
ދޮގު މައުލޫމާތާއެކު ބީޖޭޕީގެ އަންހެން އެކްޓިވިސްޓަކު ރަސޫލާ ﷺއަށް ފުއްސަރާކޮށްފިއެވެ.
މުސްލިމުންނާ ދެކޮޅަށް ރުޅިވެތިކަމާ ނަފްރަތު އުފެދޭ ވާހަކަތައް ދެއްކުމުގައި މަޝްހޫރު ބީޖޭޕީގެ ލީޑަރު ނާޒިއާ އިލާހީ ޚާން ނުވަތަ ނާޒިއާ ސަނަތާނީ ރަސޫލާ ﷺއާ ގުޅޭ ގޮތުން ދޮގު ވާހަކަ ފަތުރާ ވާހަކަ ދައްކާފައިވަނީ އިންޑިއާގެ ޕޮޑްކާސްޓެއްގައެވެ.
ނާޒިއާ ވަނީ މާތް ނަބިއްޔާ، އުއްމުލް މުއުމިނީން ޢާއިޝަތު ބިންތި އަބީ ބަކުރު އައްޞިއްދީޤް ((ޢާއިޝާ رضي الله عنها)އާ ކައިވެނި ބައްލަވައިގަތް ގޮތާ މެދު ދޮގު ހަދާ އެކަމަށް ހަޖޫ ޖަހާ ފުއްސާރަކޮށްފައެވެ. އެގޮތުން އެކަމަނާ (ޢައިޝާ ރޢ)ގެ އުމުރުފުޅުން އެންމ ެ6 އަހަރުފުޅުގައި ރަސޫލާ ﷺ އެކަމަނާއާ ކައިވެނި ބައްލަވައިގެންނެވީ އަމިއްލަފުޅު މަގްސަދެއް ކަމަށާ އެއީ އެކަމަނާ އާ ޖިސްމާނީ ގުޅުންބޭއްވުމުގެ ބޭނުމުގައި ކަމަށް ހަރުބީ ކާފަރު ނާޒިޔާ ވަނީ ބުނެފައެވެ. އަދި އުމުރުފުޅުން 9 އަހަރުފުޅު ހަމަ ވަންދެން ރަސޫލާ ﷺ އެކަމަނާއަށް ކާންދެއްވާ ހަށިހެޔޮ ކުރުވުމަށްފަހު އެކަމަނާއާ ޖިސްމާނީ ގުޅުން ބޭއްވީ ކަމަށް ބުނެ ހައްދު ފަހަނައެޅި ޔަހޫދީ ބީޖޭޕީގެ އެކްޓިވިސް ނާޒިއާ ވަނީ ވާހަކަ ދައްކާފައެވެ.
ނަމަވެސް ހަގީގަތަކީ، މާތް ރަސޫލާ މުޙައްމަދު ﷺއާ، އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއާ ކައިވެނި ބައްލަވައިގަތުމަކީ އިސްލާމީ ތާރީޚުގައި ވަރަށް ޚާއްޞަ، އަދި އެކަމުގެ ސަބަބުން އިސްލާމް ދީނަށް ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދިޔަ ކައިވެންޏެއް ކަމެވެ.
މިއީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އިރާދަފުޅާއި އެންގެވުމުގެ މަތިން ހިނގި ކައިވެންޏެކެވެ. އެގޮތުން ކައިވެނި ކުރެއްވުމުގެ ކުރިން، މާތް ނަބިއްޔާގެ ހުވަފެންޕުޅުގައި ޢާއިޝަތުގެފާނުގެ ސޫރަ، ފޭރާމެއްގައި (ރިހިކުލައިގެ ފޮތިކޮޅެއްގައި) ދެއްކެވިކަމަށް ޞަޙީޙް ޙަދީޘްތަކުގައި އައިސްފައިވެއެވެ.
ކައިވެނި ބައްލަވައިގަތް އުމުރުފުޅާ މެދު ޚުދު އިސްލާމީ އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވާއިރު، ނާޒިޔާގެ ވާހަކަތަކާ ގުޅީގެން އިންޑިއާގެ މުސްލިމުން ގެންދަނީ ނުުރުހުމާ ރުޅިވެތިކަން އިންތިހާއަށް ފާޅުކުރަމުންނެވެ.
އިންޑިއާގެ މުސްލިމުން ގެންދަނީ އުއްމުލް މުއުމިނީންއާ މާތް ނަބިއްޔާއާ ގުޅޭ ގޮތުން ހިތުހުރި ގޮތަކަށް ނާޒިއާއަށް ވާހަކަ ނުދެއްކޭނެ ކަމަށާ އެމީހުން ކުރިމައްޗަށް އައުމަށް ގޮވާލާފައެވެ. އޭރުން އެމީހުން އެކަމުގެ ރައްދު އޭނާއަށް ދޭނެ ކަމަށާ ފިލާ ހުރެ ޓީވީތަކާ ޕޮޑްކާސްޓްތަކުގައި އުއްމުލް މުއުމިނީންއާ މެދު ދޮގު ވާހަކަތަކަށް ނުފެތުރުމަށް ވަނީ ގޮވާލާފައެވެ.
މި މައްސަލަ އިންޑިއާގެ އެކި ކަންކޮޅުތަކުގައި ހޫނުވެފައިވާއިރު، އެއް ބަޔަކު ވަނީ ނާޒިޔާ ގަޠުލުކުރާނެކަމުގެ އިންޒާރުވެސް ދީފައެވެ.







