

ޚިޔާނާތުގެ މައްސަލަ އެއް ބަލަމުންދާ ކަަމަށް ބުނެ ސުޕްރީމްކޯޓުގެ ބައެއް ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ ހައިކޯޓަށް ހުށަހަޅުއްވާފައި ޤާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުޤައްރިރު އިބްރާހިމް އިސްމާއިލްއެވެ.
ފަނޑިޔާރުން ހުސްނުއް ސުއޫދާއި، ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު އެއްފަހަރާ ކުށްލި ގޮތަކަށް ސަސްޕެންޑް ކޮށް، ސުޕްރީމް ކޯޓުގެ ހިންގުން ހުއްޓުވާފައި ވަނީ ބުދަ ދުވަހުއެވެ.
ޖޭއެސްސީގެ އެ ނިންމުމަކީ ޤާނޫނުއަސާސީ އާއި ޚިލާފު ނިންމުމެއް ކަމަށާއި ސުޕްރީމްކޯޓު ހުއްޓުމަކަށް ގެނައުމަކީ އެއްވެސް އިދާރާއަކަށް ވެސް މުޢައްސަސާ އަކަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް އިބްރާހިމް އިސްމާއިލް ވަނީ ރާއްޖެޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައެވެ.
ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމަކީ ޤާނޫނުއަސާސީން މަނާކޮށްފައިވާ ކަމެއް ކަމަށާއި ރާއްޖޭގެ ދުސްތޫރު ހިފަހައްޓާ ދެނީ ސުޕްރީމްކޯޓުން ކަމަށް އިބްރާހީމް އިސްމާއީލް ވިދާޅުވިއެވެ. މީގެ އިތުރުން ސުޕްރީމްކޯޓު ހުއްޓުމަކީ ދުސްތޫރީ ނިޒާމް ހުއްޓުން ކަމަށް ވެސްއޭނާ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން ފަށައި ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ކުރިއަށް ގެންދަން އެ ކޯޓުން ނިންމާފައި ވަނިކޮށެވެ.
ނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަލްއުސްތާޛު ޙުސްނުއްސުޢޫދުއާ ޑރ އަޒްމިރާލްޑާ ޒާހިރު އަދި އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ސަސްޕެންޑް ކުރުމާއި ގުޅިގެން އެ މައްސަލައިގައި ވަގުތީ އަމުރުތަކާމެދު ގޮތެއް ނިންމަން މިއަދު ބާއްވަން ތާވަލުކުރި އަޑުއެހުންވަނީ ކެންސަލްކޮށްފައެވެ.