އެފްރިކާގެ ގައުމުތަކުން ބުނަނީ އައިސީސީ އިން ބޮޑަށް ބަލަނީ އެ މީހުންގެ މައްސަލަތައް ކަަމަށް. / ވިކިމީޑިއާ
ދުނިޔެ
ނަތަންޔާހޫ ދިފާއުކޮށް އައިސީސީއަށް ދަތިކުރަން އެމެރިކާ ކޮންގްރެސް އިން ފާސްކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
11 ޖެނުއަރީ 2025
މާލެ ސިޓީ

ސަހްޔޫނީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ދިފާއުގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުން ތެދުވެ، ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ)އާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ފާސްކޮށްފި އެވެ.

އެމެރިކާއިން އައިސީސީއާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމާފައި މި ވަނީ، ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް އެ ކޯޓުން ނެރުމާ ގުޅިގެންނެވެ.

އައިސީސީ އާއި އެ ކޯޓަށް ވާގިވެރިވާ ކޮންމެ މީހަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ގޮތަށް "އިލެޖިޓިމޭޓް ކޯޓް ކައުންޓަރެެކްޝަން އެކްޓް" ގެ ނަމުގައި އެކުލަވައިލި ބިލު ހައުސް އޮފް ރެޕްރެޒެންޓިޓިވްސް އިން ފާސްކުރީ ގިނަ އަދަދެއްގެ ވޯޓުންނެވެ. އެބިލު ފާސްކުރަން 243 މެންބަރުން ވޯޓުދިން އިރު ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދިނީ 140 މެންބަރެކެވެ.

ބިލު ފާސްކުރަން ވޯޓު ދިން މެންބަރުންގެ ތެރެއިން 45 މެންބަރުންނަކީ އެމެރިކާގައި މިހާރު ވެރިކަންކުރާ ޑިމޮކްރެެޓިކް ޕާޓީގެ މެންބަރުންނެވެ. އަނެއް 198 މެންބަރުންނަކީ ވެރިކަމަށް މިހާރު އިންތިހާބުވެފައިވާ ޑޮނަލްޑް ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ މެންބަރުންނެވެ.

އެބިލު ގާނޫނަކަށް ވާނީ އެމެރިކާ ޕާލަމެންޓްގެ މަތިގެ، ސެނެޓުން ވެސް ފާސްކޮށް ރައީސް ތަސްދީގު ކުރުމުންނެވެ. އެ ބިލު ގާނޫނަކަށް ވެއްޖެ ނަމަ، އެމެރިކާ ރައްޔިތަކާ ނުވަތަ އެމެރިކާގެ ބައިވެރިންގެ ތެރެއިން އައިސީސީ ބަލައިނުގަންނަ ގައުމެއްގެ ރައްޔިތަކާ ދެކޮޅަށް ތަހުގީގެއް ހިންގަން ނުވަތަ ދައުވާކޮށް ހައްޔަރުކުރަން އައިސީސީއަށް އެހީވާ ކޮންމެ މީހަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅޭނެ އެވެ.

އެ އަމުރު ހޯދަން އައިސީސީގެ ޗީފް ޕްރޮސެކިއުޓާ ކަރީމް ހާން އެދިވަޑައިގަތީ ގާޒާގައި ހިންގަމުންދާ ހަނގުރާމައިގެ ކުށްތަކާ ގުޅިގެންނެވެ. ސަހްޔޫނީންގެ ދެ ވެރިންގެ އިތުރުން ހަމާސްގެ އިސް ދެ ލީޑަރަކު ހައްޔަރުކުރުމުގެ އަމުރަށް ވެސް ކަރީމް ވަނީ އެދިވަޑައިގެންފަ އެވެ.

އައިސީސީގެ އަމުރުތައް ތަންފީޒުކުރުން އެ ކޯޓްގެ މެންބަރުންގެ ގޮތުގައި ތިބި 124 ގައުމުގެ މައްޗަށް ލާޒިމްވާނެ އެވެ. ސަހްޔޫނީން އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އަކީ އެ ކޯޓުގެ މެންބަރު ގައުމެއް ނޫނެވެ.

ސަހްޔޫނީން ފަލަސްތީނުގެ ގާޒާގައި ހިންގަމުން އަންނަ ގަތުލްއާންމުގައި މިހާތަނަށް ގާޒާ އިން ވަނީ 46،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved