ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޮލް / ސަންޑޭ ޓައިމްސް
ދުނިޔެ
ދެކުނު ކޮރެއާގެ ރައީސް ޔޫން ގައުމުން ބޭރަށް ވަޑައިގަތުން ޖަސްޓިސް މިނިސްޓްރީން މަނާކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
10 ޑިސެމްބަރު 2024
މާލެ ސިޓީ

އަސްކަރީ ގާނޫނާ ގުޅިގެން ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޮލް ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށްފިއެވެ.

ސަބަބެއް ކަމަށް ބުނެފައި އޮތީ ދެކުނު ކޮރެއާގައި އަސްކަރީ ގާނޫން އިއުލާންކުރުމަށް ހާޖަތެއް ނެތި، އަސްކަރީ ގާނޫން އިއުލާންކުރެއްވުމަކީ ރައީސް ގާނޫނާ ހިލާފު ކުރެއްވި ކަމަކަށް ވާތީ ކަމަށެވެ.

ރައީސްގެ އިތުރުން ދިފާއީ ވަޒީރާއި އިންޓީރިއާ މިނިސްޓަރު ހިމެނޭ ގޮތުން 11 ވެރިއަކަށް ވަނީ ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށްފަ އެވެ.

ދެކުނު ކޮރެޔާގެ ނޫސްތަކުން ބުނާ ގޮތުގައި ގައުމަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ޔޫނާ ދެކޮޅަށް ޖިނާއީ ތަހުގީގެއް މިހާރު ވަނީ ފަށައިފަ އެވެ. މި ދަނޑިވަޅުގައި އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި ގޮވާލުންތަކުގެ އަޑު ވެސް ދަނީ ގަދަވަމުންނެވެ.

އޮފިޝަލުންގެ މައްޗަށް އުފުލަނީ ފިތުނަވެރިކަމާއި ބާރުގެ ބޭނުން ހިފުމާއި އެހެން މީހުންނަށް އެމީހުންގެ ހައްގުތައް ބޭނުން ކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.

ދެކުނު ކޮރެޔާގެ ކޮރަޕްޝަން ތަހުގީގީ ކުރާ އިދާރާއަށް ރައީސާއި ރައީސްގެ އާއިލީ މެންބަރުން ތަހުގީގު ކުރުމުގެ ފުރުސަތު އޮތް ނަމަވެސް ރައީސާ ދެކޮޅަށް ދައުވާ ކުރުމުގެ ހުއްދައެއް ނޯވެ އެވެ. އޭގެ ބަދަލުގައި އެ ގައުމުގެ ގާނޫނު ލާޒިމް ކުރަނީ އެ އިދާރާއިން ރައީސްގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލަށް ހުށަހެޅުމެވެ.

ރައީސްގެ އަމަލުތަކާ ގުޅިގެން އަޅާފައި ވަނީ ކޮން ފިޔަވަޅު ތަކެއްތޯ ދެކުނު ކޮރެޔާގެ ކޮރަޕްޝަން ތަހުގީގުކުރާ އިދާރާގެ ވެރިޔާ އޯ ޑޮން-ވޫން ގާތު އެ ގައުމުގެ ގާނޫނުހަދާ މަޖިހީހުން އެހުމުން އޭނާ ވިދާޅުވީ ރައީސްގެ ޕާސްޕޯޓު ހިފަހައްޓައި ގައުމުން ބޭރަށް ދަތުރުކުރެއްވުން މަނާ ކޮށްފައިވާ ކަމަށެވެ. އެ ގައުމުގެ އަދުލް އިންސާފާ ބެހޭ ވުޒާރާއިން އެކަން ކަށަވަރު ކޮށްދީފައިވެ އެވެ.

މި މަހުގެ ތިން ވަނަ ދުވަހު ޔޫން އަސްކަރީ ގާނޫނު އިއުލާނުކުރެއްވީ އިދިކޮޅުން ބަޣާވާތެއް ކުރަން އުޅޭ ކަމަށާއި އުތުރު ކޮރެއާއާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުން ފާސްނުވުމުން އަސްކަރީ ގާނޫނު ދެތިން ގަޑިއިރުތެރޭގައި ވަނީ އަނބުރާ ގެންގޮސްފައެވެ.

އޭގެފަހުން މި މަހުގެ ހަަތަރުވަނަ ދުވަހު ޔޫން ވަނީ އަސްކަރީ ގާނޫނު އިއުލާނުކުރެއްވުމުގެ މަސައްކަތާ ގުޅިގެން މައާފަށް އެދިވަޑައިގެންފައެވެ. މައާފަށް އެދިވަޑައިގެން ނަމަވެސް އިސްތިއުފާއެއް ނުދެއްވައެވެ.

ގާނޫނު ތަންފީޒުކުރުމާ ގުޅިގެން މި މަހުގެ ޔޫން މަގާމުން ދުރުކުރުމުގެ ގޮތުން އޭނާގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓެއްވެސް ހޮނިހިރު ދުވަހު ނެގި އެވެ.

ނަމަވެސް ވޯޓުން ސަލާމަތްވެވަޑައިގަތީ ސަރުކާރުން ހިންގާ އަދި ޔޫން ނިސްބަތްވެވަޑައިގަންނަވާ ޕީޕަލް ޕަވާ ޕާޓީ (ޕީޕީޕީ) ގެ މެމްބަރުން ޖަލްސާ ދޫކުރައްވާ ވަޑައިގަތުމުން ކޯރަމް ހަމަނުވުމުންނެވެ.

ރައީސް ޔޫންއާ ދެކޮޅަށް މަޖިލީހުގައި ނަގަން އޮތް ވޯޓުގައި އޭނާ މަގާމުން ދުރުކުރުމަށް 200 މެމްބަރުން ވޯޓުދޭން ޖެހެ އެވެ. ނަމަވެސް، ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުން މަޖިލީސް ދޫކޮށް ވަޑައިގަތުމުން އަގުލަބިއްޔަތު ވަނީ ގެއްލިފަ އެވެ.

މަދަނީ ވެރިކަން ވަގުތީ ގޮތުން ހުއްޓުމަކަށް ގެންދަނީ ހަތުރުވެރި އުތުރު ކޮރެއާގެ ކޮމިއުނިސްޓް ބާރުތަކުގެ ނުރައްކަލުން ދެކުނު ކޮރެއާ ސަލާމަތްކުރުމަށާއި ރައްޔިތުންގެ މިނިވަންކަމާއި އުފާވެރިކަމާއި ދައުލަތާ ދެކޮޅު ފަރާތްތަކުގެ ކިބައިން ރައްޔިތުން ހިމާޔަތްކުރުމަށް ކަމަށް ޔޫން ވިދާޅުވި އެވެ.

ދެކުނު ކޮރެއާގައި، ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރި ނަމަވެސް 180 ދުވަހުގެ ތެރޭގައި ދުސްތޫރީ ކޯޓުން މި ނިންމުމާ ގުޅޭ ގޮތުން ހުކުމެއް އިއްވަން ޖެހޭނެ އެވެ. އެ ހުކުމް އަންނަންދެން ރައީސް ސަސްޕެންޑް ކުރާނެ އެވެ. އަދި އެ މުއްދަތުގައި ވަގުތީ ރައީސްގެ ގޮތުގައި ބޮޑުވަޒީރު މަސައްކަތް ފައްޓަވާނެ އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved