ސިގިރޭޓް ވިޔަފާރި ވެރިންނަށް ފައިދާ ބޮޑުކުރަން ބިޑި އެބުރުން މަނާކޮށްފި އެވެ.
މިދިޔަ މަހުގެ 24 ގައި ހެލްތު މިނިސްޓްރީން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއަށް ފޮނުވި ސިޓީއެއްގައި ބުނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި އެއްވެސް ބާވަތެއްގެ ދުންފަތެއް އުފެއްދުމަކީ މަނާ ކަމެއްކަމަށެވެ.
އެހެންވެ ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ އެއްޗެއް ނުވަތަ އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފި ނަމަ އެތަކެތި ހިފަހައްޓައި ނައްތާލުމަށް ހެލުތުން ވަނީ ކަސްޓަމްސްއަށް އަންގައިފަ އެވެ.
އެ ގާނޫނުގެ 42 ވަނަ މާއްދާގެ (ދ) ގައި ބުނެފައިވަނީ ދުންފަތާއި ދުންފަތުގެ ތަނޑިއާއި, ނިކޮޓިން އާއި ދުންފަތާއި ދުންފަތުގެ ތަނޑި އާއި ނިކޮޓިން ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗާއި, އެއިން އެއްވެސް ބާވަތެއްގެ ތެރެއިން ބާވަތެއް އެއްވެސް މިންވަރަކަށް ހިމެނޭ އެއްޗިއްސަކީ ދުންފަތުގެ ބާވަތް ކަމަށެވެ.
އަދި އެއިން އެއްޗެއް ހިފައިގެން ނުވަތަ ބޮއެގެން ނުވަތަ ވަސްދަމައިގެން, ނުވަތަ ހަށިގަނޑުގައި ތަަތްކޮށްގެން ނުވަތަ ޖައްސައިގެން އުނގުޅައިގެން ވިޔަސް އޭގެ މާއްދާއެއް ހަށިގަނޑަށް ވާސިލްވާ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެއް ކަމަށް ވެސް ބުނެފައި ވެއެވެ.
އެހެންކަމުން ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާކަމެއް ކަމުގައި ވާތީ, ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ އެއްޗެއް ނުވަތަ އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފިނަމަ އެތަކެތި ހިފަހައްޓައި ނައްތައިލުމަށް ވަނީ އެދިފަ އެވެ.
އެހެންކަމުން ރޯލްޑް ޓޯބޭކޯ ނުވަތަ ބިޑި އޮޅަން ބޭނުންކުރާ ކަރުދާހާއި, އެއަށްލައްވާ ފިލްޓަރު އަދި އެ ތަކެތި އޮޅަން ބޭނުންކުރާ އެ ނޫންވެސް ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާ ވާނެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމުން މީހުން ދުރުކުރުމަށް މިހާތަނަށް އެޅި ފިޔަވަޅުތަކުން ނަތީޖާއެއް ފެންނާކަށް ނެތެވެ. އަދި ގާނޫނުތަކާއި ގަވާއިދުތަކުގައި ހިމަނާފައި ހުރި ފިޔަވަޅުތައް ތަންފީޒުކުރެވޭ ތަނެއް ވެސް ނުމެފެނެ އެވެ.
އެހެން ކަމުން ސަރުކާރުން ކުއްލި ކުއްލިއަށް ދުންފަތުން ރައްޔިތުން ސަލާމަތް ކުރުމުގެ ނަމުގައި މިގެންނަ ބަދަލުތަކަކީ ދުންފަތުގެ ވިޔަފާރިވެރިން ރުއްސަން އަދި ސަރުކާރަށް އާމްދަނީ އިތުރުކުރަން ކުރާ މަސައްކަތެވެ.
ދުންފަތުން ނަގާ ޓެކްސް އެތައް ފަހަރަކު ބޮޑުކޮށްފި އެވެ. މީގެ އަހަރުތަކެއް ކުރިން ކުރިން 12ރ. އަށް ލިބުނު ސިނގިރޭޓް ފޮށި އެކި އަހަރުތަކުގައި އެކި ފަހަރު މަތިން ބޮޑުކުރި ޓެކްސްތަކާ އެކު މިހާރު ލިބެނީ 250ރ. އިން މަތިންނެވެ.
ނަމަވެސް އޭގެ ސަބަބުން ރާއްޖެ އަށް ދުންފަތް އެތެރެކުރާ މިންވަރު މަދެއް ނުވެއެވެ. އަހަރުން އަހަރަށް އެ އަދަދު ދަނީ މަތިވަމުންކަން ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ސަރުކާރަށް އެކަމުން ލިބޭ އާމްދަނީ މިލިއަނުން އަންނަނީ އިތުރުވަމުންނެވެ. މިއި ހަގީގަތެވެ.