އިނގިރޭސިވިލާތުގެ ސީކްރެޓް އިންޓެލިޖެންސް ސާވިސް އެމްއައި6 އިން ޗައިނާ ސަރުކާރުގެ މުވައްޒަފުން ޖާސޫސުންގެ ގޮތުގައި ރެކްރޫޓް ކުރަމުންދާ ކަމަށް ޗައިނާއިން ތުހުމަތުކޮށްފިއެވެ.
ޗައިނާގެ ރަސްމީ ވީޗެޓް ޗެނަލްގައި ކުރި ޕޯސްޓެއްގައި ޗައިނާގެ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީން ބުނީ އެމްއައި6 ގެ އޮޕަރޭޓިވްސް ވަނީ ވަންގް ނަމުން ދެނެގަނެވޭ ޗައިނާ މީހަކާއި އޭނާގެ އަންހެނުން ޒޯ ނަމަކަށް ކިޔާ މީހަކު ބެއިޖިންއާ ދެކޮޅަށް ބަދަލުކޮށްފައި ކަމަށެވެ.
ދެމީހުން ވެސް މަސައްކަތް ކުރީ ޗައިނާ ސަރުކާރުގެ އިދާރާއެއްގެ "ކޯރ ކޮންފިޑެންޝަލް" ޑިޕާޓްމަންޓްތަކުގަ އެވެ.
އެ މިނިސްޓްރީން ތުހުމަތު ކުރި ގޮތުގައި އެމްއައި6 އިން ވަންގް ރެކްރޫޓް ކުރަން ފެށީ 2015 ވަނަ އަހަރު ޗައިނާ އާއި އިނގިރޭސިވިލާތުގެ އެކްސްޗޭންޖް ޕްރޮގްރާމެއްގެ ދަށުން ކިޔެވުމަށް އިނގިރޭސިވިލާތަށް ދިޔައިރުގައި ކަމަށެވެ.
އިނގިރޭސިވިލާތުގައި އޮޕަރޭޓަރުން އޭނާއަށް ހާއްސަ ސަމާލުކަމެއް ދިން ކަމަށާއި އެގޮތުން ރޭގަނޑުގެ ކެއުމާއި ދަތުރުތަކަށް ދައުވަތު ދީގެން "އޭނާ ޝައުގުވެރިކަން ހުރި ކަންތަކާ ބަލިކަށިކަން ރަނގަޅަށް ދެނެގަތުމަށް" މަސައްކަތް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ތުހުމަތު ކުރެއެވެ.
ޗައިނާއިން މިކަން ހާމަކޮށްފައިވަނީ ޗައިނާއަށް ޖާސޫސު ކުރުމުގެ ދައުވާ އިނގިރޭސިވިލާތުން ދެ މީހެއްގެ މައްޗަށް އުފުލިތާ މަހަކަށް ވުރެ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. އިނގިރޭސިވިލާތުގެ ފުލުހުން އެ ދެމީހުން ބޭރުގެ ދައުލަތަކަށް "އާޓިކަލް، ނޯޓް، ލިޔެކިޔުން ނުވަތަ މައުލޫމާތު" ދިން ކަމަށް ތުހުމަތު ކުރާއިރު، ޗައިނާއިން ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
މި މަހުގެ ކުރީކޮޅު ހޮންކޮންގުގެ ޖާސޫސީ ޚިދުމަތަށް އެހީތެރިވުމުގެ ދައުވާ އުފުލާފައިވާ ކުރީގެ ރޯޔަލް މެރިން އެއް މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ވަންގްގެ މައްސަލައިގައި ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބުނީ އެމްއައި6 އޮޕަރޭޓިވުން ވަންގްގެ "ފައިސާއަށް އޮތް ވަރުގަދަ އެދުންތަކުގެ ނާޖާއިޒު ފައިދާ ނަގައި، އެމީހުންނަކީ ކުރީގެ ދަރިވަރުން ކަމަށް ބުނެ ކެމްޕަހުގައި އޭނާއާ ރައްޓެހިވެ، އޭނާ ލައްވާ ޕެއިޑް ކޮންސަލްޓިން ހިދުމަތްތައް" ފޯރުކޮށްދިން ކަމަށެވެ.