ގައުމުގެ އިސް މީހަކު ފްރޭމުކޮށް ހެކިބަސް ދޭން ދެކޮޅު ހެދުމުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުގައި ވަކާލާތުކުރަމުންދާ އަހުމަދު ހިޝާން ފުލުހުންގެ އިދާރާއިން ފްރޭމުކުރި މައްސަލަ ބަލަން މި ސަރުކާރުގައި ދެކޮޅު ހަދައިފިއެވެ.
މިކަމާ ގުޅިގެން "ތޭރަ އޮންލައިން"އަށް މައުލޫމާތު ދެމުން ހިޝާން ވިދާޅުވީ، ނިމި ދިޔަ ސަރުކާރުގައި ފުލުހުންގެ މުއައްސަސާގެ ތެރެއިން ގިނަ ބަޔަކު ފްރޭމުކުރުމުގެ ކުޅިވަރު ކުޅުނުއިރު އޭނާއަކީ އެކަމުގެ ޝިކާރައަކަށް ވެގެން މީހެއް ކަމަށެވެ.
އެގޮތުން ހިޝާން ވަނީ ނިމިދިޔަ ސަރުކާރުން އޭނާ ފްރޭމުކޮށް އަގު ވައްޓާލީ އެއްވެސް ހަގީގަތެއް ނެތްކަމަކާ ގުޅުވާ ދޮގު ހަދައިގެންކަމަށް ވިދާޅުވިއެވެ. އެގޮތުން އޭނާ ރާއްޖެއިން ބޭރަށް ފުރަން ފްލައިޓަށް އަރާ އިންދާ ގޮސް ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ގެނެސް ކުރެވޭ ތުހުމަތަށް އޭނާއާ ސުވާލުކުރިއިރު، އެނާގެ މައްޗަށް ކުރާ ތުހުމަތުކަމުގައިވާ، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އަނިޔާ ލިބުނު ވިކްޓިމްއަކީ ކާކުކަން ފުލުހުންނަށް، ބުނެދެވިފައިނުވާ ކަން ވެސް ހިޝާން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އޭނާގެ އެފަދަ މައްސަލައެއް އޮތްތޯ ބަލަން ކުޑަކުދިންގެ ބެލެނިވެރި ވުޒާރާ ކަމަށްވާ ޖެންޑަރ ސިޓީއެއް ހުށަހެޅުމުން އޭނާއަށް ލިޔުމުން ޖެންޑާއިން ދިން ޖަވާބުގައި ބުނެފައިވަނީ އޭނާގެ އެއްވެސް މައްސަލައެއް ޖެންޑަރގައި ރިޕޯޓުކުރެވި ފައިލްކުރެވިފައިވާ ވެސް ނުވާކަމަކަށް ކަން ހިޝާން ކިޔައިދީފައިވެއެވެ.
ހަމައެހެންމެ ޖެންޑަރގައި އެފަދަ މައްސަލައެއް ރެކޯޑުކުރެވިފައިނުވާތީ ދެން އޭނާ މަސައްކަތްކުރީ ޗިލްރަން އޮމްބަޑްސްޕާސަންގެ އޮފީހުގައި އޭނާގެ މައްސަލައެއް އޮތްތޯ ބެލުމަށް ކަމަށާ ނަމަވެސް އެ އިދާރާގައި ވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އެއްވެސް މައްސަލައެއް ނެތް ކަމަށް މައުލޫމާތު ދިން ކަމަށް ވެސް ހިޝާންގެ ވާހަކައިގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ދެން އޭނާ ބެލީ ހިއުމަން ރައިޓްސް ކޮމިޝަންއަށް މައްސަލަ ހުށަހަޅައިގެން ކަން ހިނގި ގޮތް ތަހުގީގުކުރަން ކަމަށާ އޭގެ އަހަރެއްހާ ދުވަސްފަހުން އެޗްއާރުސީއެމުން ނެރުނު ބަޔާނުގައިވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި ވިކްޓިމްއަކީ ކާކުކަން ބުނެދެވިފައި ނުވުމާ އަދި އޭނާއަށް ތުހުމަތު ކުރެވޭ ކަމަށް ބުނާ ފަދަ މައްސަލައެއް ފުލުހަށް ރިޕޯޓުކޮށްފައި ވާކަންވެސް ފުލުހުންނަށް ހާމަކޮށްދެވިފައިނުވުމުން އެއީ ސިދާ ހިޝާން ފްރޭމުކޮށް ދިން އަނިޔާއެއްގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ.
އެޗްއާރްސީއެމްގެ ބަޔާނުން ހިތްވަރު ލިބިގަނެ، ހިސާން ވަނީ އޭނާ ފްރޭމުކުރުމަށް ފުލުހުންގެ އިދާރާގެ ތެރެއިން މަސައްކަތްކޮށްފައިވާ ވުމުގެ މައްސަލަ ބަލައިދިނުމަށް މިހާރު ފުލުހަށް ހުށަހަޅާފައެވެ. ނަމަވެސް ފުލުހުންގެ ސީޕީ އަލީ ޝުޖާއު ދަނީ އެކަމާ ދެކޮޅު ހަދަމުން ކަމަށް ހިޝާން ހާމަކޮށްފައިވެއެވެ. ޝުޖާއުއަކީ ހިޝާން ފްރޭމުކުރުމަށް އެންމެ ކުރީގައި ހުރި ކުރީގެ އޭސީޕީ މުހައްމަދު ރިޔާޟުގެ ވަރަށް ގާތް މީހެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ހިޝާން ހާމަކޮށްފައިވާ ގޮތުގައި ގައުމުގެ އިސް މީހަކު ފްރޭމުކުރުމަށް ބަޔާން ދޭންވީ ގޮތާ އަދި ތަހުގީގުގައި ކިޔަންވީ ވާހަކަތައްވެސް މުހައްމަދު ރިޔާޟު އޭނާއަށް ބުނެދިން ކަމަށާ އަދި އެ ގޮތަށް ބަޔާން ދީފި ނަމަ އޭނާގެ މައްޗަށް އޮތް ކަމަށް ފުލުހުން ބުނާ ޖިންސީ ގޯނާގެ މައްސަލަ އޮއްބާލަދޭނެ ކަމަށް ބުނިކަމަށްވެސް ހިސާން ކިޔާދީފައިވެއެވެ.
ނަމަވެސް އޭނާ އެކަމާ ދެކޮޅު ހެދިކަމަށާ އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްވެސް އޭނާއާ ދިމާވެ މީހަކުގެ އަގު ގަސްތުގައި ވައްޓާލަން ބަޔަކު ބުނެގެން ބަޔާން ނުދޭން ނަސޭހަތްދިން ކަމަށާ އެގޮތުން އެފަދައިން ބަޔާން ދީފިނަމަ އެއީ މީހަކަށް ދެވޭނެ ވަރަށް ބޮޑު އަނިޔާއަކަށްވާނެކަމަށްވެސް ނާޒިމް ވިދާޅުވި ކަމަށްވެސް ހިޝާން ކިޔައިދީފައިވެއެވެ.
އެހެންކަމުން އެ އިސް މީހާ ފްރޭމުކޮށް ގޮޅިއަކަށް ފެއްތުމަށް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުގައި އޭނާގެ ޅިޔަނު މުހައްމަދު ހަމީދުގެ ސީޕީކަމުގައި ކުރި މަސައްކަތް ކާމިޔާބުކުރަން ބަޔާން ނުދިނުމުން ހިޝާންގެ އަގު ވައްޓާލާ އަދި ދިރިއުޅުނު އެޕާޓުމަންޓުގައި ހުރި މުދާތައްވެސް ހިފަހައްޓާ އޭނާއަށް ރާއްޖޭގައި ދިރިއުޅުމަށް ދަތި ކުރިކަން ވެސް ހިޝާން ވަނީ ކިޔައިދީފައެވެ.
ނަތީޖާއެއްގެ ގޮތުން އަމިއްލަ ގައުމު ދޫކޮށް ގޮސް ބޭރު ގައުމުތަކުގައި އަރުވާލެވިގެން ހުރެ އޭނާ މިހާރު ގެންދަނީ އޭނާ ފްރޭމުކުރި މީހުންނާ ދެކޮޅަށް ހިމޭން އިހުތިޖާޖުކުރަމުންނެވެ. ހިޝާން ވިދާޅުވި ގޮތުގައި ގިނަ ގައުމުތަކަކަށް އޭނާ އެކަމުގައި ރާއްޖެ ގޮވައިގެން ހިނގާނެ ކަމަށެވެ.