
އިންޑިއާގެ ޖަރުކަންދު ސްޓޭޓްގެ ހަޒާރިބާގުގައި މުސްލިމް ކުޑަ ދެބެން ރަހުމުކުޑަ ގޮތަކަށް މަރާލި މައްސަލާގައި ސަންޖީތު ކުމާރު ޕަސްވާން ނަމަކަށް ކިޔާ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ލޯކަލް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މި މައްސަލައިގެ ތަހުގީގަށްފަހު ފުލުހުން އޭނާ ހައްޔަރުކުރީ އެ ސަރަހައްދުން ހެކި އެއްކުރުމަށްފަހުގައެވެ.
މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ މުސްލިމް ކޮމިއުނިޓީގެ ތެރޭގައި ބޮޑު ސިހުމަކާއި ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ. ސޯޝަލް މީޑިއާގައި މި މައްސަލައަށް ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު، އެކްޓިވިސްޓުންނާއި މުޖުތަމައުގެ ލީޑަރުން ދަނީ ޝިކާރައަކަށް ވެފައިވާ މުސްލިމް އާއިލާއަށް އަވަސް އިންސާފު ހޯދައިދިނުމަށް ގޮވާލަމުންނެވެ.
އިންޑިއާއަކީ ފަހަކަށް އައިސް މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާއި، އަނިޔާވެރިކަން އިންތިހާއަށް އިތުރުވެފައިވާ ގައުމެކެވެ. މި ހާދިސާއަކީ ވެސް އެ ގައުމުގައި ނާޒުކު ހާލަތެއްގައި ތިބި މުސްލިމުންނަށާއި ކުޑަކުދިންނަށް އޮތް ނުރައްކާ ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. އެކްޓިވިސްޓުން ތުހުމަތުކުރާ ގޮތުގައި، މިފަދަ ޖަރީމާތައް އިތުރުވަމުންދަނީ މުސްލިމުންނާ މެދު އޮންނަ ތަފާތުކުރުންތަކާއި ނަފުރަތުގެ ސަބަބުންނެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ ހިންގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ހުރިހާ ދިމާލަކުން ތަހުގީގު ކުރަމުންދާ ކަމަށެވެ. މީގެ ތެރޭގައި އެއީ ޒާތީ ހަސަދައެއްތޯ ނުވަތަ ވަކި ޖަމާއަތަކަށް އަމާޒުކޮށްގެން ހިންގި ޖަރީމާއެއްތޯ ބަލަމުންދާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި، މުޖުތަމައުގެ ގިނަ ބަޔަކު އެއްވެ މަރުވި ކުދިންގެ އާއިލާއާ އެކު އެއްބައިވަންތަކަން ފާޅުކުރަމުންދާއިރު، އެންމެންގެވެސް ޑިމާންޑަކީ މި ޖަރީމާ ހިންގި ފަރާތަށް ގާނޫނީ ގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ދިނުމެވެ. ފުލުހުން ވަނީ ތަހުގީގު ނިމެންދެން ކަމާނުބެހޭ މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.










