ސުޕްރީމް ކޯޓުގެ ފުލް ބެންޗް / ސޯޝަލް މީޑިއާ
ހަބަރު
ފަނޑިޔާރުން މަދުކުރާ ބިލު ތަސްދީގުނުކުރުމަށް ގޮވާލައިފި
Mariyam Isaadha
މަރިޔަމް އިސާދާ
07 މާރިޗު 2025
މާލެ ސިޓީ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނު އިސްލާހު ކުރަން ކުއްލި ގޮތަކަށް ހުށަހަޅައި އަވަސް އަރުވާލައިގެން މިދިޔަ މަހު މަޖިލީހުން ފާސް ކުރި ބިލު ތަސްދީގުނުކުރުމަށް ގޮވާލައިފިއެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގާނޫނުއަސާސީގެ އިސްލާހުގެ މައްސަލަ ބަލަމުންދަނިކޮށް، އެ ކޯޓުގެ ބެންޗު ފަސް ފަނޑިޔާރުންނަށް މަދުކޮށް، ދެ ފަނޑިޔާރަކު ވަކިކުރާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަ އަބްދުއްސައްތާރު ހުށަހެޅި އިސްލާހު މަޖިލީހުން އަވަސް އަރުވާލައިގެން ފާސްކުރި ނަމަވެސް އަދި އެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާފައިނުވެއެވެ.

އެފަދަ ދަނޑިވަޅެއްގައި އެ ބިލު ތަސްދީގު ނުކުރުމަށް ގޮވާލާ ފަސް ޖަމްއިއްޔާއަކުން ވަނީ ބަޔާން ނެރެފެއެެވެ. އެގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސް، އެސޯސިއޭޝަން ފޯ ޑިމޮކްރެސީ އިން މޯލްޑިވްސް، ސޭވް މޯލްޑިވްސް، ޒީރޯ ވޭސްޓް މޯލްޑިވްސް އަދި މެންޓަލް ހެލްތު ސަޕޯޓް ގްރޫޕުން ނެރުނު ބަޔާނުގައި، ސުޕްރީމު ކޯޓުގެ ބައެއް ފަނޑިޔާރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސަސްޕެންޑުކޮށްފައިވާތީ އެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލުމަށް ގޮވާލާފައެވެ.

ހަމައެހެންމެ ގާނޫނަށް ގެނައި އެ އިސްލާހަކީ ގާނޫނުއަސާސީއާ ފުށުއަރާ އިސްލާހެއް ކަމަށް ބާ ކައުންސިލުން ވެސް ފާހަގަކޮށްފައިވާ ކަމަށް ބަޔާންކޮށް އެ ބަޔާނުގައިވަނީ އެ މައްސަލައާ ގުޅިގެން ވަކީލުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވާކަން ވެސް ފާހަގަކޮށްފައެވެ.

މީގެ އިތުރުން، މިދިޔަ ނޮވެމްބަރު މަހު ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލާގައި ކުރީގެ މަޖިލިސް މެންބަރު އަލީ ހުސެން ސުޕްރީމު ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމަށް ވެސް ޖަމްއިއްޔާތަކުގެ ބަޔާނުގައި ގޮވާލައިފައިވެއެވެ. އަދި ވެރިކަން ކުރާ ބާރު ނުވަތަ ގާނޫނު ހަދާ މަޖިލީހުން އެ މައްސަލައަށް ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެގޮތުން ސުޕްރީމް ކޯޓަށް ސީދާ ހަމަލާދޭ ގާނޫނެއް ފާސްކޮށް، ދައުލަތުގެ ބާރުތަކުގެ މެދުގައި އޮންނަ ޗެކް އެންޑް ބެލެންސްގެ ދުސްތޫރީ ބިންގާ ރައްޔިތުންގެ މަޖިލީހުން ވަނީ ނަގާލާފައިކަމަށް އެ ބަޔާނުގައިވެއެވެ.

ހަމައެހެންމެ ދެން ހިނގައިދިޔަ ކަންތައްތަކަކީ، ހާއްސަކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރަން ނިންމި ނިންމުމަކީ ޖޭއެސްސީގައި ތިއްބެވި ޝަރުއީ ދާއިރާގެ ބައެއް މަންދޫބުން ބާކީ ކުރުމަށް ފަހު ނިންމި ނިންމުމެއްގެ ގޮތުގައި އެ ޖަމިއްޔާތަކުން ސިފަކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved