އަހަރުތަކެއް ވަންދެން ކުރިއަށް ދިޔަ ގާނޫނީ ތަޅާފޮޅުމަކަށް ފަހު ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް އެމެރިކާގެ ކަމާބެހޭ ފަރާތްތަކާ އެކު އެއްބަސްވުމަކަށް އައިސް ޖިނާއީ ދައުވާތަކަށް އިއުތިރާފުވުމުގެ މަތިން މިނިވަން ވެއްޖެއެވެ.
އުމުރުން 52 އަހަރުގެ އަސާންޖްގެ މައްޗަށް އުފުލާފައި ވަނީ ގައުމީ ދިފާއީ މައުލޫމާތު ހޯދައި ހާމަކުރުމަށް ރޭވުމުގެ ދައުވާއެވެ.
އަހަރުތަކެއް ވަންދެން އެމެރިކާއިން ބުނަމުން އައީ ވިކިލީކްސް އިން ލީކު ކުރި އިރާގާއި އަފްޣާނިސްތާނުގެ ހަނގުރާމަތަކާ ބެހޭ މައުލޫމާތު ހާމަކޮށްފައިވާ ފައިލްތަކުން މީހުންގެ ފުރާނައަށް ނުރައްކާވާ ކަމަށެވެ.
އަސާންޖް މިދިޔަ ފަސް އަހަރު ހޭދަކުރީ އިނގިރޭސިވިލާތުގެ ޖަލެއްގައެވެ. އެތަނުން އޭނާ އެމެރިކާއަށް ހަވާލުކުރުމާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދިޔައެވެ.
އެމެރިކާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އަސާންޖް އެމެރިކާގައި ބަންދުގައި އެއްވެސް ވަގުތެއް ހޭދަ ނުކުރާނެ ކަމަށާއި އިނގިރޭސިވިލާތުގައި ޖަލުގައި ހޭދަކުރި ދުވަސްތައް އޭނާއަށް އަންނަ ހުކުމަކުން އުނިވާނެ ކަމަށެވެ.
އަސާންޖް އެނބުރި އޮސްޓްރޭލިއާއަށް ދާނެ ކަމަށް ޖަސްޓިސް ޑިޕާޓްމަންޓުން ފޮނުވި ސިޓީއެއްގައިވެއެވެ.
އެކްސްގައި ވިކިލީކްސް އިން ބުނީ އަސާންޖް އިނގިރޭސިވިލާތުގެ ބެލްމާޝް ޖަލުން 1،901 ދުވަސް ކުޑަ ގޮޅިއެއްގައި ހުރުމަށް ފަހު ހޯމަ ދުވަހު ނުކުމެގެން ދިޔަ ކަމަށެވެ.
އެއަށްފަހު އޭނާ މެންދުރު ފަހު ސްޓެންސްޓެޑް އެއާޕޯޓުން އިނގިރޭސިވިލާތުން ފުރައިގެން އެނބުރި އޮސްޓްރޭލިއާއަށް ދާނެ ކަމަށް ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
އޭނާގެ އަންހެނުން ސްޓެލާ އަސާންޖް ކުރެއްވި ޓްވީޓެއްގައި ވަނީ މިކަން ހަގީގަތަކަށް ހެދުމަށް އެންމެން އަހަރުތަކެއް ވަންދެން ކުރި މަސައްކަތަށް ސަޕޯޓަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މި ޑީލްގެ ދަށުން އޭނާގެ މައްޗަށް ކުރާ އެއް ދައުވާއަށް އިއުތިރާފުވުން އުތުރު މާރިޔާނާ އައިލެންޑްސްގެ ކޯޓެއްގައި ފައިނަލް ކުރާނީ ޖޫން މަހުގެ 26 ވާ ބުދަ ދުވަހު ކަމަށް ބެލެވެއެވެ.
އެމެރިކާގެ މި ކޮމަންވެލްތު ޖަޒީރާތަކަކީ ހަވާއީ ނުވަތަ އެމެރިކާގެ ފެޑެރަލް ކޯޓުތަކަށް ވުރެ އޮސްޓްރޭލިއާއާ މާ ކައިރި ޖަޒީރާތަކެކެވެ.
އޮސްޓްރޭލިއާ ސަރުކާރުގެ ތަރުޖަމާނަކާ ހަވާލާދީ އެޖެންސް ފްރާންސް ޕްރެސް އިން ބުނެފައި ވަނީ އެ މައްސަލަ "މާ ގިނަ ދުވަހު ދަންމާފައި" ވާ ކަމަށެވެ.
އޭނާ އާއި އޭނާގެ ވަކީލުން ވެސް ގިނަ ދުވަސްތަކެއް ވަންދެން ބުނަމުން އައީ އޭނާގެ މައްޗަށް އުފުލާފައިވާ މައްސަލައަކީ ސިޔާސީ ގޮތުން ކުރިއަށް ގެންދިޔަ މައްސަލައެއް ކަމަށެވެ.
އޭޕްރީލް މަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އަސާންޖުގެ މައްޗަށް އުފުލާފައިވާ ދައުވާ ބާތިލް ކުރުމަށް އޮސްޓްރޭލިއާ އިން އެދުނު އެދުމަށް ވިސްނަމުންދާ ކަމަށް ވިދާޅުވެފައެވެ.
ޖެހިގެން އައި މަހު ލިބުނު ކާމިޔާބީއެއްގައި އިނގިރޭސިވިލާތުގެ ހައިކޯޓުން ވަނީ އަސާންޖަށް އެމެރިކާއަށް ހަވާލުކުރުމާ ދެކޮޅަށް އިސްތިއުނާފު ކުރެވޭނެ ކަމަށް ބުނެފައެވެ. އެހެންކަމުން އޭނާގެ ކުރިއަށް އޮތް ޝަރީއަތް ކުރިއަށް ގެންދާނެ ގޮތާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް އަރައިގަންނާނެތޯ އެމެރިކާއިން ދިން ޔަގީންކަމަށް ގޮންޖަހަން ފުރުސަތު ލިބިގެން ދިޔައެވެ.
އެ ހުކުމަށް ފަހު އޭނާގެ އަންހެނުން ސްޓެލާ ނޫސްވެރިންނާއި ސަޕޯޓަރުންނަށް ވިދާޅުވީ ބައިޑަންގެ ވެރިކަމުގައި "މި ލަދުވެތި ދައުވާއާ ދުރުވާން ޖެހޭ" ކަމަށެވެ.
އެމެރިކާގެ ޕްރޮސެކިއުޓަރުން ފުރަތަމަ ބޭނުންވީ އަފްޣާނިސްތާނާއި އިރާގުގެ ހަނގުރާމަތަކާ ގުޅޭ އެމެރިކާގެ ސިއްރު އަސްކަރީ ރެކޯޑްތަކާއި ޑިޕްލޮމެޓިކް މެސެޖުތައް އާންމުކުރުމާ ގުޅިގެން ވިކިލީކްސްގެ ބާނީގެ މައްޗަށް 18 ދައުވާއެއްގެ ޝަރީއަތް ކުރަންށެވެ.
އަސާންޖް 2006 ވަނަ އަހަރު އުފެއްދި ވިކިލީކްސް އިން ވަނީ އެމެރިކާ ސަރުކާރުން ސިފަ ކުރާ "އެމެރިކާގެ ތާރީހުގައި ސިއްރު މައުލޫމާތުގެ އެންމެ ބޮޑު އެއް ކޮމްޕްރޮމައިޒް" ގައި 10 މިލިއަނަށް ވުރެ ގިނަ ލިޔެކިޔުން ޝާއިއުކޮށްފައެވެ.
2010 ވަނަ އަހަރު ވިކިލީކްސް އިން ޝާއިއުކުރި އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރެއްގެ ވީޑިއޯއިން ރޮއިޓާސްގެ ދެ ނިއުސް ރިޕޯޓަރުން ހިމެނޭ ގޮތަށް އިރާގުގެ އެތައް އާންމުން ބަޣްދާދުގައި މަރާލާތަން ފެނެއެވެ.
މި ފައިލްތައް ވިކިލީކްސްއަށް ފޯރުކޮށްދިން އެމެރިކާ ސިފައިންގެ ޖާސޫސީ މައުލޫމާތު ތަހުލީލު ކުރާ ބްރެޑްލީ މެނިންގްގެ ހުކުމް އޭރުގެ ރައީސް ބަރަކް އޮބާމާގެ 2017 ވަނަ އަހަރު ލުއި ކުރުމުގެ ކުރިން އޭނާ 35 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެއެވެ.
ސްވިޑެންގައި ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ވަކިވަކި ދައުވާތަކެއް ވެސް އަސާންޖަށް އުފުލާފައިވާއިރު، އެ ދައުވާތަކަށް އޭނާ ވަނީ އިންކާރުކޮށްފައެވެ.
ސްވިޑެންގެ މައްސަލައިގެ ސަބަބުން އޭނާ އެމެރިކާއަށް ފޮނުވާލާނެ ކަމަށް ބުނެ އިކުއެޑޯގެ ލަންޑަން އެމްބަސީގައި ހިމާޔަތް ހޯދައި ހަތް އަހަރު ހޭދަކުރިއެވެ.
ސްވިޑެންގެ ކަމާބެހޭ ފަރާތްތަކުން އެ މައްސަލަ 2019 ވަނަ އަހަރު ވަނީ ބާތިލްކޮށްފައެވެ. ނަމަވެސް ފަހުން އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭނާގެ މައްޗަށް ޝަރީއަތް ހިންގީ ސްވިޑެންއާ ހަވާލުކުރުމަށް ކޯޓުތަކާ ހަވާލުނުވުމުގެ މައްސަލާގައެވެ.
ދިގު މުއްދަތަކަށް ހިނގަމުންދާ ގާނޫނީ ހަނގުރާމަތަކުގެ ތެރޭގައި އަސާންޖް އާންމު ތަންތަނުން މަދުން ނަމަވެސް ފެނިފައިވާއިރު، އަހަރުތަކެއް ވަންދެން ސިއްހީ ހާލަތު ދަށްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.