ސީރިއާގެ ވެރިކަމުން ބައްޝާރުލް އަސަދު ދުރުކުރުމަށް ދިން ހަމަލާތަކުގައި އިސްކޮށް ހަރަކާތްތެރިވި ހަޔާތު ތަހްރީރު އަލް ޝާމް (އެޗްޓީއެސް) ޖަމާއަތުގެ ވެރިޔާ ހުސައިން އަލް ޝަރާ ނުވަތަ އަބޫ މުހައްމަދު އަލް ޖޫލާނީ އަކީ މިހާރު ޓެރަރިސްޓެއް ނޫން ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކަނޑައަޅައިފި އެވެ.
އެމެރިކާއިން 2018 ވަނަ އަހަރުވަނީ އެޗްޓީއެސް އަކީ "ނިރުބަވެރި" ޖަމާއަތެއްކަމަށް ކަނޑައަޅާފައެވެ. އަލް ޝަރާ؛ ނުވަތަ އަބޫ މުހައްމަދު އަލް ޖުލާނީ އަކީ މިޖަމާއަތުގެ ލީޑަރެވެ. އަދި ކުރިން އަލްގައިދާގެ މެމްބަރެކެވެ.
އަދި އަބޫ މުހައްމަދު އަލް ޖޫލާނީގެ ބޯ ކަނޑާލައިގެން ގެނެސްދިން މީހަކަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ 10 މިލިއަން ޑޮލަރު ދޭން ވެސް ނިންމައިފަ އެވެ.
ނަމަވެސް ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމަށް ފަހު އަލަށް ވެރިކަމަށް ވަޑައިގެންނެވި އާ އިންތިގާލީ ސަރުކާރުގެ ވެރިން ނަށް ތާއީދު ކުރަން މިހާރު އެމެރިކާ ވަނީ ނިންމައިފަ އެވެ.
ސީރިއާގައި މިހާރު ވެރިކަންކުރާ ހައިއަތު ތަހުރީރުއްޝާމް (އެޗްޓީއެސް)ގެ ލީޑަރަކީ އަހްމަދު ހުސައިން އަލް ޝަރާ ނުވަތަ އަބޫ މުހައްމަދު އަލް ޖޫލާނީ އެވެ.
އެމެރިކާގެ ހާރިޖީ ވަޒީރު ވިދާޅުވީ ބައި މަދު މީހުންނަށް އިހްތިރާމްކުރާ އިތުބާރުހިފޭ، އެންމެން ބައިވެރިވާ މަރުހަލާއަކުން އުފެދިގެން އަންނަ ސަރުކާރެއް ބަލައިގަނެ، ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އޭރު ބުނި ގޮތުން އަލް ޖޫލާނީ އަކީ މުޅި ދުނިޔެއަށް ވެސް ބޮޑު ނުރައްކަލެެކެވެ. އަދި އޭނާގެ ނަން އޮންނަން ޖެހޭނީ އެންމެ ނުރައްކާތެރި ޓެރަރިސްޓުންގެ ލިސްޓްގައި ކަމަށްވެސް އެމެރިކާއިން ބުންޏެވެ.
އަބޫ މުހައްމަދު އަލް ޖޫލާނީގެ ބޮލަށް ކަނޑައެޅި އިނާމު އެމެރިކާއިން ބާތިލުކުރީ، އޭނާ އިސްވެ ހިންގާ ހައިއަތު ތަހުރީރުއްޝާމުން ސީރިއާގައި އޮތް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލައި އެ ގައުމުގެ ވެރިކަމާ ހަވާލުވުމުންނެވެ.
އެމެރިކާ ބުނާ ގޮތުން އެ ލިސްޓްގައި އޮންނަ ޖަމާއަތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް އެޗްޓީއެސްއަށް ވެސް އަޅާނެ އެވެ. އެހެންނަމަވެސް އެޗްޓީއެސް ހަރަކާތްތެރިވާ ގޮތަށް ބަލައި އެމެރިކާގެ ސިޔާސަތަށް ބަދަލު ގެނައުމަކީ ކުރެވިދާނެ ކަމެއް ކަމަށް ބުންޏެވެ.
ޝަރާ ހައްޔަރު ކުރާ މީހަކަށް އެމެރިކާއިން ކަނޑައަޅާފައިވާ ފައިސާގެ އިނާމު އުވަލުމަކީ، ސޫރިޔާގައި އެމެރިކާއިން ބޭނުންވާ ފަދަ ސަރުކާރެއް ގާއިމު ކުރުމަށް އެޗްޓީއެސަށް ބާރު އަޅައި، އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރެ އެވެ.
ބައްޝާރަށް ވެރިކަން ދިފާއު ނުކުރެވޭނެކަން ޔަގީންވުމާ އެކު ބައްޝާރަށް ހިމާޔަތް ދީގެން ގެންގޮސްފައިވަނީ ރަޝިޔާއަށެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބައްޝާރާއި އޭނާގެ އާއިލާއަށް ވެސް ސީރިއާ އިން ވަނީ ސިޔާސީ ހިމާޔަތް ދީފަ އެވެ.