

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 3 ލައްކައާ ގާތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ހާމަކޮށްފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ފަތުރުވެރިކަމުގެ ޑެއިލީ އަޕްޑޭޓު ދައްކާ ގޮތުގައި މިއަހަރު މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 294،923 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
މިއީ މިދިޔަ އަހަރުގެ މިދުވަސްވަރާ އަޅާ ބަލާއިރު ބޮޑު ކުރިއެރުމެކެވެ. މިއަހަރުގެ ކުރީކޮޅާ މިދިޔަ އަހަރުގެ ކުރިކޮޅާ އަޅާ ބަލާއިރު 16.2 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާއިރު ފެބްރުއަރީ 1 އިން 13 އަށް އެކަނިވެސް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަކަށްތުރެ މައްޗަށް އަރައެވެ.
އެގޮތުން ބަލާއިރު ޖެނުއަރީ މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދަކީ 192،385 ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި، މިމަހު 1 އިން 13 އަށް ރާއްޖެއައި ޖުމްލަ ފަތުރުވެރިން އަދަދަކީ 102،538 ކަމަށް އެ ވުޒާރާގެ ޑެއިލީ އަޕްޑޭޓުން ދައްކައެވެ.
މިމަހުގެ 11 ވަނަ ދުވަހު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން އައިސްފައިވާއިރު މިހާރު ރާއްޖެއަށް އެވަރޭޖުކޮށް ދުވާލަކު 7،888 ފަތުރުވެރިން އަންނަމުންދާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތުދީފައިވެއެވެ.