March 11, 2026
Advertisement
.
. / އޭއެފްޕީ

ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކޮށް އެތައް ބަޔަކު ޝަހީދުކޮށްލައިފި

Azzama
އައްޒާމާ
Jun 22, 2024, 05:20 PM

އިސްރާއީލުން ޣައްޒާއަށް ދިން ބޮމުގެ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެ އިންސާނީ ދަތިކަން އިތުރަށް ގޯސްވަމުންދާއިރު ޣައްޒާއަށް ދޭ ހަމަލާތައް ވަނީ ވަރުގަދަކޮށްފައެވެ.

Advertisement

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި 30 މީހުންގެ ހަށިގަނޑު ޣައްޒާ ސިޓީގެ އަލް އަހުލީ އަރަބި ހޮސްޕިޓަލަށް ހުކުރު ދުވަހު ގެންގޮސްފައިވާ ކަމަށެވެ.

އައްސޭރިފަށުގެ ދެކުނުގައި އޮންނަ ރަފާހް ކައިރީގައި އޮންނަ އަލް މަވާސީގައި ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ މީހުންގެ ޓެންޓްތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި ވެސް 25 މީހުން ޝަހީދުވެ 50 މީހުން ޒަހަމްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ވަކިން ހިނގި ހާދިސާއެއްގައި ފަލަސްތީނުގެ ސިވިލް ޑިފެންސް އެޖެންސީން ބުނީ ރަފާހުގެ ހުޅަނގު އުތުރުގައި އޮންނަ އަލް ޝަކޫޝް ސަރަހައްދަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި މަރުވެ ޒަހަމްވި ގިނަ އަދަދެއްގެ މީހުން އެހެން ހިސާބުތަކަށް ގެންދިޔަ ކަމަށެވެ.

އަލްޖަޒީރާ އަރަބި ކޮރެސްޕޮންޑެންޓް އިސްމާއިލް އަލް ޣޫލް ވިދާޅުވީ އިސްރާއީލު ސިފައިން ވަނީ ޣައްޒާ ސިޓީ މުނިސިޕަލްޓީގެ ގަރާޖާއި އެ ސިޓީގެ ފަސް ބުރީގެ އިމާރާތަކަށް ބޮން އަޅާފައި ކަމަށެވެ.

ހެލްތު މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަދުވެގެން ފަލަސްތީނުގެ 35 މީހުން ޝަހީދުކޮށްފައިވާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 37،431 އަށް އަރާފަ އެވެ.

މީގެ އިތުރުން ޣައްޒާ ބަނޑުހައިހޫނުކަމުގެ ތެރެއަށް ވައްޓާލާފައިވާ އިސްރާއީލުން އެ ސަރަހައްދު ބްލޮކޭޑް ކުރުމުގެ ސަބަބުން އިންސާނީ ހާލަތު ދަނީ ގޯސްވަމުންނެވެ.

މެޑިކަލް ރިލީފް ގްރޫޕް އެމއެސްއެފް — ޑޮކްޓަރސް ވިތައުޓް ބޯޑާސް އިން ހުކުރު ދުވަހު ބުނީ ސިއްހީ ހިދުމަތްތައް މަދުވުމުން ޣައްޒާގައި ހިންގާ އޮޕަރޭޝަންތައް ހުއްޓާލަން ޖެހިދާނެ ކަމަށެވެ.

"އެމްއެސްއެފް އަށް އޭޕްރީލް މަސް ނިމުނު ފަހުން ޣައްޒާއަށް އެއްވެސް މެޑިކަލް ސާމާނެއް ނުގެނެވޭތީ ކޮންމެހެން ބޭނުންވާ ބޭހާއި ސާމާނުގެ ވަރަށް ބޮޑު ދަތިކަމެއް ކުރިމަތިވެފައިވޭ،" އެ ޖަމާއަތުން ނެރުނު ބަޔާނެއްގައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved