March 22, 2026
Advertisement
 ރައީސް މުއިއްޒު އަދި މޯދީ
ރައީސް މުއިއްޒު އަދި މޯދީ / ތޭރަ އޮންލައިން

ކުރީ ސަރުކާރަށް ފާޑުކިޔުމަށްފަހު ރާއްޖެއިން އިންޑިއާއެކު ފަސް އެމްއޯޔޫއްގައި ސޮއިކޮށްފި

Aishath Naja
އައިޝަތު ނަޖާ
Oct 7, 2024, 07:30 PM
މާލެ ސިޓީ

ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ސަރުކާރުން އިންޑިޔާއާއެކު އެމްއޯޔޫތަކުގައި ސޮއިކުރުމުން ފާޑުކީ ވެރިން އިންޑިއާއާއެކު ފަސް އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

Advertisement

އެމްއޯޔޫތަކުގައި އިންޑިއާއާއެކު ރާއްޖެއިން ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި ބައްދަލުވުމަށްފަހުގައި ކަމަށް ވަނީ މައުލޫމާތުލިބިފައެވެ.

އެގޮތުން އިންޑިއާގެ ރާޝްތިރިޔާ ރަކްޝާ ޔުނިވާސިޓީ އޮފް އިންޑިއާ އާއި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް އޮފް މޯލްޑިވްސްއާ ދެމެދު އެމްއޯޔޫގައި ސޮއިކުރީ ދެ ތަނުން ގުޅިގެން މަސައްކަތް ކުރުމަށެވެ.

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބެވެ. އަދި އިންޑިއާގެ ފަރާތުން ސޮއި ކުރެއްވީ ބޯޑާ މެނޭޖްމަންޓް، މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ސެކްރެޓަރީ ޑރ. ރާޖެންދުރަ ކުމާރެވެ.

އޭގެއިތުރުން ކޮރަޕްޝަނާ ނައްތާލުމާ ގުޅޭ އެމްއޯޔޫގައި އޭސީސީއާއެކު ސޮއިކުރީ ސެންޓްރަލް ބިއުރޯ އޮފް އިންޑިއާއާ އެކުގަ އެވެ. އެ އެއްބަސްވުމުގައި ވެސް ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިބްރާހިމް ޝަހީބެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ޑރ. ރާޖެންދުރަ ކުމާރެވެ.

ނެޝަނަލް ޖުޑީޝަލް އެކެޑަމީ އޮފް އިންޑިއާ (އެންޖޭއޭއައި) އަދި ޖުޑީޝަލް ސާވިސް ކޮމިޝަން އޮފް މޯލްޑިވްސް (ޖޭއެސްސީ) އާ ދެމެދު ކުރިން ހަދާފައި އޮތް އެމްއޯޔޫ ވަނީ އާކޮށްފަ އެވެ.

އެ އެމްއޯޔޫގެ ދަށުން އެންޖޭއޭއައި އިން ޓްރެއިނިންތައް ހިންގުމާއި ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމްތައް ރާއްޖޭގެ ޖުޑީޝަލް އޮފިސަރުންނަށް ހިންގައި ދިނުން ހިމެނެ އެވެ.

އޭގެ އިތުރުން ރާއްޖޭގައި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ކުރިން ހަދާފައި އޮތް އެމްއޯޔޫ ވެސް ވަނީ އާކޮށްފަ އެވެ. އަދި ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ވެސް ދެ ގައުމުގެ ފަރާތުން ވަނީ ސޮއިކޮށްފަ އެވެ.

އެމްއޯޔޫތަކުގައި ސޮއިކޮށްފައިވާއިރު މި ސަރުކާރުގެ ވެރިންނަކީ ކުރީ ސަރުކާރުން އެއްބަސްވުންތައް ހެދުމުން އެކަމަށް އެންމެ ފާޑުވިދާޅުވި ފަރާތްތަކެކެވެ. އަދި އިންޑިޔާއާއެކު އެއްބަސްވުންތަކެއް ނުހަދާނެކަމުގެ ވައުދުވެސް ވަނީ ވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved