އުތުރު ކޮރެއާއިން ދެކުނު ކޮރެއާއާ އޮންނަ ބޯޑަރު ކައިރީގައި ފާރެއް ރާނަމުންދާ ކަމަށް ސެޓެލައިޓް ފޮޓޯ އިން ހާމަވެއްޖެއެވެ.
ޖޫން 17 ވަނަ ދުވަހު ނަގާފައިވާ ޕްލެނެޓް ލެބްސް ޕީބީސީން ސީބީއެސް ނިއުސްއަށް ފޯރުކޮށްދިން ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި އެގައުމުގެ ބޯޑަރުގެ އެންމެ އިރުމަތީ ފަރާތުގައި ހުދުކުލައިގެ ތިން ތަނެއް ފާހަގަވެފައިވާ ކަމަށެވެ.
އަދި ޑިމިލިޓަރައިޒްޑް ޒޯން ނުވަތަ ޑީއެމްޒެޑްގެ އުތުރު ކޮރެއާ ފަރާތުން ވަދެވޭ މަގެއް ހެދުމަށް ބިން ސާފުކޮށްފައިވާކަން ވެސް މި ފޮޓޯތަކުން ފެނެއެވެ. ދެކުނު ކޮރެއާއާ ދެކޮޅަށް އުތުރުން ގެންގުޅޭ ހަރުކަށި ސްޓޭންޑުގެ ތެރެއިން ޑީއެމްޒެޑްގެ އެހެން ހިސާބުތަކުގައި ބިންތައް ސާފުކުރާ ކަމުގެ ރިޕޯޓްތައް ފަހަކަށް އައިސް ވަނީ ފެންމަތިވެފަ އެވެ.
1953 ވަނަ އަހަރު އުފެދުނު ޑީއެމްޒެޑަކީ އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ ވަކިކުރާ 150 މޭލު ދިގު އަދި 2.5 މޭލު ފުޅާ ބަފަރ ޒޯނެކެވެ. އެއީ ކޮރެއާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ކަނޑައެޅި ސަރަހައްދެކެވެ. ދުވަހަކުވެސް ސުލްހައިގެ މުއާހަދާއެއްގައި ސޮއިކޮށްފައި ނުވާ އެ ދެގައުމު އަދިވެސް ތިބީ ހަނގުރާމައިގައެވެ.
ކޮންސްޓްރަކްޝަން ފެށުނު ސީދާ ތާރީހެއް ސާފެއް ނުވި ނަމަވެސް، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މި ސްޓްރަކްޗަރތަކާއި މަގުތައް ސެޓެލައިޓް ފޮޓޯތަކުން ނުފެނެއެވެ.
މި އާ ފޮޓޯތައް ފެނިފައިވަނީ ދެކުނު ކޮރެއާގެ ސިފައިން މި މަހު ދެވަނަ ފަހަރަށް އަސްކަރީ ސަރަހައްދު ހުރަސްކުރި އުތުރު ކޮރެއާގެ ސިފައިންނަށް އިންޒާރުގެ ބަޑިޖެހިތާ ދުވަސްކޮޅެއް ފަހުން ކަމަށް ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފުން މީޑިއާތަކަށް ފޮނުވި ޓެކްސްޓް މެސެޖެއްގައި ބުނެފައިވެއެވެ.
ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނެފައި ވަނީ އުތުރު ކޮރެއާއިން ފްރަންޓްލައިން ބޯޑަރު ސަރަހައްދުތަކުގައި އިމާރާތް ކުރުމުގެ ހަރަކާތްތައް އިތުރު ކުރަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި އެންޓި ޓޭންކް ބެރިއާ ކަމަށް ޝައްކު ކުރެވޭ ދިފާއީ އާލާތްތައް ހަރުކުރުމާއި މަގުތައް ވަރުގަދަ ކުރުމާއި ލޭންޑްމައިން އިންދާފައިވާ ކަމަށެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ މި ހަފްތާގައި ޕިއޮންގްޔަންގްގައި ސްޓްރެޓެޖިކް ޕާޓްނަޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި "އުދުވާނީ ހަމަލާތަކެއް" ހިނގައިފިނަމަ "އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެދިނުމަށް" ވައުދުވުން ހިމެނޭ ކަމަށް ރަޝިޔާގެ މީޑިއާތަކުން ބުނެއެވެ.