ރޯވެފައިވާ އިމާރާތް / ރޮއިޓަރސް
ދުނިޔެ
ކުވެއިތުގެ މީހުން ދިރިއުޅޭ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 35 މީހުން މަރުވެއްޖެ
Azzama
އައްޒާމާ
12 ޖޫން 2024

ކުވެއިތުގެ މަންގަފް ސިޓީގައި މީހުން ދިރިއުޅޭ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 35 މީހުން މަރުވެފައިވާ ކަމަށް އިންޓީރިއާ މިނިސްޓްރީން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއިން ފެންނަ ގޮތުގައި އިމާރާތުގެ ތިރީ ބައިގައި އަލިފާންގަނޑު ރޯވެ، މަތީ ބުރިތަކުން ކަޅު ގަދަ ދުންތަކެއް އަރަމުން ދިޔައެވެ.

އަދި އިތުރު 15 މީހަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އެތަނުގައި ދިރިއުޅުނު ބިދޭސީ މަސައްކަތްތެރިން ކަމަށް ބުނެވެއެވެ.

އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ، އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، ސަލާމަތީ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

ދައުލަތުގެ ޓީވީއަށް މައުލޫމާތު ދެއްވަމުން މޭޖާ ޖެނެރަލް ޢީދު އަލް އޮވެއިހާން ވިދާޅުވީ އަލިފާނުގެ ހާދިސާ ރިޕޯޓްކޮށްފައިވަނީ ބުދަ ދުވަހު ގަޑިން 06:00 ގައި ކަމަށެވެ.

ރޮއިޓާސް ނިއުސް އެޖެންސީން ބުނި ގޮތުގައި ބޮޑުވަޒީރުގެ ނައިބު ޝެއިޚް ފަހުދު ޔޫސުފް އަލް ސަބާހް ވަނީ އެތަނަށް ޒިޔާރަތް ކުރައްވައި، ރިއަލް އެސްޓޭޓް ހިންގާ ފަރާތްތައް ގަވާއިދާ ހިލާފުވުމާއި "ދަހިވެތިކަން" ގެންގުޅުއްވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ލޯކަލް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ އިމާރާތުގައި މީހުން ތޮއްޖެހިފައި ތިބުން އެކަށީގެންވެއެވެ.

ދައުލަތުގެ ޓީވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިސް އޮފިސަރަކު ވިދާޅުވީ އަލިފާން ރޯވި ވަގުތު އެ އިމާރާތުގައި "ގިނަ އަދަދެއްގެ" މީހުން ތިބި ކަމަށެވެ.

"އެތައް ބަޔަކު ސަލާމަތް ކުރި ނަމަވެސް ހިތާމައަކީ އަލިފާނުގެ ސަބަބުން ދުމާއި ހެދި ނޭވާލާން އުނދަގޫވެ އެތައް ބަޔަކު މަރުވިކަން،" މި ބާވަތުގެ އެކޮމޮޑޭޝަންތަކުގައި ތޮއްޖެހިފައިވާ ކަމުގެ އިންޒާރު ގިނައިން ދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved