ރޮހިންޖާ ދަރިކޮޅުގެ މީހުންނަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި މިޔަންމާގެ އަސްކަރީ ވެރިޔާ ހައްޔަރުކުރުމުގެ ބައިނަލްއަގުވާމީ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގެ ޕްރޮސެކިއުޓާ އެދިވަޑައިގެންފި އެވެ.
ޕްރޮސެކިއުޓާ ކަރީމް ޚާންގެ އޮފީހުން ބުދަ ދުވަހު ބުނީ 2021 ވަނަ އަހަރު ބަޣާވާތަކުން ގައުމުގެ ކޮންޓްރޯލް އަތުލި އަސްކަރީ ސަރުކާރުގެ ވެރިޔާ މިން އަންގް ހަލައިންގް އަކީ ރޮހިންޖާ ދަރިކޮޅުގެ މީހުންނާ މެދު އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގި ކަމުގެ ޒިންމާ އުފުލަން ޖެހޭ ބޭފުޅެއް ކަމަށެވެ.
އެ ގައުމުގެ ރަކީން ސްޓޭޓުގައި 2016-17 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކުގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ޖަރީމާތައް ޕްރޮސެކިއުޓާ އޮފީހުން ބަލަމުން އަންނަތާ ފަސް އަހަރު ވެފައިވާ ކަމަށް އެ ކޯޓުން ނެރެފައިވާ ބަޔާނުގައި ވެ އެވެ.
އޭރު މިޔަންމާ ގެ އަސްކަރިއްޔާއިން ވަނީ ރޮހިންޔާ ދަރިކޮޅުގެ އާންމުންނާ ދެކޮޅަށް އަނިޔާވެރި ފިޔަވަޅުތަކެއް އަޅައި، އެކަމުގެ ސަބަބުން އަވަށްޓެރި ބަންގްލަދޭޝްއަށް ހަތް ލައްކައެއްހާ މީހުން ފިލައިގެން ގޮސްފައިވެއެވެ.
މިޔަންމާގައި އަދި ބަންގްލަދޭޝްގައި ހިންގަމުންދާ ރޮހިންޖާ ދަރިކޮޅުގެ މީހުންނަށް އަނިޔާކުރުމުގައި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ޖިނާއީ ޒިންމާ އަސްކަރިއްޔާގެ ވެރިޔާ މިން އަންގް ހްލައިންގް ނަގަންޖެހޭ ކަމަށް ޕްރޮސެކިއުޓަރ ބުނެފައިވެއެވެ.