June 26, 2026
Advertisement
-
-

އިސްރާއީލުގެ ފޮތްތަކުގައި ފަލަސްތީނު މީހުން ސިފަކުރަނީ ނުރައްކަލެއްގެ ގޮތުގައި: އެކަޑަމިކް ނޫރިތު

Aiminath Sarah
އައިމިނަތް ސާރާ
Jun 26, 2026, 01:15 PM
މާލެ ސިޓީ

އިސްރާއީލުގެ ސްކޫލްތަކުގައި ކިޔަވައިދޭ ޓެކްސްޓް ފޮތްތަކުގައި ފަލަސްތީނުގެ ރައްޔިތުންނަކީ މުޅި ދުނިޔެއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށްފައިވާ ކަމަށް އިސްރާއީލުގެ މަޝްހޫރު އެކަޑަމިކް ނޫރިތު ޕެލެޑް އެލްހަނާން ހާމަކުރައްވައިފިއެވެ.

Advertisement

"ފަލަސްތީން އިން އިސްރާއީލީ ސްކޫލް ބުކްސް: އައިޑިއޮލޮޖީ އެންޑް ޕްރޮޕެގެންޑާ އިން އެޑިއުކޭޝަން" މި ނަމުގައި އެލްހަނާން ލިޔުއްވާފައިވާ ދިރާސާގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ޔަހޫދީ ސްކޫލްތަކުގައި ބޭނުންކުރާ ފޮތްތަކުގައި ފަލަސްތީނުގެ ރައްޔިތުންނާ މެދު ނެގެޓިވް އަދި ބިރުވެރި ތަަޞްވީރެއް ކުރަހައިދީގެން ޒުވާން ދަރިވަރުންގެ ވިސްނުން ވަކި ގޮތަކަށް ބައްޓަން ކުރެއެވެ.

އެލްހަނާން ވިދާޅުވީ، މި ފޮތްތަކުގައި ފަލަސްތީނުގެ މީހުންނަކީ ނުރައްކާތެރި ބައެއްގެ ގޮތުގައި ސިފަކޮށް، އެމީހުންގެ ތާރީޚު އޮޅުވާލައި ނުވަތަ ބާކީކޮށްފައިވާ ކަމަށެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް އަރައިގަނެ ހިންގާ ހިސާރުތަކަކީ އާންމު އަދި ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދަރިވަރުންނަށް ވިސްނައިދޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ތައުލީމީ ނިޒާމަކީ އަންނަން އޮތް ޖީލުތަކުގެ ޚިޔާލު ބިނާކުރުމުގައި ބޮޑު ދައުރެއް އަދާކުރާ އެއްޗަކަށް ވާއިރު، މިފަދަ ވިސްނުންތައް ދަރިވަރުންގެ މެދުގައި ފެތުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް އެލްހަނާން ވިދާޅުވެއެވެ. މި ދިރާސާއާ ގުޅިގެން އިސްރާއީލުގެ ތެރޭގައި ވަނީ ބޮޑެތި ބަހުސްތަކެއް އުފެދިފައެވެ. އެލްހަނާންއަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ މިއީ ތައުލީމީ ނިޒާމަށް ކުރާ މުހިންމު ފާޑުކިޔުމެއް ކަމަށެވެ. ނަމަވެސް، އިސްރާއީލުގެ ބައެއް ފަރާތްތަކުން ވަނީ މިއީ ސިޔާސީ މަގްސަދެއްގައި ދައްކާ ވާހަކައެއް ކަމަށް ބުނެ ދެކޮޅު ހަދާފައެވެ.

މި މައްސަލައިގެ ސަބަބުން، އިސްރާއީލުގެ ތައުލީމީ ނިޒާމުގެ ތެރެއިން އަންނަން އޮތް ޖީލުތަކަށް ނުފޫޒު ފޯރުވައި، ފަލަސްތީނާއި އިސްރާއީލާ ދެމެދު އޮތް ހަމަނުޖެހުންތައް އިތުރަށް ފުންވެގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved