އިސްމާއީލް ހަނިއްޔާ. / އެރަބް ނިއުސް
ދުނިޔެ
ހަމާސްގެ ލީޑަރު ހަނިއްޔާ އަވަހާރަކޮށްލި ކަމަށް ސަހްޔޫނީން އެއްބަސްވެއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
25 ޑިސެމްބަރު 2024
މާލެ ސިޓީ

ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ކުރީގެ ވެރިޔާ، އިސްމާއީލް ހަނިއްޔާ ޝަހީދު ކޮށްލުމުގެ ފަހަތުގައި އޮތީ ޔަހޫދީ ފައުޖު ކަމަށް ސަހްޔޫނީންގެ ދިފާއީ ވަޒީރު އިސްރައެލް ކާޓްޒް ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެ އެވެ.

ކާޓްޒް މިހެން ބުނީ ސަހްޔޫނީނަށް މިސައިލާއި ޑްރޯން ހަމަލާދެމުން އަންނަ ޔަމަނުގެ ހޫތީ ހަރަކާތުގެ ވެރިންނަށް އަމާޒުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެން އިއްޔެ ދެއްކެވި ވާހަކައިގަ އެވެ.

މީގެ އިތުރުން ސޫރިޔާގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރު ވައްޓައިލުމުގެ ޒިންމާ އުފުލާ ކަމަށް ވެސް ކާޓްޒް ވަނީ ބުނެފަ އެވެ.

ޑިފެންސް މިނިސްޓްރީގައި ބޭއްވި އިވެންޓެއްގައި ކާޓްސް މިހެން ބުނެފައި ވާއިރު މިއީ ހަނިއްޔާއަށް ހަމަލާ ދިން ކަމަށް ސަހްޔޫނީން އާންމުކޮށް އެއްބަސްވި ފުރަތަމަ ފަހަރެވެ.

ހަނިއްޔާ، 62، އަކީ ހަމާސްގެ މުޅި ލީޑަރުގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އައި ބޭފުޅާ އެވެ. އަދި ގާޒާގައި ހަނގުރާމަ ހުއްޓާލުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ހަނިއްޔާ ޝަހީދު ކޮށްލާފައި ވަނީ އީރާނުގެ ވެރިރަށް ތަހްރާނަށް ޖުލައި މަހު ޔަހޫދީ ފައުޖުން ދިން ނިރުބަވެރި ހަމަލާއެއްގަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އިޒްރޭލުން ބެއިރޫތު ހަމަލާދީ ނަސްރުﷲ ޝަހީދުކޮށްލި އިރު، އޭގެ ފަހުން މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ވަނީ ހަނިއްޔާގެ ބަދަލުގައި ހަމަޖެއްސި ޔަހްޔާ ސިންވާރު ވެސް އަވަހަރާކޮށްލައިފަ އެވެ.

މި ހުރިހާ އަނިޔާވެރިކަމެއްގެ ފަހަތުގައި އޮތީ ސަހްޔޫނީންގެ މަދަދުވެރިޔާ އެމެރިކާއާއި އިނގިރޭސީން ހިމެނޭހެން ހުޅަގުގެ ޖައްބާރު ސަރުކާރުތަކެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 45،800 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 93،700އަށް އުފުލިފަ އެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved