March 11, 2026
Advertisement
ހާދިސާގެ ތެރެއިން
ހާދިސާގެ ތެރެއިން / ސީ.އެން.އެން

އިތިއޯޕިއާގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 10 މީހުން މަރުވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
Aug 26, 2024, 04:39 AM
މާލެ ސިޓީ

އިތިއޯޕިއާގެ އުތުރުގެ އަމްހާރާ ސަރަހައްދުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 10 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

Advertisement

އަމްހާރާ މީޑިއާ ކޯޕަރޭޝަން (އޭއެމްސީ) އިން ލޯކަލް އެޑްމިނިސްޓްރޭޓަރު ޓެސްފަޔޭ ވޯކްނެހްއާ ހަވާލާދީ ބުނެފައި ވަނީ "ކާރިސާގައި 10 މީހުން މަރުވެފައިވާ" ކަމަށާއި މަޑިން ހަތަރު މީހެއްގެ ހަށިގަނޑު ނަގާފައިވާ ކަމަށެވެ.

އަމްހާރާގެ ނޯތު ގޮންޑާ ޒޯންގައި ހޮނިހިރު ދުވަހު ބިންގަނޑު ކަނޑައިގެން ދިޔައީ ކޮން ވަގުތެއްގައި ކަމެއް ނުވަތަ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމެއް ރިޕޯޓުގައި ބުނެފައެއް ނުވެއެވެ.

މި ހާދިސާގައި އަށް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާ ދެމުން އަންނަ ކަމަށް އެ ގައުމުގެ އޮފިޝަލަކާ ހަވާލާދީ އޭއެމްސީން ބުންޏެވެ.

އަދި މި ކާރިސާގެ ސަބަބުން 2400 އެއްހާ މީހުން ގެދޮރު ގެއްލި، މިހާރު ވެސް އެމީހުން ތިބީ ލޯކަލް އިޖުތިމާއީ މުއައްސަސާތަކުގައި ހިޔާވަހިކަން ހޯދާފައި ކަމަށް އެ ބަޔާނުގައި ވެ އެވެ.

މިއީ މޫސުމީ ވިއްސާރައިގެ ސަބަބުން އިތިއޯޕިއާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސިލްސިލާ ހާދިސާތަކުގެ ތެރެއިން އެންމެ ފަހުގެ ހާދިސާއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved