ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ވެރިކަމުގައި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލައި ޝަރީއަތް ހިންގުމަށް އޭނާ ހައްޔަރުކުރުމުގެ ދެ ވަނަ އަމުރެއް ބަންގްލަދޭޝްގެ ކޯޓަކުން ނެރެފައިވާ ކަމަށް ޗީފް ޕްރޮސެކިއުޓާ މިއަދު ވިދާޅުވެއްޖެ އެވެ.
ޑޮމެސްޓިކް އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ)ގެ ޗީފް ޕްރޮސެކިއުޓާ ތާޖުލް އިސްލާމް ވިދާޅުވީ ދެވަނަ އަމުރު ނެރުނީ ހަސީނާގެ ވެރިކަމުގައި ގެއްލުވާލާފައިވާ މީހުންގެ މައްސަލައިގައި ކަމަށެވެ.
މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ދަރިވަރުން ގެނައި އިންގިލާބަކުން ވެރިކަން ވައްޓާލުމާ އެކު އިންޑިއާއަށް ވަޑައިގަތް އުމުރުން 77 އަހަރުގެ ހަސީނާގެ މައްޗަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ހިންގި ކަމުގެ ތުހުމަތުގައި މީގެ ކުރިން ވެސް ވަނީ ހައްޔަރުކުރުމުގެ އަމުރެއް ނެރެފަ އެވެ.
ހަސީނާގެ ވެރިކަމުގައި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ސީރިއަސް އަމަލުތައް ހިންގާފައިވާއިރު، އޭގެ ތެރޭގައި ސިޔާސީ ވާދަވެރިން ގިނަ ބަޔަކު ބަންދުކުރުމާއި، ގާނޫނީ ހަމަތަކުން ބޭރުން މީހުން މެރުން ހިމެނެ އެވެ.
ހަސީނާގެ ސަރުކާރު ވެއްޓުނު ފަހުން އޭނާގެ އެތައް ބައިވެރިންނެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެއީ އޭނާގެ 15 އަހަރުގެ ހުދުމުހުތާރު ވެރިކަން ވައްޓާލުމަށް ހިންގި ހަރަކާތުގައި މަރުވި 700 އަށް ވުރެ ގިނަ މީހުން މަރުވީ ކީއްވެގެންތޯ ބެލުމަށެވެ.
ބަންގްލަދޭޝްގެ ހާއްސަ ކޯޓަކުން ހަސީނާ ހައްޔަރު ކުރުމުގެ ފުރަތަމަ އަމުރެއް ނެރުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އަދި ހަސީނާ އާއި އިތުރު 45 މީހަކު ހައްޔަރު ކުރުމުގެ އަމުރެއް ނެރުނީ މިދިޔަ ޖުލައި މަހާއި އޮގަސްޓް މަހު ދަރިވަރުން އިސްނަގައިގެން ހިންގި ހަރަކާތުގައި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ހިންގި ކަމުގެ ތުހުމަތުގަ އެވެ.
ބަންގްލަދޭޝްގައި ކުރި މުޒާހަރާތަކުގައި 753 މީހަކު މަރުވެ، އެތައް ހާސް ބަޔަކު ޒަހަމްވިއިރު، މުޒާހަރާގެ ބައިވެރިންނާ ފުލުހުންގެ އިތުރުން އޭރުގެ ސަރުކާރު ސަޕޯޓަރުން ކުރިމަތިލި އެވެ.
މުޒާހަރާތަކުގައި ބައިވެރިވި މީހުންނާ ދެކޮޅަށް ހިންގި ލާއިންސާނީ އަމަލުތަކާ ގުޅިގެން 60 އަށްވުރެ ގިނަ މައްސަލަ އައިސީޓީއަށް ވަނީ ހުށަހަޅާފަ އެވެ.