އޮކްޓޯބަރު ހަތް ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާތަކާއި އޭގެ ފަހުން ޣައްޒާގައި ހިނގި ހަނގުރާމައާ ގުޅިގެން ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ތުހުމަތުގައި ޣައްޒާގައި ހުންނަ ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރު ހޯދުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން މަސައްކަތް ފަށައިފިއެވެ.
ޕްރޮސެކިއުޓާ ކަރީމް ޚާން ސީއެންއެންގައި ވިދާޅުވީ އައިސީސީގެ ޕްރޮސެކިއުޓާ ޓީމުން އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓްގެ އިތުރުން ހަމާސްގެ އިތުރު ދެ އިސް ލީޑަރުން ކަމަށްވާ މުހައްމަދު ދިޔާބް އިބްރާހިމް އަލް މަސްރީ އާއި މުހައްމަދު ދީފްގެ ނަމުން މަޝްހޫރު އަލް ޤާއްސާމް ބްރިގޭޑްގެ ލީޑަރު އަދި އިސްމާއިލް ހަނިއްޔާ އަށް ވެސް ވޮރެންޓް ހޯދަމުންދާ ކަމަށެވެ.
އިސްރާއީލުގެ ސިޔާސީ ބޭފުޅުންނާ ދެކޮޅަށް ނެރުނު އަމުރުތަކަކީ އެމެރިކާގެ ގާތް އެކުވެރި ގައުމެއްގެ އެންމެ އިސް ލީޑަރަށް އައިސީސީން އަމާޒުކުރި ފުރަތަމަ ފަހަރެވެ. މި ނިންމުމާ ގުޅިގެން ނަތަންޔާހޫ ވަނީ މޮސްކޯއިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން އައިސީސީން ހައްޔަރު ކުރުމުގެ އަމުރެއް ނެރުނު ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ އައިސީސީން ހައްޔަރު ކުރުމުގެ އަމުރެއް ކުރިމަތިވި ލީބިޔާގެ ގައްޒާފީއާ އެކު އައިސީސީން އަމުރު ނެރޭ ލިސްޓަށް އަރާ ލީޑަރަކަށް ވުމާ ގާތުގައެވެ.
އިސްރާއީލާއި ހަމާސްގެ ލީޑަރުން ހައްޔަރު ކުރުމުގެ އަމުރުތަކަށް އެދި ހުށަހެޅުމުން، ޓެރަރިސްޓް ކަމަށް ބައެއް ގައުމުތަކުން ބުނާ ޖަމާއަތަކާއި އިންތިޚާބުވެފައިވާ ސަރުކާރެއް ހަމަހަމަ ގޮތެއްގައި ބަހައްޓާ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވުމުގެ ނުރައްކާ ޚާންގެ އޮފީހަށް އެބައޮތެވެ.
މި ހުށަހެޅުން އައިސީސީގެ ފަނޑިޔާރުންގެ ޕެނަލަކުން ދިރާސާތައް ކުރުމަށްފަހު ހައްޔަރު ކުރުމުގެ އަމުރު ނެރުމާމެދު ގޮތް ނިންމާނެއެވެ.
ޚާން ސީއެންއެންއަށް ވިދާޅުވީ އޭނާގެ ޓީމުގައި ސިންވާރާއި ހަނިއްޔާ އަދި އަލް މަސްރީ ހައްޔަރުކުރުމުގެ އަމުރު ހޯދުމަށް އެދި ހުށަހެޅުމަށް ތާއީދުކުރާ "ތަފާތު ހެކިތަކެއް" ހުރި ކަމަށާއި އޭގެ ތެރޭގައި ހަމަލާތަކުގެ ސައްހަ ވީޑިއޯ ފޫޓޭޖާއި ފޮޓޯތަކުގެ އިތުރުން ލޮލުން ފެނުނު މީހުންނާއި ސަލާމަތްވި މީހުންގެ ހެކިތައް ހިމެނޭ ކަމަށެވެ.
ޚާން ވިދާޅުވީ އިސްރާއީލަށް "ރަހީނުކޮށްފައިވާ މީހުން އަނބުރާ ހޯދުމުގެ ހުރިހާ ހައްގެއް އަދި ހަގީގަތުގައި ވެސް ވާޖިބެއް އޮތް ނަމަވެސް އެކަން ކުރަން ޖެހޭނީ ގާނޫނަށް އަމަލުކޮށްގެން" ކަމަށެވެ.
ޚާންގެ އިއުލާނަށް ރައްދު ދެއްވަމުން ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ “ގާނޫނީ އަސާސެއް ނެތި ފަލަސްތީނުގެ ގިނަ އަދަދެއްގެ ލީޑަރުން ހައްޔަރުކުރުމުގެ އަމުރު ނެރެގެން ޝިކާރައަކަށްވާ މީހުންނާއި އަނިޔާވެރިން ހަމަހަމަ ކުރުމަށް އައިސީސީގެ ޕްރޮސެކިއުޓަރުން ކުރާ މަސައްކަތް ވަރަށް ބޮޑަށް ކުށްވެރިކުރާ" ކަމަށެވެ.
"ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގައި ބައިވެރިވި އިސްތިއުމާރީ ލީޑަރުންނާއި އޮފިސަރުންނާއި ސިފައިންގެ ތެރެއިން ހަނގުރާމައިގެ ކުށްވެރިން ހައްޔަރު ކުރުމުގެ އަމުރު ނެރުމަށް" ހަމާސް އިން އައިސީސީގެ ޕީޖީއަށް ގޮވާލިއެވެ.
ނަތަންޔާހޫ އާއި ގަލަންޓްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި "ހަނގުރާމައިގެ އުސޫލެއްގެ ގޮތުން ނަސްލު ނައްތާލުން، ބަނޑުހައިހޫނުކަން ގެނައުން، އިންސާނީ އެހީތެރިކަމުގެ ސާމާނު އިންކާރު ކުރުން، ގަސްތުގައި އާންމުންނަށް ހަމަލާ އަމާޒުކުރުން" ހިމެނޭ ކަމަށް ޚާން ވިދާޅުވިއެވެ.
"ހަމާސްގެ ހަނގުރާމަވެރިންނަށް ފެން ބޭނުންވާ ކަމީ ޣައްޒާގެ ހުރިހާ އާންމު އާބާދީއަކަށް ފެން މަނާ ކުރަން ޖެހޭ ސަބަބެއް ނޫން،" އޭނާ އިތުރަށް ވިދާޅުވިއެވެ.
އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ފަލަސްތީނުގެ 35،500 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވެ 79،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
މި ނިންމުމަކީ "ސިޔާސީ ރުޅިވެރިކަމެއް" ކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.
"އަހަރެމެން ފަސްނުޖެހޭނަން އަދި ރަހީނުކޮށްފައިވާ މީހުން ދޫކޮށް ހަމާސް ނައްތާނުލެވޭހާ ހިނދަކު ހަނގުރާމައިގައި ކުރިއަށް ގެންދާނަން،" އޭނާ ލިކުޑް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއްގައި ބުންޏެވެ.
އިސްރާއީލުގެ އެހެން އޮފިޝަލުން ވެސް ވަނީ އޭނާގެ ޝުއޫރުތައް ތަކުރާރުކޮށްފަ އެވެ. އިސްރާއީލުގެ ހަނގުރާމަވެރި ކެބިނެޓުގެ މެމްބަރު ބެނީ ގަންޓްޒް ވަނީ ޚާންގެ ނިންމުމަށް ފާޑުކިޔައި، އިސްރާއީލުން ހަނގުރާމަ ކުރަނީ "ތާރީހުގައި ވެސް އެންމެ ހަރުކަށި އަޚްލާގީ ކޯޑަކާ އެކު، ބައިނަލްއަގްވާމީ ގާނޫނުތަކަށް ތަބާވެ، ހަރުދަނާ މިނިވަން ޝަރުއީ ނިޒާމަކާ އެކު" ކަމަށެވެ.
"ނަފްރަތު އުފެދޭ ބިރުވެރިކަމުން ދިފާއުވުމަށް އަޒުމް ކަނޑައަޅާފައިވާ ޑިމޮކްރެޓިކް ގައުމެއްގެ ލީޑަރުންނާއި ލޭއޮހޮރުވާލާ ޓެރަރިސްޓް ޖަމާއަތެއްގެ ލީޑަރުންނާ އެއްގޮތް ކުރުމަކީ އިންސާފު ފުންކޮށް އޮޅުވާލުމާއި ފާޅުކަން ބޮޑު ގޮތެއްގައި އަޚްލާގީ ބަނގުރޫޓުވުމެއް،" ކަމަށް ބުނެ އިސްރާއީލުން ބުނެއެވެ.
އިދިކޮޅު ލީޑަރު ޔާއިރް ލަޕިދު ބުނީ ހައްޔަރު ކުރުމުގެ އަމުރު ހޯދުމަށް އެދި ހުށަހެޅުމަކީ "މުޅިން ސުލޫކީ ގޮތުން ނާކާމިޔާބު ކަމެއް" ކަމަށެވެ.
"ނަތަންޔާހޫ އާއި ސިންވާރުގެ ރުޅިވެރި އަޅާކިޔުން އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭނެ... އަޅުގަނޑުމެން ހިމޭނުން ނުތިބޭނަން،" އޭނާ ބުންޏެވެ.
އިސްރާއީލުގެ ރައީސް އައިސާކް ހަރްޒޮގް ވަނީ އެއީ “ބިއޯންޑް އައުޓްރޭޖިއަސް” ކަމަށް ވިދާޅުވެފައެވެ.
ނަތަންޔާހޫ ދެއްކެވި ވާހަކަތަކާ ބެހޭ ގޮތުން ސީއެންއެން އިން ސުވާލު ކުރުމުން ޚާން ވިދާޅުވީ "އެއްވެސް މީހަކު ގާނޫނަށް ވުރެ މަތީގައި ނެތް" ކަމަށެވެ.
އޭނާ ވިދާޅުވީ އިސްރާއީލުން އައިސީސީއާ ޚިޔާލުތަފާތުވާ ނަމަ "އިޚްތިސާސް ހޯދުމާ މެދު އިއުތިރާޒު ކުރި ނަމަވެސް ކޯޓުގެ ފަނޑިޔާރުންގެ ކުރިމަތީ ދިފާއުވުމުގެ މިނިވަންކަން އޮތް ކަމަށާއި އެއީ އަޅުގަނޑު ލަފާދޭ ކަމެއް" ކަމަށެވެ.
އިސްރާއީލާއި އެމެރިކާއަކީ އައިސީސީގެ މެންބަރުންނެއް ނޫނެވެ. ނަމަވެސް ޣައްޒާ، އިރުމަތީ ގުދުސް އަދި ހުޅަނގު އައްސޭރީގެ އިހްތިސާސް އޮތް ކަމަށް އައިސީސީން ބުނަނީ ފަލަސްތީނުގެ ލީޑަރުން 2015 ވަނަ އަހަރު ކޯޓުގެ ފައުންޑިން ޕްރިންސިޕަލްސް އަށް ތަބާވުމަށް ރަސްމީކޮށް އެއްބަސްވުމުންނެވެ.
އައިސީސީން ހޯމަ ދުވަހު ކުރި އިއުލާނަކީ އޮކްޓޯބަރު ހަތް ވަނަ ދުވަހު ދިން ހަމަލާތަކާ ގުޅިގެން ހަމާސްއާ ދެކޮޅަށް އިސްރާއީލުން ނަސްލު ނައްތާލަމުންދާ ކަމަށް ދެކުނު އެފްރިކާއިން ކުރާ ތުހުމަތާ ގުޅިގެން މިހާރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ބަލަމުންދާ މައްސަލައާ ވަކި މައްސަލައެކެވެ.
އައިސީޖޭއިން ގައުމުތަކާއި ގައުމުތައް ހިމެނޭ މައްސަލަތަކަށް ބަލާއިރު، އައިސީސީއަކީ ހަނގުރާމައިގެ ޖަރީމާތަކެއް ނުވަތަ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ މައްސަލަތައް ވަކިވަކި ފަރުދުންގެ މައްސަލަތައް ހުށަހަޅާ ޖިނާއީ ކޯޓެކެވެ.
ހޯމަ ދުވަހުގެ އިއުލާނަކީ އިސްރާއީލާ ގުޅިގެން އައިސީސީން އަމަލުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. 2021 ވަނަ އަހަރުގެ މާޗް މަހު ޚާންގެ އޮފީހުން ވަނީ 2014 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ސަރަހައްދުތަކުގައި ހިންގާފާނެ ޖަރީމާތަކުގެ ތަހުގީގެއް ފަށާފައެވެ.
ނެދަލެންޑްސްގެ ހޭގްގައި ހުންނަ އަދި ފުރަތަމަ އދ. ގިނަ ޤައުމުތަކަކީ – އޭގެ ތެރެއިން 124 ޤައުމު – މި މުޢާހަދާގައި ބައިވެރިވާ ޤައުމުތަކެއް ނަމަވެސް، އިސްރާއީލާއި އެމެރިކާ އަދި ރަޝިޔާ ހިމެނޭ ގޮތަށް ފާހަގަކޮށްލެވޭ އިސްތިސްނާތަކެއް އެބަހުއްޓެވެ.
މާނައަކީ ކޯޓުން ޚާންގެ އެޕްލިކޭޝަނަށް އެއްބަސްވެ، އެ ފަސް މީހުން ހައްޔަރު ކުރުމުގެ އަމުރު ނެރެފި ނަމަ، މެމްބަރަކަށް ވާ ކޮންމެ ގައުމަކުން ވެސް އެމީހުން ހައްޔަރުކޮށް ހޭގަށް ހަވާލު ކުރަން ޖެހޭނެއެވެ.
ކޯޓުގެ ގަވާއިދުގެ ދަށުން ރޯމް ސްޓޭޓޫޓްގައި ސޮއިކުރާ ހުރިހާ ފަރާތްތަކެއްގެ މައްޗަށް އޮތީ އެ ކޯޓުގެ ނިންމުންތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމެވެ. މިކަމުގެ ސަބަބުން އިސްރާއީލުގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ގިނަ ގައުމުތަކަށް - ޖަރުމަނާއި އިނގިރޭސިވިލާތް ހިމެނޭ ގޮތަށް - ބައިނަލްއަގްވާމީ ދަތުރުފަތުރު ކުރުމަށް ނަތަންޔާހޫ އާއި ގަލަންޓަށް އިންތިހާއަށް ދަތިވާނެއެވެ.
ސިންވާރާއި ހަނިއްޔާ އަދި އަލް މަސްރީ އަކީ އެމެރިކާއިން ރަސްމީކޮށް ގްލޯބަލް ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާފައިވާ ބައެއް ކަމަށާއި މާނައަކީ އެމީހުން ދަތުރުކުރުން މަނާކުރުމާއި އެސެޓް ފްރީޒްކުރުމާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުގައި ތިބި ކަމަށެވެ. އެމެރިކާ، އިނގިރޭސިވިލާތް، ޖަޕާން، ކެނެޑާގެ އިތުރުން ޔޫރަޕިއަން ޔޫނިއަން ފަދަ ގައުމުތަކުން ވަނީ ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައި އެ ޖަމާއަތުގެ ލީޑަރުންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.