
ޖަބާލިޔާ ރެފިއުޖީ ކޭމްޕުގައި ހުރި އދ.ގެ އިމާރާތަކަށް ސަހްޔޫނީން ދިން ހަމަލާއެއްގައި 22 މީހުން ޝަހީދުކޮށްލި އިރު 9 ކުޑަ ކުދިން ހިމެނެއެވެ.
މި ހަމަލާގައި އެތައް ބަޔަކު ޒަޚަމް ވި އިރު ހަމަލާ އަމާޒުކޮށްފައިވަނީ އދ.ގެ ފަލަސްތީނު ރެފިއުޖީންގެ އޭޖެންސީ (އަންރުވާ) ގެ އިމާރާތެއްގައި ހުރި މެޑިކަލް ކްލިނިކަކަށްކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އަންރުވާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާ އަމާޒުވެފައިވަނީ ވީރާނާވެފައިވާ ހެލްތު ސެންޓަރެއްގެ ފުރަތަމަ ފަންގިފިލާގައި ހުރި ދެ ކޮޓަރިއަކަށް ކަމަށެވެ. މި އިމާރާތުގައި 160 ވަރަކަށް ގޭބީސީ ވަނީ ހިޔާވަހިކަން ހޯދާފައެވެ. އަދި މި ހަމަލާ ދިން ވަގުތު އަންރުވާގެ މުވައްޒަފުން ދިޔައީ މި ހިޔާވަހިކަން ދޭ ތަނުގައި މަސައްކަތް ކުރަމުންނެވެ.
ސަހްޔޫނީގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާ އަމާޒުކޮށްފައިވަނީ ހަމާސްގެ ހަނގުރާމަވެރިންނަށް ކަމަށެވެ. އަދި މި އިމާރާތަކީ ޓެރަރިސްޓު ހަރަކާތްތައް ރާވާ ތަނެއް ކަމަށް ބުނެފައިވެއެވެ. ނަމަވެސް މި އިމާރާތުގައި އދ.ގެ ކްލިނިކެއް ހުރިކަން ސަހްޔޫނީ ސިފައިން ވަނީ ޔަގީންކޮށްދީފައެވެ.
މި ހަމަލާ ކުށްވެރިކޮށް ސަހްޔޫނީންގެ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ބާރުއަޅަން ފަލަސްތީނުން ގޮވާލާފައިވެއެވެ.
18 މާޗްގެ ފަހުން ފަލަސްތީނުގެ 1،000 އަށް ވުރެ ގިނަ މީހުން މަރުވެ 2،000 އަށް ވުރެ ގިނަ މީހުން ސަހްޔޫނީ ހަަމަލާތަކުގައި ޒަހަމްވިކަން ފާހަގަ ކުރެވެއެވެ.










