އަސަދުގެ ވެރިކަން ނިމުމުން ސޫރިއާގެ ރައްޔިރުން ވަނީ އެބުރި ގައުމަށް އަންނަން ފަށައިފަ / ސީރިއަން ޕްރެސް ސެންޓަރ
ދުނިޔެ
ސޫރިޔާގެ ގިނަ ރައްޔިތުން އެނބުރި އެމީހުންގެ ވަޒަނަށް އަންނަން ފަށައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
29 ޑިސެމްބަރު 2024
މާލެ ސިޓީ

13 އަހަރަށް ދެމިގެންދިޔަ ސޫރިޔާގެ އަހުލީހަނގުރާމަ ނިމުމަކަށް އައުމާ ގުޅިގެން ގައުމުން ބޭރުގައި ދިރިއުޅެމުން ދިޔަ ސޫރިޔާގެ ރައްޔިތުން ބައިބޯކޮށް ސޫރިޔާއަށް އެނބުރި އަންނަން ފަށައިފި އެވެ.

ތުރުކީގެ އިންޓީރިއާ މިނިސްޓަރު އަލީ ޔެރްލިކާޔާ ތުރުކީގެ ދައުލަތުގެ ނޫސް، އަންޑޯލްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސޫރިއާގެ 30،800 މީހުން އެނބުރި އެމީހުންގެ އަސްލު ވަޒަނަށް ގޮސްފައިވާ ކަމަށާއި 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ތިން ފަހަރު ތުރުކީއަށް ވަދެ ނުކުމުގެ އުޅުމުގެ ހުއްދަ ދޭނެ ކަމަށެވެ.

ސޫރިޔާގެ ކުރީގެ ރައީސް ބައްޝަރު އަލް-އަސަދުގެ ވެރިކަން ޑިސެމްބަރު މަހުގެ 8ވަނަ ދުވަހު ކުއްލި ގޮތަކަށް ނިމުމަކަށް އައުމުން, އެ ކަމުގައި އެންމެ އިސް ދައުރެއް އަދާކުރި ހަނގުރާމަވެރި ޖަމާއަތް, ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ އަހުމަދު އަލް ޝަރާއު ވަނީ ގައުމުގެ ހިންގުމާ ހަވާލުވެފަ އެވެ. ގައުމު އަލުން ބިނާކޮށް އާރާސްތު ކުރުމަށް އިންތިޤާލީ ސަރުކާރުން މަސައްކަތް ފަށައިފާވާ ދަނޑިވަޅެއްގައި އެކި ޤައުމުތަކުން ދަނީ އެ ސަރުކާރާ ގުޅުން ބަދަހި ކުރަމުންނެވެ.

އެޗްޓީއެސް އަކީ ހުޅަނގުގެ ގިނަ ގައުމުތަކުން ޓެރަރިސްޓު ޖަމާއަތެއް ކަމަށް ކަނޑައަޅާފައި ބަޔަކަށް ވިޔަސް އެ ޖަމާއަތުގެ ވިސްނުން މެދުމިނުގައި މިހާރު ގެންގުޅޭކަން ފާހަގަވެ އެވެ. އެ މީހުން ވަނީ ސީރިއާގެ ކޮންޓްރޯލް ލިބުނަސް ބައި މަދު ދީންތަކަށް އިހުތިރާމާ އެކު ކަންކަން ކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

ބައްޝާރަށް ވެރިކަން ދިފާއު ނުކުރެވޭނެކަން ޔަގީންވުމާ އެކު ބައްޝާރަށް ހިމާޔަތް ދީގެން ގެންގޮސްފައިވަނީ ރަޝިޔާއަށެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބައްޝާރާއި އޭނާގެ އާއިލާއަށް ވެސް ސީރިއާ އިން ވަނީ ސިޔާސީ ހިމާޔަތް ދީފަ އެވެ.

އދގެ ހިޖުރަކުރުމާ ގުޅޭ ޖަމުއިއްޔާއިން ބުނީ 2025ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ސޫރިޔާގެ އެއް މިލިޔަނަށް ވުރެ ގިނަ ރައްޔިތުން ގައުމަށް އަނބުރާ ދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ނިމުމަކަށް އައިސް ހަނގުރާމަ ނިމުމުން ވިލާތުގެ ބައެއް ގައުމުތަކުން މިހާރު ވެސް ވަނީ ހިމާޔަތް ހޯދުމަށް އެދޭ ސޫރިޔާގެ ރައްޔިތުންގެ ފޯމުތައް ބަލައިގަތުން މެދުކަނޑާލައިފަ އެވެ.

އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަންގެ ޑިރެކްޓަރ ޖެނެރަލް އޭމީ ޕޯޕް ވިދާޅުވީ މިހާރު ވެސް ބަލިކަށިވެފައިވާ ސޫރިޔާގެ މުޖުތަމަޢުތަކަށް އެއްފަހަރާ މިލިޔަނެއްހާ މީހުން އެތެރެ ވެއްޖެ ނަމަ އިތުރު ހަމަނުޖެހުންތައް އުފެދުން ގާތް ކަމަށެވެ.

ސޫރިޔާގައި އާ ވެރިކަމެއް ގާއިމުކުރަމުން ދާ ވަގުތެއްގައި ގައުމުގެ ރައްޔިތުންގެ މެދުގައި ކުރިމަގާ މެދު ނުތަނަވަސްކަން އޮތް ކަމަށެވެ. އަސަދުގެ ވެރިކަން ވައްޓާލުމުގައި މައި ދައުރެއް އަދާކުރި އެޗްޓީއެސްގެ ވެރިކަމުގެ ކަންކަމާ ހަވާލުވެފައި ވާއިރު އެ ޖަމާއަތުން ގައުމު ހިންގުމުގައި ގެންގުޅޭނީ ކޮން ކަހަލަ ފިކުރަކާ މެދުތޯ ރައްޔިތުންގެ މެދުގައި ސުވާލު އުފެދިފައިވާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އެހެން ކަމުން ގައުމުން ބޭރުގައި ދިރިއުޅެމުން ދިޔަ ސޫރިޔާގެ ރައްޔިތުން ބައިބޯކޮށް ސޫރިޔާއަށް އެނބުރި އަންނަ ނަމަ އެ ޤައުމުގައި ހުރި އުމްރާނީ ވަސީލަތްތަކާއި ހިދުމަތްތަކަށް ނުކަތާވަރު ވެ އަނެއްކާވެސް އެ ގައުމުގައި ހަމަނުޖެހުން އުފެދިދާނެ ކަމަށް އދ ގަބޫލުކުރެ އެވެ.

ސީރިއާގައި 13 އަހަރު ވަންދެން ހިނގި ދާޚިލީ ހަނގުރާމައިގެ ސަބަބުން ބައި މިލިއަނަށްވުރެ ގިނަ މީހުން މަރުވެ، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ބާރުތަކުގެ ތާއީދާ އެކު އެކި ޖަމާއަތްތަކުން ހަތިޔާރުގެ ބޭނުންކޮށް އެކި ސަރަހައްދުތަކުގައި ވަނީ އެ ބައެއްގެ ނުފޫޒު ގަދަކޮށްފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved