ޤާނޫނީ ވަކީލު އަލީ ހުސެއިން - / މިހާރު
ހަބަރު, ސިޔާސީ
ދެމިލިޔަން ފަތުރުވެރިން ރާއްޖެއަށް އައީ މި ސަރުކާރުން ކުރި ކަމެއްގެ ސަބަބަކުން ނޫން: އަލީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
30 ޑިސެމްބަރު 2024
މާލެ ސިޓީ

ދެމިލިޔަން ފަތުރުވެރިން ރާއްޖެއަށް އައީ މި ސަރުކާރުން ކުރި ކަމެއްގެ ސަބަބަކުން ނޫން ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައި ލިޔެވުނު ދެ މިލިއަން ވަނަ ޓޫރިސްޓުގެ ޝަރަފު ހޯދީ، މި މަހު 26 ވަނަ ދުވަހު ރާއްޖެ ޒިޔާރަތް ކުރި ފިރިމީހާ އާއި ދެ ކުދިންނާ އެކު އައި އޮސްޓްރިއާގެ އަންހެނެކެވެ.

އެ އާއިލާ އަށް ސާއި ލެގޫން މޯލްޑިވްސް ރިސޯޓުގައި ހަ ދުވަހުގެ ޕެކޭޖެއްގެ އިތުރުން، އެމްއެމްޕީއާރުސީ އާއި ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލް އާއި މޯލްޑިވްސް އިމިގްރޭޝަން އަދި ކަސްޓަމްސް ސާވިސް ވަނީ އެ ޓޫރިސްޓަށް ހާއްސަ ހަދިޔާއެއް ދީފަ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައި، ފުރަތަމަ ފަހަރަށް އަހަރެއްގެ ތެރޭގައި ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރުން ސަރުކާރުން ފާހަގަ ކުރަމުން ދަނިކޮށް އަލީ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެމިލިޔަން ފަތުރުވެރިން ރާއްޖެއަށް އައީ މި ސަރުކާރުން ކުރި ކަމެއްގެ ސަބަބަކުން ނޫން. ކަމަށާއި ހަގީގަތަކީ ދިވެހި ފަތުރުވެރިކަމުގެ ސިނާއަތަށް މިސަރުކާރުން ދިންވަރުގެ ބޮޑެތި އަނިޔާތަކެއް ދިން އެއްވެސް ސަރުކާރެއް އަދި ނާންނަ ކަމަށެވެ.

އަލީ މިފަދައިން ވިދާޅުވިއިރު މި ސަރުކާރުން ވެރިކަމާއި ހަވާލުވެ އެއާޕޯޓް ޓެކްސްތަކާއި ފީތައް ކުއްލި ކުއްލިއަށް ބޮޑުކުރުމަކީ ރާއްޖެ މާ އަގުބޮޑު ތަނަކަށްވެ، ފަތުރުވެރިން އައުން މަދުވެދާނެ ކަމެއްގެ ގޮތުގައި ފާހަގަކޮށް ބައެއް ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިފަހުން ވަނީ އެއާޕޯޓް ޓެކުހާއި ފީތައް ބޮޑުކުރުމުން

މިހާރު އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީއެއްގެ އަތުން ނަގަމުންދިޔަ 30 ޑޮލަރުގެ ފީ 50 ޑޮލަރަށް ވަނީ ބޮޑުކޮށްފަ އެވެ.

ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާ ފީ ވެސް 120 ޑޮލަރަށް ބޮޑުވާއިރު، ފަސްޓް ކްލާހުގައި ދަތުރުކުރާ މީހުންގެ އަތުން ނަގާ ފީ 240 ޑޮލަރަށް ބޮޑުވާނެ އެވެ.

މީގެ އިތުރުން ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ މީހުންގެ އަތުން 480 ޑޮލަރު ނަގާނެ އެވެ. އެއީ ކުރިން ނަގަމުން އައި އަދަދަށް ވުރެ 300 ޕަސެންޓުގެ އިތުރުވުމެކެވެ.

ޓޫރިޒަމްގެ މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް %1 ބޮޑުކުރުމުގެ އިތުރުން ގްރީން ޓެކްސް އާއި ރާއްޖޭގެ އެއާޕޯޓުން ފުރާ ބޭރު މީހުންގެ އަތުން ނަގާ ޓެކްސްތައް ބޮޑުކޮށްގެން ދައުލަތަށް ލިބޭ އާމްދަނީއަށް 3 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.





ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved