
މާލޭގެ ހުޅަނގު ފަރާތުގައި ތައްޔިތުން މޫދަށް އެރިލާ ފަތާ ހެދުމަށާ މުސު ކަސްރަތުބެސް ކުރުމަށް ގާއިމުކޮށްފައިވާ، "ރަސްފަން" ސަރަހައްދުގެ ފެން ތަގައްޔަރުވުމުގެ ބޮޑު ނުރައްކަލެއް އޮތްކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި މެރިން ބަޔޮލޮޖީ ދާއިރާއިން ޑިގްރީ ފުރިހަމަކުރަމުންދާ ދަރިވަރުން ކުރިއަށް ގެންދިޔަ ދިރާސާއަކުންނެވެ.
އެ ދިރާސާއިން ދައްކާ ގޮތުގައި، އެ ސަރަހައްދުގެ ފެނުގެ ފެންވަރު ހުރީ އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ދަށު ދަރަޖައެއްގައެވެ.
ރަސްފަންނު ސަރަހައްދުގެ ފެން ތަގައްޔަރުވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ މާލޭގެ ނަޖިސް ބޭރުކުރާ މައި ހޮޅިތައް އެ ސަރަހައްދާ ކައިރީގައި ހުރުން ކަމަށްވާއިރު، ދިރާސާއން އިތުރަށް ދައްކަނީ ރަސްފަންނު ސަރަހައްދުގެ ފެނުގައި އީ-ކޮލައި އަދި ފީކަލް ކޮލިފޯމް ފަދަ ބެކްޓީރިއާގެ މިންވަރު ހުރީ ހުންނަންޖެހޭ މިންގަނޑަށްވުރެ މާ މަތީގައި ކަމަށެވެ.
އީ-ކޮލައި އަދި ފީކަލް ކޮލިފޯމް ފަދަ ބެކްޓީރިއާއަކީ ނަޖިސް ބޭރުކުރާ ހޮޅިތަކުން ސާފުނުކޮށް ބޭރުކުރާ ނަޖިސް ފެނާ އެކުލެވޭ ބެކްޓީރިއާތަކެއް ކަމަށްވާއިރު، އެ ސަރަހައްދުގެ މޫދަށް ނަޖިހުގެ އަސަރު ވަރަށް ބޮޑަށް ފޯރާފައިވާ ކަން މި ދިރާސާއިން މިވަނީ ހާމަވެފައެވެ. މި ބެކްޓީރިއާތަކުގެ ސަބަބުން މޫދަށް އެރޭ މީހުންނަށް އެކި ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑެވެ.
އެ ސަރަހައްދުގެ އޮއިވަރު ހުންނަ ގޮތުންނާއި ފެން ދައުރުވާ މިންވަރު ކުޑަވުމުގެ ސަބަބުން، ބޭރުވާ ނަޖިސް ބޭރު ކަނޑަށް ދިއުމުގެ ބަދަލުގައި އެ ސަރަހައްދުގައި ހަރުލާފައި ހުންނަކަން ދިރާސާގައި ފާހަގަކޮށްފައިވެއެވެ. މިއީ ރަސްފަންނު ހުޅުވީއްސުރެ ތަކުރާރުކޮށް ކުރިމަތިވަމުންދާ މައްސަލައެއްކަންވެސް ދިރާސާގައި ބަޔާންކޮށްފައިވެ އެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ނަޖިސް ސާފުކުރާނެ އެކަށީގެންވާ ނިޒާމުތަކެއް ގާއިމުނުކޮށް މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީ ތިމާވެއްޓަށާއި އާންމު ސިއްހަތަށް އޮތް ބޮޑު ނުރައްކަލެކެވެ. ހާއްސަކޮށް މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި، އާންމުން މޫދަށް އެރުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް މިފަދަ ނުރައްކަލަކަށް ހުށަހެޅިފައި އޮތުމަކީ ކަމާބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމެއްގެ ގޮތުގައި ދިރާސާގައި ފާހަގަކޮށްފައިވެސް ވެއެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި މާލޭގެ ނަޖިސް ބޭރުކުރާ ނިޒާމު އިތުރަށް ހަރުދަނާކޮށް، ނަޖިސް ސާފުކުރުމަށްފަހު ނޫނީ ކަނޑަށް ބޭރުނުކުރެވޭނެ އިންތިޒާމެއް ހަމަޖައްސަންޖެހޭ ކަމަށް ތަޖުރިބާކާރުން ލަފާދެއެވެ.




