ގާޒާ އަށް ސަހްޔޫނީން ބޮންއަޅާ މިއަދު 31 މީހަކު ޝަހީދުކޮށްލައިފި / އަލްއަރަބިއްޔާ
ދުނިޔެ
ގާޒާ އަށް ސަހްޔޫނީން ބޮންއަޅާ މިއަދު 31 މީހަކު ޝަހީދުކޮށްލައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
07 ޖެނުއަރީ 2025
މާލެ ސިޓީ

ސަހްޔުނީން ފަލަސްތީނުގެ ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިއަދު އެކަނިވެސް 31 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް، ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ސަހްޔޫނީން މި ޖަރީމާތައް ހިންގާފައި މި ވަނީ ހަމަލާތައް ހުއްޓާލައި ރަހީނުން މިނިވަންކުރުމާ ބެހޭ ނުސީދާ މަޝްވަރާތައް ގަތަރުގައި މިހާރު ފަށާފައިވާ ކަމަށް އިއުލާނުކުރުމަށް ފަހުގަ އެވެ.

ސަހްޔޫނީން ގާޒާއަށް ދެމުން ގެންދާ ބޮމުގެ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 31 މީހަކު ޝަހީދުވެ 57 މީހުން ޒަހަމްވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި ސަހްޔޫނީ ފައުޖުން ގާޒާގެ 110 މީހުން ޝަހީދު ކޮށްލައިފައިވާ ކަމަށެވެ. ގާޒާގެ މުސްލިމުންނާ ދެކޮޅަށް ސަހްޔޫނީން ދެމުންދާ ލާއިންސާނީ ހަމަލާތައް އިތުރު ކޮށްފައި މި ވަނީ އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް މި މަހުގެ 20ވަނަ ދުވަހު ރައީސް ކަމުގެ ހުވައި ކުރެއްވުމުގެ ކުރިން ހަނގުރާމައިގައި ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ބާރު އަަޅަމުންދާ ދަނޑިވަޅެއްގަ އެވެ.

އެއް ހަމަލާއެއްގައި ގާޒާގެ މެދުތެރޭގައި ހުންނަ ނުސައިރަތު ރެފިއުޖީ ކޭމްޕްގައި ހުންނަ ގެޔަކުން އެއް އާއިލާއެއްގެ ފަސް މީހަކު ވެސް ޝަހީދުވި ކަމަށް، މީހުން ސަލާމަތްކުރުމުގައި އުޅޭ މީހުން ބުންޏެވެ.

ގެދޮރު ގެއްލި، ދިރިއުޅުން ހަލާކުވެ، އާންމުންގެ އެތައް ބަޔަކު ގާޒާއިން ޝަހީދުވަމުންދާއިރު ބޭސްފަރުވާގެ އެހީތެރިކަމުންވެސް ވަނީ މަރުހޫމުވެފަ އެވެ. ފަލަސްތީނުގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުގެ އަޑުވެސް ވަނީ ކަނޑުވާލާފަ އެވެ.

ސަހްޔުނީންގެ ހަމަލާތަކުގެ ސަބަބުން ގާޒާ އެއްކޮށް ހަލާކުވެފައި ވާއިރު މިހާރު ދަނީ ސަލާމަތުން ހުރި މަދު ހޮސްޕިޓަލްތަކަށާއި އެ ތަންތަނުގެ ވަށައިގެން ވެސް ހަމަލާދީ އަސްކަރީ އޮޕަރޭޝަންތައް ހިންގަމުންނެވެ. އެހެންވެ ހޮސްޕިޓަލްތަކުގައި ފަރުވާ ދެވޭނެ ގޮތެއް ނެތި ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ގާޒާއަށް އެހީގެ ސާމާނު ވައްދަން ވެސް ސަހްޔޫނީން ހުރަސްއަޅަމުން ދާއިރު ހޮސްޕިޓަލްތައް ހިންގުމަށް ވެސް ދަތިކުރަމުން ދާތީ ޑަބްލިޔުއެޗްއޯ އިން ވެސް ވަނީ ފާޑުކިޔައި ކުށްވެރިކޮށްފަ އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަހްޔޫނީން ގާޒާގެ ހޮސްޕިޓަލްތަކަށާއި އެ ތަންތަނުގެ ކައިރީގައި ދޭ ނުރައްކާތެރި ހަމަލާތަކާއި އެ ކަންކަމާ ގުޅިފައިވާ އަމަލުތަކުގެ ސަބަބުން ސިއްހީ ނިޒާމު އެއްކޮށް ހުއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

ގާޒާގެ ރައްޔިތުންނަށް ސަހްޔޫނީން ދެމުން ގެންދާ ޓެރަރިސްޓް ހަމަލާތަކާއި ގާޒާގެ އާންމުންގެ ނަސްލު ނައްތާލުމަށް ސަހްޔޫނީން ހިންގާ ގަތުލުއާންމުތަކުގެ ފަހަތުގައި ތިބެ ސަހްޔޫނީނަށް ވާގިވެރިވަނީ އެމެރިކާއާއި އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުފަދަ ހުޅަނގުގެ ނުރައްކާތެރި އިސްތިއުމާރީ ބާރުތަކެވެ.

މިއިން ކޮންމެ ގައުމަކީވެސް މިލިޔަނުން އިންސާނުން ގަސްތުގައި މަރާފައިވާ ކަމުގެ ރެކޯޑް އޮތް ގައުމުތަކެވެ. މުސްލިމުންގެ ދުޝްމަނުން ނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved