
.

ހަމަލާއަށްފަހު ޗެނެލް 13 ގެ ޓްރާންސްމިޝަން ފެށީ ޤުރުއާނުގެ ބަރަކާތުން

Yana Shareef
ޔާނާ ޝަރީފް
May 29, 2026, 11:45 PM

ޗެނެލް 13 ގެ ސާވާރް ހެކް ކުރުމުން ބްރޯޑްކާސްޓިންގް މިއަދަށް މެދު ކަނޑާލުމަށްފަހު ފެށީ ޤުރުއާނުގެ ބަރަކާތުންނެވެ.

Advertisement

އެ ޓީވީ ސްޓޭޝަންގެ ސާރވާތައް ހެކުކޮށްފައިވަނީ، ކުޅުދުއްފުށީ ސިޓީގައި ވަޅު އީދު ދުވަހު ހަވީރު ބޭއްވި މަށި މާލި ޕެރޭޑު ލައިވް ކުރުމަށް ފަހު އެރޭ އއ. ތޮއްޑޫއިން އީދު ކުޅިވަރުތައް ގެނެސްދެމުން ދަނިކޮށެވެ.

ޗެނެލް 13 ގެ ސާވާރ ހެކް ކުރީ މީޑިއާގެ އަޑު ކަނޑާލުމުގެ މަގުސަދުގައި، ކޮން ބަޔަކުކަން ނޭނގޭ ގޮތަށް ޓީވީ ސްޓޭޝަންގެ ސާރވާތައް ހެކުކުރުމާ ގުޅިގެން މައްސަލަ މިހާރު ތަހުގީގުކުރަމުންދާއިރު، މައްސަލަ ހައްލު ވަންދެން ޓީވީ ސްޓޭޝަންގެ ބްރޮޑްކާސްޓިން ވަނީ މެދުކަނޑާލާފައިކަމަށް އެ ސްޓޭޝަންގެ ސީއީއޯ އިސްމާއިލް ސޮފްވާން މައުލޫމާތު ދެއްވާފައިވެއެވެ.

ސާރވާތައް ހެކުކުރުމާ ގުޅިގެން، ޗެނަލް13 ހިންގަމުން އަންނަ، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މޭ 28، 2026 ވީ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:53 ގައި އެ ކުންފުނީގެ ސާވާރ ސިސްޓަމްތަކަށް، ވަރަށް ފަންނީ އަދި ނުރައްކާތެރި ސައިބާ ހަމަލާއެއް (ހެކްކުރުމެއް) ކުރިމަތިވެފައިވާ ކަމަށެވެ. މި ހަމަލާގެ ސަބަބުން ލައިވް ފީޑް މެދުކެނޑި، ޓީވީ ސްކްރީންތަކުން އަޑާއި މަންޒަރު ކެނޑިގެންދިޔަ އެވެ. މީޑިއާ ރިންގުން ތުހުމަތުކުރާ ގޮތުގައި، މިއީ ހަމައެކަނި ފަންނީ މައްސަލައެއް ނޫން ކަމަށާއި، މިއީ ޗެނެލް 13 އިން ރައްޔިތުންނަށް ގެނެސްދޭ ހަގީގަތް ހާމަކުރުމުގެ އަޑު ކަނޑުވާލުމަށްޓަކައި ސިޔާސީ ނުފޫޒެއްގެ ދަށުން ދުރާލާ ރާވައިގެން ހިންގާފައިވާ ފިނޑި އަމަލެކެވެ.

އެ ކުންފުނިން ހާމަކުރި ގޮތުގައި، މި ސައިބާ ހަމަލާ ދީފައިވަނީ ރާއްޖެއިން ބޭރުގެ 240 އަށް ވުރެ ގިނަ އައިޕީ އެޑްރެސްތަކުން ޑީޑޮސް ހަމަލާތަކެއް ފޮނުވައިގެން، ސާވާރގެ ބޭންޑްވިޑްތް ފުރާލައި ސިސްޓަމްތައް ބްލޮކްކޮށްލައިގެންނެވެ. މީގެ އިތުރުން، މި ހަމަލާގެ ތެރެއިން 4 ރޭޑިއޯ ފްރީކުއެންސީއެއް ސިގްނަލް ޖޭމްކޮށްގެން ހިފަހައްޓާފައިވާ ކަމަށެވެ.

މީޑިއާ ރިންގުން ބުނީ މިފަދަ ހަމަލާތަކަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި، "އަޑު ކަނޑުވާލުމަށް" ހިންގާ ނޭއްގާނީ އަމަލުތަކެއް ކަމަށާއި، މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މި ސައިބާ ހަމަލާއާ ގުޅިގެން ލިބުނު ގެއްލުންތައް ދެނެގަނެ، ސާވާރތަކުގެ ސެކިއުރިޓީ ވަރުގަދަކޮށް، ޓެކްނިކަލް ޓީމުން ކުރި ބުރަ މަސައްކަތުން މިހާރު ހިދުމަތްތައް އިއާދަކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved