
ރައީސް މުއިއްޒު މިހާރު ހުންނެވީ "ހަތަރު ފާރުގެ އެތެރޭގައި" ބަންދުވެފައި ކަމަށާއި، ގައުމުގައި ހިނގާ ކަންކަމުގެ ކޮންޓްރޯލް އެމަނިކުފާނުގެ އަތްޕުޅުން ބޭރުވަމުންދާ ކަމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ގެ ނުފޫޒު ސަރުކާރުގެ ތެރޭގައި ވަރަށް ބޮޑު ކަމަށާއި އަދުރޭގެ ސިޔާސީ ތަޖުރިބާގެ ބޭނުންކޮށްގެން ރައީސް މުއިއްޒު "ކަޓުވާލުމަށް" ޕީއެންސީގެ ލީޑަރޝިޕް ތެރޭގައި ދަނީ މަޝްވަރާތައް ކުރެވެމުން ކަމަށެވެ.
އަދި މިކަމަށް ބޭނުންވާ ފައިސާގެ ބާރުވެސް އަދުރޭގެ އަތްޕުޅުގައި އެބަހުރި ކަމަށް މަލީހް ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން، ރައީސްގެ ދުޝްމަނުން ތިބީ އެމަނިކުފާނުގެ ވަށައިގެން "ހަތަރުފާރުން އެތެރޭގައި" ކަމަށް ސިފަކުރައްވައި، މަލީހް ވިދާޅުވީ ސަރުކާރުގެ އެތެރޭގެ ކޯޅުންތަކުގެ ސަބަބުން ރައީސް މުއިއްޒު ވަނީ ސިޔާސީ ގޮތުން އެކަހެރިވެފައި ކަމަށެވެ. މިއީ ޕީއެންސީގެ އެތެރޭގައި ބާރުގަދަ ކުރުމަށް ހިނގަމުންދާ ރޭވުންތަކެއްގެ ނަތީޖާ ކަމަށްވެސް މަލީހްގެ ޕޯސްޓުގައި އިޝާރާތް ކުރައްވާފައިވެއެވެ.
މީގެ އިތުރުން، ރައީސް މުއިއްޒަށް ސަރުކާރު ނުހިންގުނު ކަމަށާއި މިއީ މަގާމާއި ދުރުވާންވީ ވަގުތު ކަމަށް މަލީހް ގޮވާލެއްވިއެވެ.








