ގާޒާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ގުޅޭ މަޝްވަރާތައް އަލުން ފެށުމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް މިސްރުގެ ގާހިރާގައި ފަލަސްތީނުގެ ވާދަވެރި ޖަމާއަތްތައް ކަމަށްވާ ފަތަހަ އާއި ގާޒާގައި ވެރިކަން ކުރާ ހަމާސްގެ ޖަމާއަތުގެ އޮފިޝަލުން ބައްދަލު ކޮށްފި އެވެ.
ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ސަހްޔޫނީނަށް ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލުމާ އެކު ސަހްޔޫނީން ދޭން ފެށި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިއަދުގެ ނިޔަލަށް 44،529 އަށް އަރާފައިވާ ޣައްޒާގައި ހުންނަ ހެލްތު މިނިސްޓްރީން ބުންޏެވެ.
ސަހްޔޫނީންނާއި ހަމާސް ސުލްހަކޮށް ހަމަލާތައް ހުއްޓުމަކަށް ގެންނަން ގަތަރުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުުރިއަށް ގެންދާތާ ވެސް އަހަރެއް ވެއްޖެ އެވެ. އެކަމަކު އެ މަޝްވަރާތަކުގައި މިހާތަނަށް ހަމަލާތައް ހުއްޓުމަކަށް ގެނެވުނީ އެންމެ ހަފްތާއަކަށެވެ.
އެކަމަކު ލުބްނާންގައި ހަމަލާ ދިނުން މެދުކަނޑާލުމާ އެކު ހަމާސް އިން ވަނީ ހަމަލާތައް ހުއްޓާލުމާއި ރަހީނުން މިނިވަންކުރުމާ ބެހޭ ގޮތުން ހުރިހާ މައުލޫއެއްގައި ވެސް ވާހަކަ ދައްކަން ތައްޔާރު ކަމަށް ބުނެފަ އެވެ.
މަޝްވަރާތައް އަލުން ފެށުމަށް މަސައްކަތް ކުރަމުން ދަނީ މިސްރުން އިސްނަގައިގެންނެވެ. މިސްރުގެ އޮފިޝަލުންނާ އެކު ވާހަކަތައް ބޭއްވުމަށް ޙަމާސްގެ އިސް އޮފިޝަލުންގެ ވަފުދެއް ވަނީ އެ ގައުމުގެ ވެރިރަށް ގާހިރާއަށް ދަތުރު ކޮށްފަ އެވެ.
ހަމާސްއިން ބުނި ގޮތުން ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިންނަށް -- މިސްރަށާއި ގަތަށް އެ ޖަމާތުން ހުށަހެޅުމެއް އޮންނާނީ ހުށަހަޅާފަ އެވެ. އެއީ ހަމަލާތައް ހުއްޓާލައި ގާޒާއަށް އަލުން ދިރުން ގެނައުމަށް ކަމަށްވެސް ހަމާސްއިން ބުންޏެވެ.
ހަމަލާތައް ހުއްޓާލައި، ގާޒާ ދޫކޮށްގޮސް ތިބި އާންމު އަލުން ގެނައުމަށް މަގުފަހިކުރުމަށް ހަރުދަނާ އެއްބަސްވުމަކަށް ބޭނުންވާ ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.
ހަމަލާތަައް ހުއްޓާލުމާ އެކު ސަހްޔޫނީންގެ އަސްކަރީ ބާރުތައް ގާޒާއިން ފައިބައި، އެހީދޭ ގާފިލާތަކަށް މިނިވަންކަން ދޭން ޖެހޭނެ ކަމަށް ވެސް ހަމާސްއިން ބުންޏެވެ.
ހަމާސްއިން ބުނާ ގޮތުން ސުލްހައިގެ މަޝްވަރާތަކަށް ސަހްޔޫނީން އިހުތިރާމްކުރަން ޖެހޭނެ އެވެ. އަދި އެއީ ސަހްޔޫނީން އަމަލުކުރުން ލާޒިމު އެއްބަސްވުމަކަށް ވެސް ވާން ޖެހޭނެ އެވެ.