July 3, 2026
Advertisement
-
-

ޕެނަލްޓީގެ ކުރިން ރޮނާލްޑޯގެ ދުލުން "ބިސްމިﷲ" ކިޔައިފި

Aiminath Sarah
އައިމިނަތް ސާރާ
Jul 3, 2026, 12:51 PM
މާލެ ސިޓީ

ވޯލްޑް ކަޕް ނޮކްއައުޓް ސްޓޭޖުގައި ކްރޮއޭޝިއާ އަތުން 2-1 އިން ޕޯޗުގަލް މޮޅުވި ފޯރިގަދަ މެޗަށްފަހު، މުޅި ދުނިޔޭގެ ސަމާލުކަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ހުއްޓިއްޖެއެވެ. މި މެޗުގައި ރޮނާލްޑޯގެ ފަރާތުން ފެނުނު ހާއްސަ މަންޒަރެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.

Advertisement

ޕޯޗުގަލްއަށް ލިބުނު މުހިއްމު ޕެނަލްޓީ ފޮނުވާލުމުގެ ކުރިން، ރޮނާލްޑޯ ތައްޔާރުވަމުން ދަނިކޮށް ދެ ފަހަރެއްގެ މަތިން "ބިސްމިﷲ" އޭ ބުނި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މި ވީޑިއޯ ކްލިޕް ހިއްސާކުރަމުން ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ، އެފަދަ ބޮޑު ޕްރެޝަރެއް އޮތް ވަގުތެއްގައި ޕޯޗުގަލްގެ ކެޕްޓަން ދެއްކި މަޑުމައިތިރިކަމާއި ސާބިތުކަމަށް ނުހަނު ބޮޑަށް ތައުރީފުކޮށްފައެވެ.

މެޗުގެ ކުރީކޮޅު އިވާން ޕެރިޝިޗްގެ ލަނޑުން ކްރޮއޭޝިއާ އިން ލީޑު ނަގާފައި ވަނިކޮށް، ރޮނާލްޑޯ ވަނީ އެ ޕެނަލްޓީ ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ގޮންސާލޯ ރާމޯސް ބޮލުން ޖެހި ލަނޑާއެކު ޕޯޗުގަލް ވަނީ 2-1 އިން މެޗު ކާމިޔާބުކޮށް، މުބާރާތުގެ ދެން އޮތް ބުރުގައި ސްޕެއިންއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ހޯދާފައެވެ.

މި މެޗުގައި ވީއޭއާރް (VAR) ގެ ބޮޑު ޑްރާމާއެއް ވެސް ފެނިގެންދިޔައެވެ. އެގޮތުން މެޗުގެ ފަހުކޮޅު ކްރޮއޭޝިއާ އިން ޖެހި ލަނޑެއް އޮފްސައިޑް ކަމަށް ނިންމައި ބާތިލްކުރުމާ ގުޅިގެން، އެޓީމުގެ ކޯޗު ޒްލަޓްކޯ ޑަލިޗް ވަނީ ރެފްރީންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ނަމަވެސް ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ އެ ނިންމުންތަކަކީ ރަނގަޅު ނިންމުންތަކެއް ކަމަށް ބުނެ ރެފްރީން ދިފާއުކޮށްފައެވެ.

ކޮންމެއަކަސް، މުޅި މެޗުގައިވެސް ސަޕޯޓަރުންނަށް އެންމެ ބޮޑު ޖަޒުބާތީ އަސަރެއް ކުރި ވަގުތަކީ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ރޮނާލްޑޯ ބޯޅަ ކައިރީގައި ހުރެ "ބިސްމިﷲ" ކަމަށް ބެލެވޭ ބަސްތަކެއް ބުނެ، ޓީމަށް އެންމެ ބޭނުންވި ވަގުތު އެ މުހިއްމު ލަނޑު ޖަހައިދިން ވަގުތުކޮޅެވެ. ގިނަ ބަޔަކު އަންނަނީ ރޮނާލްޑޯއަށް އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ދެއްކެވުމަށް އެދި ދުޢާ ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved