އިންތިގާލީ އަދި ކުރީގެ ސަރުކާރުތަކުގެ ވަޒީރުންނާ އެކު ބޭއްވި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މުހައްމަދު އަލް ބަޝީރު / އަލްޖަޒީރާ
ދުނިޔެ
ސީރިއާގެ އިންތިގާލީ ބޮޑުވަޒީރުގެ މަގާމަށް މުހައްމަދު އަލް ބަޝީރު
Qudhrathullah Ameen
ގުދުރަތުﷲ އަމީން
11 ޑިސެމްބަރު 2024
މާލެ ސިޓީ

ސޫރިޔާގެ ވެރިކަން ވައްޓައިލުމަށް ފަހު އިންތިގާލީ ސަރުކާރެއް ގާއިމުކޮށް، އެ ސަރުކާރުގެ ބޮޑުވަޒީރު ކަމުގެ މަގާމާ މުހައްމަދު އަލް-ބަޝީރް ހަވާލުވެއްޖެ އެވެ.

ހައިއަތު ތަހުރީރުއްޝާމްގެ ހަނގުރާމަވެރިން ކޮންޓްރޯލްކުރާ މީޑިއާތަކުން ބުނި ގޮތުން އިންތިގާލީ ބޮޑުވަޒީރުގެ މަގާމުގައި އަލް ބަޝީރު ދެމިހުންނަވާނީ އަންނަ އަހަރު މާރިޗު ފެށެންދެންނެވެ. އެހާ ހިސާބަށް ސީރިއާގައި ރަސްމީ ސަރުކާރެއް އެކުލަވާލުމާ މެދު ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.

އިންތިގާލީ ބޮޑުވަޒީރުގެ މަގާމަށް އަލް ބަޝީރު ހަމަޖެއްސެވީ، ބައްޝާރުލް އަސަދު ސަރުކާރު ވައްޓާލުމަށް އަންބާ ކިޔާފައި ނުކުތް ހަނގުރާމަވެރި ޖަމާއަތް -- ހައިއަތު ތަހުރީރުއްޝާމްގެ ލީޑަރު އަބޫ މުހައްމަދު އަލް ޖޫލާނީ އެވެ. ބުނެވޭ ގޮތުގައި އަލް ބަޝީރަކީ ޖޫލާނީގެ ވަރަށް އަރިސް އެކުވެރިއެކެެވެ.

ބަޝީރަކީ ސޫރިޔާގެ ގިނަ ރައްޔިތުން ދަންނަ މީހަކަށް ނުވި ނަމަވެސް، ސޫރިޔާގެ ހުޅަނގުއުތުރުގައި ހަތިޔާރު އެޅި ޖަމާއަތްތަކުން އެކުވެ ގާއިމު ކޮށްފައިވާ ސަރުކާރުގެ ވެރިޔަކީ ވެސް އޭނާ އެވެ. އޭނާގެ ސީވީ އިން އެނގޭ ގޮތުގައި އޭނާ ވަނީ 2011 ވަނަ އަހަރު ދާހިލީ ހަނގުރާމަ ފެށުމުގެ ކުރިން އިލެކްޓްރިކަލް އިންޖިނިއަރެއްގެ ގޮތުގައި ތަމްރީނުވެ، ގޭސް ޕްލާންޓްތަކުގައި މަސައްކަތްކޮށްފަ އެވެ.

ސީރިޔާގެ ވެރިކަން ވައްޓާލީ އިދިކޮޅު ހަނގުރާމަވެރިން ކުރި މަސައްކަތުން މިދިޔަ އާދީއްތަ ދުވަހު އެވެ. އެއާ އެކު އެ ގައުމުގައި އުފާ ފާޅު ކުރުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދިޔަ އެވެ. އެޗްޓީއެސްގެ ހަނގުރާމަވެރިން ދިމިޝްގަށް އަރައިގަތުމާ އެކު، އަސަދު ވަނީ އޭނާގެ އާއިލާއާ އެކު ރަޝިޔާއަށް ދަތުރު ކުރައްވާފަ އެވެ. އަދި، މޮސްކޯއިން ހމާޔަތް ހޯއްދަވާފަ އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved