ސަހްޔޫނީންގެ ކެބިނެޓް ގެ ބައްދަލުވުމެއްގައި ލުބުނާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހިޒްބުاللهއާ އެކު ހިނގަމުންދާ ހަމަނުޖެހުންތައް ވަގުތީ ގޮތުން ނިމުމަކަށް ގެނައުމަށް ހަނގުރާމަ ހުއްޓާލުމަށް ރުހުން ދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެ ގައުމުން ރިޕޯޓްކޮށްފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، މި ހަނގުރާމައިގެ ފުރަތަމަ މުއްދަތަކީ 60 ދުވަހުގެ މުއްދަތަކަށް ކަމަށާއި އޭގެ ތެރޭގައި ލުބުނާނުން ސަހްޔޫނީންގެ ސިފައިން ފޭބުން ވެސް ހިމެނޭ ކަމަށެވެ.
އޭގެ ބަދަލުގައި ހިޒްބުالله އިން ބައިނަލްއަގްވާމީ ބޯޑަރުގެ އުތުރުން ގާތްގަނޑަކަށް 30 ކިލޯމީޓަރު (18 މޭލު) ދުރުގައި އޮންނަ ލިޓާނީ ކޯރުގެ ދެކުނުން އޮންނަ އޮތުން ހުއްޓާލައި، އޭގެ ބަދަލުގައި ލުބުނާނުގެ އަސްކަރިއްޔާގެ ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވާ ގޮތަށް އެއްބަސްވުން ހިމެނެއެވެ.
އެއްބަސްވުމަކަށް ޑިޕްލޮމެޓުން ލަފާދިން ނަމަވެސް ވަރުގަދަ ކުރިމަތިލުންތަކެއް މިހާރުވެސް ހިނގަމުން އަންނައިރު، ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ސަހްޔޫނީންގެ ވައިގެ ހަމަލާތަކުގައި 31 މީހުން މިއަދުވެސް ޝަހީދުވެފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.
މިއަދު ބާއްވާ މި ބައްދަލުވުމުގައި މިނިސްޓަރުން އެ އެއްބަސްވުމަށް ވޯޓަށް އަހާނެ ކަމަށް ބެލެވޭ ކަމަށް ސަހްޔޫނީންގެ އޮފިޝަލަކު ބުނެފައިވެއެވެ. ސަހްޔޫނީންގެ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ބުނީ މި ބައްދަލުވުމަކީ އެއްބަސްވުމުގެ ލިޔުން ފާސްކުރުމަށް ބޭއްވޭ ބައްދަލުވުމެއް ކަމަށެވެ.
ލުބުނާނުގެ އިސް ހަތަރު މަސްދަރަކާ ހަވާލާދީ އެ ނިއުސް އެޖެންސީން ބުނީ ލުބްނާނުގެ ޒަމާންވީ ގާތް ގައުމުތައް ކަމަށްވާ ކަމަށްވާ އެމެރިކާ އާއި ފަރަންސޭސިވިލާތުން ހަނގުރާމަ ހުއްޓާލަން އިއުލާނު ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.