ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ބޮލީވިއާގެމައި ބަޣާވާތެއް ކުރަން އުޅުނު ކަމަށް ބެލެވޭ ލީޑަރު ހައްޔަރުކޮށްފައި ވަނީ އިދާރީ ވެރިރަށް ލަޕާޒްގައި ހުންނަ ރިޔާސީ ގަނޑުވަރަށް ބާޣީ ސިފައިން ވަދެގަތްތާ ގަޑިއެއްހާއިރު ފަހުންނެވެ.
ސަރުކާރުގެ މުހިންމު އިމާރާތްތައް ހުންނަ މުރިލޯ މައިދާނުގައި އެތައް ސަތޭކަ ސިފައިންނާއި އާމަރޑް ވެހިކަލްތަކެއް ޖަމާވެ އެތުރިފަވިއެވެ. އެއް އާމަރޑް ވެހިކަލް ރިޔާސީ ގަނޑުވަރުގެ މައި ގޭޓް ފަޅާލުމުން ސިފައިންނަށް ވަދެވޭ ގޮތް ވެގެން ދިޔައެވެ. އެ އެންމެން ވެސް ފަހުން އެނބުރި ވަނީ ގޮސްފައެވެ.
ބާޣީ އަސްކަރީ ލީޑަރު ޖެނެރަލް ޖުއާން ހޯސޭ ޒުނިގާ ވަނީ "ޑިމޮކްރަސީ އަލުން އެކުލަވާލަން" ބޭނުންވާ ކަމަށާއި މިވަގުތު ރައީސް ލުއިސް އާސޭއަށް އިހުތިރާމް ކުރައްވާ ކަމަށާއި ނަމަވެސް ވެރިކަން ބަދަލުވާނެ ކަމަށް ވިދާޅުވެފައެވެ.
އޭނާ ފަހުން ހައްޔަރުކުރީ، ރައީސްގެ އެދުމުގެ މަތިން އަސްކަރިއްޔާއިންނެވެ.
ޖެނެރަލް ޒުނިގާ މަގާމުން ވަކިކުރީ އަންގާރަ ދުވަހު، އޭގެ ކުރީ ދުވަހު ދިން އިންޓަވިއުއެއްގައި ބޮލީވިއާގެ ކުރީގެ ރައީސް އީވޯ މޮރާލެސްއަށް ފާޑުކިޔާ ވާހަކަތަކެއް ދެއްކުމުންނެވެ.
ރައީސް އާސޭ ވަނީ ބަޣާވާތް ކުށްވެރިކުރައްވައި، އާންމުންނަށް މަގުތަކަށް ނުކުމެ ބަޢާވާތާ ދެކޮޅު ހަދަން ގޮވާލާފައެވެ.
ރިޔާސީ ގަނޑުވަރު ތެރެއިން ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބުކުރައްވައި އޭނާ ވިދާޅުވީ "އަނެއްކާވެސް ބަޣާވާތެއްގައި ބޮލީވިއާ ރައްޔިތުންގެ ފުރާނަ ނަގާލުމަށް ފުރުސަތެއް ނުދެވޭނެ" ކަމަށެވެ.
އޭނާގެ ޚިތާބަށްފަހު ސަރުކާރަށް ތާއީދުކުރާ ސަޕޯޓަރުން މަގުމައްޗަށް ނުކުތެވެ.
ރިޔާސީ ގަނޑުވަރުގެ ތެރޭގައި ނަގާފައިވާ ވީޑިއޯ ފޫޓޭޖުތަކުން ރައީސް އާސޭ ޖެނެރަލް ޒުނިގާއާ ކުރިމަތިލައްވައި، އޭނާ އަމާންދިނުމަށް އަމުރުކޮށް، އެ މަގާމު ދޫކޮށްލުމަށް އަމުރުކުރާތަން ފެނިގެން ދިޔައެވެ.
އަދި އާ އަސްކަރީ ކޮމާންޑަރުން އައްޔަން ކުރައްވާކަންވެސް އިއުލާން ކުރެއްވިއެވެ.
ބަޣާވާތް ކުށްވެރި ކުރައްވައި ކުރީގެ ރައީސް މޮރާލެސް ވަނީ ޖެނެރަލް ޒުނިގާ އާއި އޭނާގެ " އެކުވެރިން" ގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށް ގޮވާލައްވާފައެވެ.
ޕަބްލިކް ޕްރޮސެކިއުޓާ އޮފީހުން ޖިނާއީ ތަހުގީގެއް މިހާރު ވަނީ ހުޅުވާލާފައެވެ. ބޮލީވިއާގެ ކަނޑުގެ ސިފައިންގެ ވެރިޔާ ވައިސް އެޑްމިރަލް ޖުއާން އާނެޒް ސަލްވާޑޯ ވެސް ވަނީ ހައްޔަރުކޮށްފައެވެ.
ޖެނެރަލް ޒުނިގާ ބަޣާވާތް ފެއްޓެވީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފެއް ނުވެއެވެ.
އޭނާ މަގާމުން ވަކިކުރީ އަންނަ އަހަރު އަލުން ވެރިކަމަށް ކުރިމަތިލައްވާނަމަ މޮރާލެސް ހައްޔަރުކުރާނެ ކަމަށް ވިދާޅުވުމުންނެވެ.
މޮރާލެސް 2019 ވަނަ އަހަރު މަގާމުން ވަކިކުރަން މަޖުބޫރުކުރީ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އަސްކަރީ އިސްވެރިންނެވެ. އޭނާ ވަނީ މެކްސިކޯގައި ހިމާޔަތް ހޯއްދަވާފައެވެ.