ޕުޓީން / ރަޝިޔާގެ ރައީސް އޮފީސް
ދުނިޔެ
ރަޝިއާގެ ވައިގެ ސަރަހައްދުގައި ބޯޓު ވެއްޓުމުގެ ހާދިސާ ހިނގުމުން މާފަށް އެދެން: ޕުޓިން
Qudhrathullah Ameen
ގުދުރަތުﷲ އަމީން
29 ޑިސެމްބަރު 2024
މާލެ ސިޓީ

އަޒަރުބައިޖާން އެއާލައިންސްގެ ފްލައިޓު ވެއްޓުނު ހާދިސާއާ ގުޅިގެން ރަޝިއާގެ ރައީސް ލެޑިމިއާ ޕުޓިން، އަޒަރުބައިޖާނުގެ ރައީސް އިލްހާމް އަލިޔެވްއަށް ގުޅުއްވައި މައާފަށް އެދިއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަޒަރުބައިޖާންގެ މަތިންދާބޯޓު ވެއްޓުނީ މިސައިލެއް އެރުމުގެ ސަބަބުންނެވެ. އެއީ ރަޝިއާގެ ދިފާއީ ނިިޒާމުން ފޮނުވި މިސައިލެއް ކަމަށް އިތުބާރު ހުރި މަސްދަރުތަކުން މިހާރު ވަނީ ބުނެފަ އެވެ.

ކްރެމްލިން އިން ބުނީ އަޒަރްބައިޖާންގެ ލީޑަރު އިލްހާމް އަލިޔޭވް އަށް ޕުޓިން ފޯނުކުރައްވައި، ހިތާމަވެރި ހާދިސާއާ ގުޅިގެން މާފަށް އެދިވަޑައިގަތް ކަމަށެވެ. ނަމަވެސް ބޯޓު ވެއްޓުނީ ރަޝިޔާގެ އެއާ ޑިފެންސް ސިސްޓަމުން ދެވުނު ހަމަލާއަކުން ކަމެއް ވިދާޅެއް ނުވެ އެވެ.

ރަޝިޔާއިން މިހާތަނަށް ބުނެފައި ވަނީ ގްރޯޒްނީ އަށް ބޯޓު ޖައްސަން ހަމަޖެހިފައި އޮތް ނަމަވެސް އެ ސަރަހައްދަށް އޭރު ދިޔައީ ޔުކްރެއިންގެ ޑްރޯންތަކުން ހަމަލާ ދެމުން ކަމަށެވެ. އެހެންވެ ބޯޓަށް އޭގެ މަންޒިލަށް ނުދެވި ކަޒަކަސްތާނުގެ ހުޅަނގު ސަރަހައްދަށް ވެއްޓުނީ ކަމަށެވެ.

ޕޫޓިންގެ ވާހަކަތަކުން ވެސް މި މާނަ ދޭހަވެ އެވެ. ޔުކްރޭނުން ރަޝިއާއާށް ހަަލަލާދޭން ފޮނުވި ޑްރޯންތަކެއް ވައްޓާލަން ދިން ހަމަލާތަކުން ހަމަލާއެއް އަޒަރުބައިޖާންގެ މަތިންދާބޯޓަށް އެރީ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ދެން އޮތް އަނެއް ގޮތަކީ ޔުކްރޭންގެ ޑްރޯނަކުން ދިން ހަމަލާއެއްގައި ބޯޓު ވެއްޓުމެވެ.

ޕޫޓިން ވިދާޅުވީ މަދަނީ ވައިގެ ސަރަހައްދުގައި ރައްކާތެރިކަން ފޫވެއްޓެން މެދުވެރިވި ސަބަބު ވަރަށް ރަނގަޅަށް ބައްލަވާނެ ކަމަށެވެ. މިކަމާ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށްވެސް ރަޝިއާގެ ރައީސް ޕޫޓިން ވިދާޅުވި އެވެ.

އަޒަރުބައިޖާން އެއާލައިންސްގެ ފްލައިޓް ޖޭ2-8243 އަކީ އަޒަރުބައިޖާންގެ ވެރިރަށް ބަކޫއިން ރަޝިއާގެ ގްރޮޒްނީއަށް ދަތުރުކުރަމުން ދިޔަ ފްލައިޓެކެވެ. މިދިޔަ ބުދަ ދުވަހު ފްލައިޓު ކަޒަކިސްތާނަށް ވެއްޓުނުއިރު، މި ހާދިސާގައި ބޯޓުން ދަތުރުކުރި 67 މީހުންގެ ތެރެއިން 38 މީހަކު ވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ރަޝިއާ މީހުންނާއި، އަޒަރުބައިޖާންގެ މީހުން، ކަޒަކިސްތާން އަދި ކްރިގިސްތާން މީހުން ހިމެނެ އެވެ.

އަޒަރުބައިޖާން އެއާލައިންސްގެ މަތިންދާބޯޓެއް މިދިޔަ ބުދަ ދުވަހު ކަޒަކިސްތާންގެ ސިޓީއެއް ކަމަށްވާ އަކްތައުއަށް ވެއްޓުމާ ގުޅިގެން ބައިނަލްއަގްވާމީ ތިން އެއާލައިނަކުން ރަޝިއާއަށް ދަތުރުތައް މެދުކަނޑާލައިފަ އެވެ. ރަޝިއާއަށް ދަތުރުތައް ހުއްޓާލި އެއާލައިންތަކުގެ ތެރޭގައި ކަޒަކިސްތާން، އަޒަރުބައިޖާން އަދި ސަހްޔޫނީންގެ ބައެއް އެއާލައިންތައް ހިމެނެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved