ސަހްޔޫނީންގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ގާޒާގައި ހާލުގައި ޖެހިފައިވާ ބަޔަކު މަގުމަތީގައި: މި ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ އާ މަސައްކަތްތަކެއް ވަނީ ފަށާފައި. / އޭއެފްޕީ
ދުނިޔެ
ގާޒާ ރައްޔިތުންނަށް ދޭ ހަމަލާތައް ހުއްޓާލަން ސަހްޔޫނީން އަދި ވެސް ދެކޮޅު
Qudhrathullah Ameen
ގުދުރަތުﷲ އަމީން
26 ޑިސެމްބަރު 2024
މާލެ ސިޓީ

ފަލަސްތީނުގެ ގާޒާގެ މުސްލިމުންގެ ނަސްލު ނައްތާލަން ސަހުޔޫނީންގެ ފައުޖުން ހިންގަމުންދާ ލާއިންސާނީ އުދުވާންތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން އެކުލަވައިލަން މަސައްކަތް ކުރަމުންދާ ސުލްހައިގެ އެއްބަސްވުމަށް ސަހްޔޫނީން އަނެއްކާ ވެސް ހުރަސް އަޅައިފި އެވެ.

ގަތަރާއި މިސްރާއި އެމެރިކާ މެދުވެރިވެގެން ނުސީދާ މަޝްވަރާތައް ދޯހާގައި ކުރިއަށް ގެންގޮސްފައި ވާއިރު، މީގެ އަހަރެއް ކުރިން ދޭން ފެށި ހަމަލާތައް ހުއްޓުމަކަށް ގެނެވޭނެ އެއްބަސްވުމެއް ހެދޭތޯ އެތައް ފަހަރަކު މަޝްވަރާކޮށްފައިވެ އެވެ.

ނަމަވެސް، ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާއި އެހެން އެ ޖަމާއަތަކުން ބުނީ ސުލްހައިގެ އެއްބަސްވުން އެކުލަވައިލަން ކުރަމުންދާ މަސައްކަތްތަކަށް ސަހްޔޫނީން ހުރަސް އަޅަމުންދާ ކަމުގަ އެވެ. މި ގޮތުން، އެއްބަސްވުމަށް އިތުރު ޝަރުތުތަކެއް ހުށަހަޅައި، އެއްބަސްވުމުގެ ދެލިކޮޕީއަށް އުނިއިތުރު ގެނައުމަށް ސަހްޔޫނީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަސައްކަތް ކުރަމުންދާ ކަން ހަމާސުން ހާމަކުރި އެވެ.

ސަހްޔޫނީން ފައުޖުން މި ވަގުތު ވެސް ދަނީ ގާޒާގެ އެކި ސަރަހައްދުތަކަށް ޓެރަރިސްޓް ހަމަލާތައް އަމާޒު ކުރަމުންނެވެ. މި ހަމަލާތަކުގައި މުޅި ގާޒާހެން ފުނޑުފުނޑު ކޮށްލާފައިވާ އިރު، ހާއްސަކޮށް އުތުރު ގާޒާ ސަހަރުގެ ރައްޔިތުން ވަނީ ގެދޮރު ގެއްލި ވަންނާނެ އިތުރު ތަނެއް ނެތި ގޮތްހުސްވެފަ އެވެ. ސަހްޔޫނީންގެ ހަމަލާތައް އާންމުން ދިރިއުޅޭ އިމާރާތްތަކާއި ހޮސްޕިޓަލްތަކަށާއި ސްކޫލްތަކަށާއި މިސްކިތްތަކަށް ވެސް ވަނީ އަމާޒުކޮށްފަ އެވެ.

އދ.އިން ބުނީ ގާޒާގެ އުތުރުގައި ތިބި ފަލަސްތީނުގެ އާންމުންގެ ހާލަތަކީ ކެތް ނުކުރެވޭނެ ހާލަތެއް ކަމަށާއި އެ ސަރަހައްދުގައި ހަނގުރާމަ ކުރިއަށް ގެންދަނީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނުގެ ޝަރުތުތަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ ކަމަށެވެ.

ކާބޯތަކެއްޗާއި ބޭހާއި، ކޮންމެހެން ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ސަހްޔޫނީންގެ ކަމާބެހޭ ފަރާތްތަކުން ހުރަސް އަޅަމުންދާތީ، މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ވެސް އދ.އިން ބުނެ އެވެ.

ގާޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 45,838އަށް އުފުލިފަ އެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved