March 11, 2026
Advertisement
ރަޝިޔާއިން ސުންނާފަތިކޮށްލާފައިވާ އިމާރާތެއް
ރަޝިޔާއިން ސުންނާފަތިކޮށްލާފައިވާ އިމާރާތެއް / ރޮއިޓަރސް

ރަޝިޔާއިން ޔޫކްރޭނުގެ ހަކަތަ އުފައްދާ ތަންތަނަށް ހަމަލާދީފި

Azzama
އައްޒާމާ
Jun 23, 2024, 12:46 AM

ޔޫކްރޭނުން ބުނާ ގޮތުގައި އެގައުމުގެ ހަކަތަ އުފައްދާ ވަސީލަތްތަކަށް ރޭގަނޑު ރަޝިޔާއިން "ބޮޑު" ހަމަލާއެއް ދީފައިވާއިރު، މިއީ އެގައުމުގެ ޕަވަރ ގްރިޑަށް އަމާޒުކޮށްގެން އެންމެ ފަހުން ދިން ހަމަލާއެވެ.

Advertisement

މިއީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ރަޝިޔާއިން އެގައުމުގެ އެނާޖީ އިންފްރާސްޓްރަކްޗަރ ފެސިލިޓީތަކަށް ހަމަލާދޭ އަށްވަނަ ފަހަރު ކަމަށް ޔޫކްރޭންގެ އެނާޖީ މިނިސްޓްރީން ބުނެއެވެ.

އެއާ ޑިފެންސް ސިސްޓަމްތަކުން ރޭގަނޑު ބައެއް ސަރަހައްދުތަކަށް ރަޝިޔާއިން ފޮނުވާލި 16 މިސައިލްގެ ތެރެއިން 12 މިސައިލާއި 13 ޑްރޯން ވެސް ވައްޓާލި ކަމަށް ޔޫކްރޭންގެ ވައިގެ ސިފައިން ބުނެއެވެ.

ހޮނިހިރު ދުވަހު ޔޫކްރޭންގެ އިރުއުތުރުގެ ޚާރކިވްގެ އޮފިޝަލުން ބުނީ ރަޝިޔާގެ ގައިޑެޑް ބޮންތަކުގެ ސަބަބުން ދެ މީހަކު މަރުވެ 18 މީހަކު ޒަޚަމްވެފައިވާ ކަމަށާއި އެ ސިޓީގައި މަދުވެގެން ހަތަރު ގޮވުމުގެ އަޑު އިވިފައިވާ ކަމަށެވެ.

ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗާއަށް ރޭގަނޑު ދިން ހަމަލާތަކުގައި މެދުތެރޭ ޒަޕޮރިޒްޒިއާ ސަރަހައްދުގައި ހަކަތަ މަސައްކަތްކުރާ ދެ މީހަކު ޒަޚަމްވެފައިވާއިރު، ހުޅަނގުގެ ސިޓީ ލްވިވްގައި ހަކަތަ އުފައްދާ ސާމާނަށް ގެއްލުން ލިބިފައިވާ ކަމަށް އޮފިޝަލުން އިތުރަށް ބުނެއެވެ.

އިވާނޯ-ފްރެންކިވްސްކްގެ ހުޅަނގު ދެކުނު ސަރަހައްދުގައި ވެސް ގެތަކާއި ކުޑަކުދިންގެ ސްކޫލަކަށް ގެއްލުން ލިބިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ރިޕޯޓްކޮށްފައިވެއެވެ.

ރަޝިޔާއިން ވަނީ ބަހާރު މޫސުމާއި ހޫނު މޫސުމުގެ ކުރީކޮޅު ޔޫކްރޭންގެ ހަކަތައާ ބެހޭ އަމާޒުތަކަށް ހަމަލާދިނުމުގެ ކެމްޕޭން އާކޮށްފައެވެ. ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ދާދި ފަހުން ވިދާޅުވީ މާޗް މަހުގެ ފަހުކޮޅު މޮސްކޯއިން ހަކަތަ އުފައްދާ ވަސީލަތްތައް ސުންނާފަތިކުރަން ފެށި ފަހުން އެގައުމުގެ ކަރަންޓް އުފެއްދުމުގެ ދެބައިކުޅަ އެއްބައި ވަސީލަތް ހަލާކުކޮށްލާފައިވާކަމަށެވެ.

ހޮނިހިރު ދުވަހުގެ ރޭ ދިން ހަމަލާއަކީ މި ހަފްތާގައި ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށްގެން ދިން ދެވަނަ ހަމަލާއެވެ.

ބުރާސްފަތި ދުވަހު ޔޫކްރޭންގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ރޭގަނޑު ދިން ހަމަލާގައި ހަތް މުވައްޒަފަކު ޒަޚަމްވެ، އިންޖީނުގެއެއް ހިމެނޭ ގޮތަށް ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗާއަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved