އީރާނުން އުފައްދާފައިވާ ޑްރޯން ތަކާއި އެތަކެތި އޮޕަރޭޓް ކުރާ ކެޑޭޓުން ތަމްރީނު ކުރުމަށް ބޭނުންކުރި ރަޝިޔާގެ ޑްރޯން ބޭސްއަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާކަމަށް ޔޫކްރޭނުން ބުނެފިއެވެ.
ޔޫކްރޭންގެ ނޭވީން ވަނީ ހަމަލާދިން ސަރަހައްދުގެ ސެޓެލައިޓް ފޮޓޯ އާންމުކޮށްފައެވެ.
މި ރިޕޯޓްތަކާ ގުޅޭ ގޮތުން މޮސްކޯއިން އަދި އެއްޗެއް ނުބުނި ނަމަވެސް ހުކުރު ދުވަހުގެ ރޭ އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ޑްރޯންތައް ވައްޓާލާފައިވާ ކަމަށް ބުނެފައިވެއެވެ.
ކިއެވްގައި ތިބި ނޭވީގެ އޮފިޝަލުން ބުނީ އީރާނުން އުފައްދާފައިވާ ޝާހިދު ޑްރޯންތައް ދުއްވަން ދަސްކުރާ ގިނަ އަދަދެއްގެ ޓްރެއިނިން އިންސްޓްރަކްޓަރުންނާއި ކެޑޭޓުން މަރުވެފައިވާ ކަމަށެވެ.
ޓެލެގްރާމުގައި ޝާއިއުކޮށްފައިވާ ޕޯސްޓެއްގައި ކިއެވްގައި ތިބި ނޭވީގެ އޮފިޝަލުން ބުނީ މި އޮޕަރޭޝަނަކީ ޔޫކްރޭންގެ ޖާސޫސީ އިދާރާތަކާ ގުޅިގެން ރާވައި ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
އެ ބޭސް ވަނީ ޔޫކްރޭންގެ ހިފާފައިވާ ސިޓީ މާރިއުޕޯލްއާ ދިމާލުގައި އޮންނަ ސީ އޮފް އަޒޯވްގައި ކަމަށް ޕްލެނެޓް ލެބްސް - ފޮޓޯތައް ނެގި އެމެރިކާގެ ކުންފުނި -ގެ ޑޭޓާއިން ދައްކައެވެ.
"އައު ސެޓެލައިޓް ފޮޓޯތަކުން ކަށަވަރުވަނީ ޖޫން 21 ވަނަ ދުވަހުގެ ރޭ ކްރަސްނޯޑާ ޓެރިޓަރީގައި ހުންނަ މި ޔޫއޭވީތަކުގެ ޝާހިދު-136/ޖެރަން-2 ސްޓޯރޭޖް އެންޑް ޕްރިޕެރޭޝަން ފެސިލިޓީތަކާއި ޓްރެއިނިން އިމާރާތްތަކާއި ކޮންޓްރޯލް އަދި ކޮމިއުނިކޭޝަން ޕޮއިންޓްތައް ނައްތާލާފައިވާކަން،" ކަނޑުގެ ސިފައިންގެ އޮފިޝަލުން ކުރި ޕޯސްޓެއްގައި ލިޔެފައިވެއެވެ.
ރަޝިޔާއިން ހުކުރު ދުވަހު ބުނެފައިވަނީ އެގައުމުގެ ދެކުނުގައި ހުންނަ ތެޔޮ ރިފައިނަރީތަކާއި އަސްކަރީ އަމާޒުތަކަށް ޔޫކްރޭނުން ދިން ހަމަލާއެއްގައި ވައިގެ ދިފާއުން 114 ޑްރޯން ވައްޓާލާފައިވާ ކަމަށެވެ. އޮފިޝަލުން ޑްރޯން ބޭސްއަށް ދިން ހަމަލާގެ ވާހަކައެއް ނުދައްކައެވެ.
ހޮނިހިރު ދުވަހު ހިފާފައިވާ ކްރައިމިއާގައި ރަޝިޔާއަށް ވަފާތެރި އޮފިޝަލުން ބުނީ ޕެނިންސޫލާގެ ގޮނޑުދޮށަކަށް ޔޫކްރޭނުން ދިން މިސައިލް ހަމަލާއެއްގައި ދެ ކުޑަކުދިން ހިމެނޭ ގޮތަށް ތިން މީހަކު މަރުވެފައިވާ ކަމަށެވެ.
2020 ވަނަ އަހަރު މޮސްކޯއިން ސަރަހައްދީ ގަވަރުނަރުގެ މަގާމަށް ހަމަޖެއްސި މިޚައިލް ރަޒްވޮޒާއެވް ވިދާޅުވީ ސެވަސްޓޮޕޯލް ސިޓީ ކައިރީގައި އޮންނަ އުޗްކުޔެވްކާއަށް ދިން ހަމަލާގައި މިސައިލް ކުނޑިތަކުގެ ސަބަބުން ގާތްގަނޑަކަށް 100 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ ވައިގެ ދިފާޢީ ބާރުތަކުން ފަސް ޕްރޮޖެކްޓައިލް ނައްތާލާފައިވީނަމަވެސް އެ އިންޓަސެޕްޝަންތަކުގެ ކުނޑިތައް ވަނީ އައްސޭރިފަށުގެ ސަރަޙައްދުތަކަށް ވެއްޓިފައި ކަމަށެވެ.