މި މަހުގެ ކުރީކޮޅު ކުރު މުއްދަތަކަށް މާޝަލް ލޯ ތަންފީޒު ކުރުމާ ގުޅިގެން ސަސްޕެންޑްކޮށްފައިވާ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް ހައްޔަރުކުރުމުގެ އަމުރަކަށް އެ ގައުމުގެ ޖޮއިންޓް އިންވެސްޓިގޭޝަން ޔުނިޓުން އިއްޔެ އެދިއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޖޮއިންޓް އިންވެސްޓިގޭޝަން ޓީމަކުން ކޯޓު އަމުރު ނެރެދިނުމަށް އެދުނީ ސަރުކާރާ ދެކޮޅަށް ބާޣާވަތެއް ގެނަން މަސައްކަތްކުރުމާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުން ހިފި ކަމަށް ތުހުމަތުވާ ދައުވާގެ މައްސަލައިގައި ޔޫންއާ ސުވާލުކުރަން ހާޒިރުވެވަޑައިގަތުމަށް ފޮނުވި ތިން ޗިޓަކަށް އިޖާބަ ނުދެއްވުމުންނެވެ.
މި މަހުގެ ހަތަރުވަނަ ދުވަހު ޔޫން އަސްކަރީ ގާނޫނު އިއުލާނުކުރެއްވުމާ ގުޅިގެން ދެކުނު ކޮރެއާގައި ވަރަށް ބޮޑު ސިޔާސީ ހަމަނުޖެހުމެއް އުފެދުނެވެ. އެގޮތުން ޔޫން މަގާމުން ދުރުކުރަން ގާނޫންހަދާ މަޖިލީހުގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި، އޭނާ ދުރުކުރަން ބޭނުންވާ ވަރަށް ވޯޓެއް ނުލިބުނެވެ. އެކަމަކު ފަހުން ބޭއްވި ދެވަނަ ބުރުގައި އަޣުލަބިއްޔަތުން ވަނީ ވޯޓު ކާމިޔާބުކޮށް ރައީސްގެ މަގާނުން ޔޫން ދުރުކޮށްފަ އެވެ.
ޔޫން މަގާމުން ދުރުކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްވުމާ ގުޅިގެން މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ޔޫން ހުންނަވަނީ "ފުރުން މަނާކޮށް" މަގާމުން ސަސްޕެންޑް ކުރައްވާފަ އެވެ. ރައީސްގެ ބާރުތަކާއި ޒިންމާތައް ވަނީ އަތުލައިފަ އެވެ. އެ ޒިންމާތަކާ ހަވާލުވެވަޑައިގަންފައިވަނީ ބޮޑުވަޒީރު ހާން ޑަކް ސޫއެވެ.
ޔޫން އަކީ އެ ގައުމުގެ ޖަސްޓިސް މިނިސްޓްރީން ގައުމުން ބޭރަށް ވަޑައިގަތުން މަނާކުރި ދެކުނު ކޮރެއާގެ ފުރަތަމަ ރައީސް އެވެ. އަދި ޔޫން ހައްޔަރުކުރުމަށް ނެރުނު އަމުރަކީ ދެކުނު ކޮރެއާގެ ރައީސަކު ހައްޔަރުކުރަން އެދުނު ފުރަތަމަ އަމުރެވެ.
ދެކުނު ކޮރެއާގައި އަސްކަރީ ގާނޫން އިއުލާންކުރުމާ ގުޅިގެން އުފެދިފައި ހުރި މައްސަލަތަކުގައި ޕްރޮސެކިޔުޓަރުން މިހާރު ބަލަމުންދަނީ، އަސްކަރީ ގާނޫން އިއުލާންކުރަން ޖެހުނު ސަބަބެވެ. އަދި އެފަދަ ހާލަތެއް ނެތި އަސްކަރީ ގާނޫން އިއުލާންކުރުމަށް ޔޫން އަމުރުކުރެއްވީ ކީއްވެތޯ ވެސް ބަލާނެ އެވެ.
ޔޫންގެ ފަރާތުން ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު، އަސްކަރީ ގާނޫން އިއުލާންކުރީ އިދިކޮޅާ ހެދި ގައުމު ހިންގެން ނެތުމެވެ. އަދި އުތުރު ކޮރެއާއަށް ތާއީދުކުރާ ބަޔަކު ސިފައިންގެ ތެރޭގައި ހިމެނޭތީ އެ ބައެއްގެ ބާރުކަނޑުވާލުމަކީ ވެސް ބޭނުމެކެވެ.
މި މަހުގެ ތިންވަނަ ދުވަހު ޔޫން އަސްކަރީ ގާނޫނު އިއުލާނުކުރެއްވީ އިދިކޮޅުން ބަޣާވާތެއް ކުރަން އުޅޭ ކަމަށާއި އުތުރު ކޮރެއާއާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައެވެ. އަދި ގާނޫނު ހަދާ މަޖިލީހަށް ސްޕެޝަލް ފޯސަސް އާއި ހެލިކޮޕްޓަރު ވެސް ފޮނުވި އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުން މަޖިލީހަށް ގަދަކަމުން ވަދެގަނެ ޖަލްސާ ބޭއްވުމަށް ފަހު، ކުއްލި ނުރައްކާ އުވާލަން އެންގުމަށް ފާސްކުރުމުން ހަމަ އެ ރޭ އަމުރު ބާތިލްކުރި އެވެ.