
ޖަޕާނަށްފަހު ނޭޕާލުން ވެސް އިންޑިއާގެ އަނބު އެތެރެކުރުން މަނާކޮށް، އެތެރެކޮށްފައި ހުރި އަނބުތައް ނައްތާލުމުގެ މަސައްކަތް ފަށައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ އިންޑިއާއިން އެކްސްޕޯޓްކުރާ މޭވާ އާއި ތަރުކާރީގައި އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި މިންވަރަށް ކެމިކަލް އަދި ޕެސްޓިސައިޑް ހުންނަކަން ފާހަގަކުރެވުމާ ގުޅިގެންނެވެ. މީގެ ކުރިން ޖަޕާނުން ވެސް ވަނީ އިންޑިއާގެ އަނބުތަކުގައި ކެމިކަލް ހުރި ކަމަށް ބުނެ އެ ގައުމަށް އެތެރެކުރުން ހުއްޓުވާފައެވެ.
މި މައްސަލައިގެ ތެރެއިން ފާހަގަކުރެވޭ އިތުރު ކަންތައްތަކަށް ބަލާއިރު، އިންޑިއާގެ އުފެއްދުންތަކަށް އޮތް އިތުބާރު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. އެގޮތުން އިންޑިއާއިން އެންމެ ގިނައިން ހިކި މިރުސް (ޑްރައި ރެޑް ޗިލީސް) ގަންނަ އެއް ގައުމަކީ ޗައިނާ ކަމަށްވާއިރު، މިހާރު ޗައިނާއިން ވެސް ވަނީ އިންޑިއާގެ އުފެއްދުންތަކާ މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.
ޚަބަރުތައް ލިބޭގޮތުގައި، އިންޑިއާގެ ތިން އެކްސްޕޯޓަރަކު ފޮނުވި ހިކި މިރުހުގެ ގިނަ ޝިޕްމަންޓްތަކެއް ޗައިނާއިން ވަނީ ރިޖެކްޓްކޮށްފައެވެ. މީގެ މައިގަނޑު ސަބަބަކީ އެ މިރުސްތަކުގައި "މެތަމިޑޯފޮސް" ކިޔާ ނުރައްކާތެރި ޕެސްޓިސައިޑެއް ހުރިކަން ތަހުލީލުތަކުން ދެއްކުމެވެ. މީގެ ކުރިން ވެސް ޗައިނާއިން ވަނީ އިންޑިއާގެ ހަނޑުލާއި ހިކި މިރުހުގެ ކޮލިޓީއާ މެދު ސުވާލު އުފައްދައި، އެތަކެތި ބަލައިގަތުމަށް ދެކޮޅު ހަދާފައެވެ.
މި މައްސަލައަކީ ހަމައެކަނި މޭވާ އާއި ތަރުކާރީއަށް އެކަނި އޮތް ނުރައްކަލެއް ނޫނެވެ. ޖަޕާނުން މީގެ ކުރިން އިންޑިއާގެ މާމުއިއާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށް، އެ ގައުމަށް އެތެރެކުރުން ހުއްޓުވާފައިވެއެވެ. އަދި ނޭޕާލުން ވެސް ވަނީ އިންޑިއާގެ މާމުއީގައި ސިއްހަތަށް ގެއްލުންދޭ ކެމިކަލްތައް ހުރި ކަމަށް ބުނެ، އެތައް ޝިޕްމަންޓެއް ރިޖެކްޓްކޮށްފައެވެ.
ދުނިޔޭގެ ބޮޑެތި ގައުމުތަކުން އިންޑިއާގެ ކާބޯތަކެތީގެ އުފެއްދުންތަކަށް ފަހަތު ފަޔަށް އަރަމުންދަނީ، އެ ގައުމުގެ ދަނޑުވެރިކަމުގައި ބޭނުންކުރާ ބޭހާއި ކެމިކަލްތަކުގެ މިންވަރު ބައިނަލްއަގުވާމީ މިންގަނޑުތަކަށްވުރެ މަތިވުމުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން އިންޑިއާގެ އެކްސްޕޯޓް މާކެޓަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެވެއެވެ.










