ޓެކްސް ބޮޑުކުރުމާ ދެކޮޅަށް މުޒާހަރާ ކުރުމަށް އެތައް ހާސް ބަޔަކު ކެންޔާގެ ޕާލަމެންޓަށް އަންގާރަ ދުވަހު ވަދެ، އިމާރާތުގެ ބައެއް އަންދާލައިފިއެވެ. މި މުޒާހަރާގެ ސަބަބުން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ އެތަން ދޫކޮށް ފިލައިގެން ގޮސްފައެވެ. މި މުޒާހަރާ ހުއްޓުވަން ސަލާމަތީ ބާރުތަކުން ވަނީ ބަޑިޖަހައި އެތައް ބަޔަކު މަރާލާފައެވެ.
މިއީ ފާއިތުވި އަހަރުތަކުގައި ސަރުކާރަށް އާންމުންގެ ފަރާތުން ދިން އެންމެ ބޮޑު ހަމަލާއެވެ.
ފުލުހުން ބަޑީގެ ހަމަލާދިން ކޮމްޕްލެކްސްގެ ބޭރުން ތިން މީހެއްގެ ހަށިގަނޑު ނޫސްވެރިންނަށް ފެނުނު އިރު، މެޑިކަލް ވޯކަރުން ވަނީ ފަސް މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. ހަމަނުޖެހުންތައް އެހެން ސިޓީތަކަށް ފެތުރުނެވެ.
"މިއަދުގެ ހާދިސާތަކަކީ އަޅުގަނޑުމެންގެ ގައުމީ ސަލާމަތަށް ކުރިމަތިވާ ނުރައްކާތަކަށް އަޅުގަނޑުމެން ރައްދުދޭ ގޮތުގެ މުހިންމު ބަދަލެއް އައި ދުވަހެއް... ކޮންމެ ހާލެއްގައިވެސް މި ޣައްދާރުން މައިތިރި ކުރާނަން" ރައީސް ވިލިއަމް ރޫޓޯ ވިދާޅުވިއެވެ.
ކެންޔާގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ "ސަލާމަތީ ކުއްލި ނުރައްކަލުގެ ހާލަތު" ގައި ފުލުހުންނަށް އެހީތެރިވުމަށް އަސްކަރިއްޔާ ހަރަކާތްތެރިވި ކަމަށެވެ.
މުޒާހަރާގެ ބައިވެރިން ވަނީ އިރުމަތީ އެފްރިކާގެ އިގްތިސާދީ މައި މަރުކަޒަށް އާ ޓެކްސްތަކެއް ނަގަން ފާސްކުރި ފައިނޭންސް ބިލާ ދެކޮޅަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވޯޓު ދިނުމަށް ގޮވާލައިފައެވެ. އިގްތިސާދީ ގޮތުން ލުޔެއް ލިބޭނެ ކަމުގެ ވައުދުތަކަށް ރޫޓޯ ވެރިކަމަށް ގެނައި ޒުވާނުން މަގުތަކަށް ނުކުމެ ރޫޓޯގެ އިސްލާހީ ބަދަލުތަކާ ދެކޮޅަށް ވަނީ ތެދުވެފައެވެ.
މުޒާހަރާގެ ބައިވެރިން ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށްފަހު އެތެރެއަށް ވަނުމުގެ ކުރިން މެމްބަރުން ވަނީ ބިލް ފާސްކޮށް ޓަނަލަކުން ފިލާފައެވެ. އެ އިމާރާތުގައި ރޯވި އަލިފާންގަނޑު ފަހުން ވަނީ ނިއްވާލައިފައެވެ.
ކެންޔާ މެޑިކަލް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހާދިސާ ހިނގި ތަނުން ޒަޚަމްވި މީހުންނަށް ފަރުވާދޭން އުޅެނިކޮށް މަދުވެގެން ފަސް މީހަކު ބަޑީގެ ހަމަލާގައި މަރުވެފައިވާ ކަމަށެވެ. އެގޮތުން 30 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށާއި މަދުވެގެން 13 މީހަކު ޒަޚަމްވެފައިވާ ކަމަށް ބުނެފައިވެއެވެ. ކައިރީގައި ހުރި ޗާޗެއްގައި ހުރި މެޑިކަލް ޓެންޓެއްގައި ފަރުވާ ހޯދަމުން ދިޔަ މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ވަނީ ބަޑިޖަހައި ކަރުނަ ގޭސް ވެސް ޖަހާފައެވެ.