theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ވާނުވާ ބަންދުގެ މައްސަލައާއި ގުޅިގެން ޒުވާނަކު މުއިއްޒަށް ބަވާ ކުޑަކޮށްލައިފި / ތޭރަގްރެފިކްސް
ހަބަރު
ވާނުވާ ބަންދުގެ މައްސަލައާއި ގުޅިގެން ޒުވާނަކު މުއިއްޒަށް ބަވާ ކުޑަކޮށްލައިފި
04 ޑިސެމްބަރު 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މައި އެއް ވައުދުކަމުގައިވާ ވާނުވާ ަބންދު އުވާނުލާ ދިގު ދަންމަމުން ދާތީ ޒުވާނެއްގެ ޝުއޫރު ރައީސުލްޖުްމހޫރިއްޔާއަށް ބަންޑުން ޖަހާލައިފިއެވެ.

މާފަންނު މެދު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރަން ރައީސް މުހައްމަދު މުއިއްޒު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ނޫކަށީ ފުރައިގެ ޒުވާނަކު ވަނީ ވާނުވާ ބަންދުގައި ސަރުކާރުން އަމަލު ކުރަމުންދާ ގޮތާ މެދު ނުހަނު ބޮޑަށް ނުރުހުން ފާޅުކޮށް ސަރުކާރުން ސިޔާސީ ބޭނުމަށް އެ ބަންދުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާކަމަށް ބުނެ އަސަރުގަދަ ޝުއޫރުތަކެއް ބަންޑުން ޖަހާލާފައެވެ.

އެ ޒުވާނާ ފާހަގަކުރި ކަންކަމުގެ ތެރޭގައި، ވާނުވާ ބަންދު އުވާލަން މުއިއްޒު ވީ ވައުދުތައް ނުފުއްދާ މައްސަލަ އާއި ކުރިއަށް ވުރެ ވެސް ގިނައިން މީހުންނަށް ވާނުވާ ބަންދު ޖަހާ މައްސަލަ ހިމެނެއެވެ. ޖައްބާރުވަންތް ﷲއަށް ބިރުވެތިވެ، ރައީސް ކުރެއްވި ވައުދުތައް ފުއްދުމަށް ހަނދާންކޮށްދެމުން އެ ޒުވާނާ ވަނީ ވެރިކަމަށް 100 ދުވަސް ތެރޭގައި ވާނުވާ ބަންދު އުވާލާނަމޭ ބުނެ ސަރުކާރަށް ދެ އަހަރު ވީއިރު ވެސް ވައުދު އޮތީ އޮތްތަނުގައިކަން ފާހަގަކޮށްފައެވެ.

އެ ޒުވާނާ ރައީސް މުއިއްޒުގެ ސަރުކާރު ސިފަ ކުރީ ވާނުވާ ސަރުކާރެއްގެ ގޮތުގައެވެ. އަދި ފާހަގަ ކުރީ، ދެ އަހަރު ތެރޭގައި ކުރިއަށް ވުރެ ގިނަ ވާނުވާ ބަންދުގައި ޖަހައިގެން "ރިކޯޑެއް" މި ސަރުކާރުން ހަދާފައިވާ ކަމެވެ. އެއާ އެކު ސަރުކާރުގެ ނިތްކުރީގައި އަނިޔާވެރިކަމުގެ ލައްގަނޑެއް ޖެހިފައިވާ ކަމަށް ވެސް އެ ޒުވާނާ ވަނީ ބުނެފައެވެ.


ވާނުވާ ބަންދުގައި 11 ވަރަކަށް އަހަރު ވެފައި ތިބި މީހުން ތިބިކަން ފާހަގަކޮށް އެ ޒުވާނާ ވަނީ އިންސާފު ހޯދާދިނުމަށް އެދިފައެވެ.


ބާރުގަދަ މީހުންނަށް އިންސާފު ލިބޭ ގޮތް ތަފާތުވާތީ އެކަމަށް ވެސް އެ ޒުވާނާ ވަނީ ފާޑުކިޔާފަ އެވެ. އެގޮތުން މާލޭގެ އުސް އިމާރާތަކުން ޒުވާނަކު ވެއްޓުމުން އެ ހާދިސާގައި ފުލުހުން އަމަލުކުރި ގޮތް ފަދަ ސުވާލު އުފެދޭ ކަންކަން ހުރި ކަަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. މި ވާހަކަތަކާ އެކު މީޑިއޭޓަރ ދެ ތިން ފަހަރު، އެ ޒުވާނާގެ ވާހަކަ ހުއްޓުވަން މަސައްކަތް ކުރި އެވެ. ނަމަވެސް އެ ޒުވާނާ ފުރުސަތު ނުދިނުމުން ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުން އޭނާ އަށް ވާހަކަ ކުރިއަށް ގެންދިއުމަށް ފުރުސަތު ދީފައިވެއެވެ.

މިއަދު ރައީސް އާއި ފުލުހުންނާއި މިނިސްޓަރުންނަށް ސަލާމަތްވެވިދާނެ ކަމަށާ ނަމަވެސް ﷲ ސުބްހާނަހޫ ވަތައާލާއަށް ދެއްކޭނެ އުޒުރެއް ނޯންނާނެކަމަށް ބުނެ އެ ޒުވާނާ ވަނީ ވާނުވާގައި އޮތީ މި ސަރުކާރު ކަމަށް ބުނެފައެވެ. އަދި ﷲ އަށް ބިރުވެތިވެ، ވައުދު ފުއްދައި، ނިފާގުކަމުން ސަލާމަތްވުމަށް ރައީސް މުއިއްޒުއަށާ ސަރުކާރަށް ވެސް ގޮވާލާފައެވެ.

އެޒުވާނާގެ ވާހަކަތަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ވާނުވާ ބަންދު 5 މިނިޓު ތެރޭގައި އުވާލެވެން އޮތް ނަމަވެސް ބަޔަކު ސިޔާސީ މަގްސަދު ހާސލިކުރުމަސް ދައްކާ ވާހަކަތަކަށް އިޖާބަ ދިނުމެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން އެމަނިކުފާނު އެ ޒުވާނާގެ ވާހަކަތަކަށް އެ މިނެ ކިރުއްވީ ސިޔާސީ ތިލަފަތަކުން ކަމަށް ބެލުމުގެ ފުރުސަތު ތަނަވަސްވެގެންދެއެވެ.

ވާނުވާ ބަންދު އުވާލާން ވީ ވައުދު ނުފުއްދާ ވެރިކަމުގެ ދެ އަހަރު ފާއިތުކުރިއިރު ފާއިތުވި 7 އަހަރުގެ ތެރޭގައި އެންމެ ގިނަ ބަޔަކަށް ވާނުވާ ބަންދު ޖަހާފައިވާނީ މި ސަރުކާރުންކަން ޕީޖީއިން ހާމަކުރި މައުލޫމާތުގެ އަލީގައި މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗުއިން އެކްސްގައި ކުރި ޕޯސްޓެއްގައިވެއެވެ.

އެ ޕޯސްޓުން ދައްކާ ގޮތުގައި، 2022 ވަނަ އަހަރު ވާނުވާ ބަންދުގައި ޖަލަށްލާފައިވަނީ 66 މީހުންނެވެ. 2023 ވަނަ އަހަރު 57 މީހުން ވާނުވާ ބަންދު ޖަހާ ޖަލަށްލާފައިވާއިރު، ރައީސް މުއިއްޒު ވެރިކަމަށް އައިސް 2024 ވަނަ އަހަރު 98 މީހުން ވާނުވާ ބަންދުގައި ޖަލަށްލާ އަދި 2025 ވަނަ އަހަރު އެ އަދަދު ވަނީ 138 އަކަށް އަރާފައެވެ.

ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ފަރާތްތަކުގެ އަދަދުތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފޯރުކޮށްދީފައިވާ މަޢުލޫމާތުގެ މައްޗަށް ބަލާއިރު މިއީ ވާނުވާ ބަންދުގައި މީހުން ހައްޔަރުކުރުމުގެ ރެކޯޑެކެވެ.

ވާނުވާ ބަންދުގެ ރެކޯޑު ރައީސް މުއިއްޒުގެ އަތްޕުޅުގައި އޮތް އިރު "ވާނުވާ" ބަންދާ މެދު ރައީސް މުހައްމަދު މުއިއްޒު އިންތިހާބު ތެރޭގައިވީ ވައުދު އޮތީ އަދިވެސް އޮތް ތާނގައެވެ.

ތ. ތިމަރަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ވާނުވާ ނޭނގުމުގެ ތެރޭގައި އެތައް އަހަރެއް ބަންދުގައި ހުންނަން ޖެހުމަކީ އިންސާފެއް ނޫން ކަމަށެވެ.

ސަރުކާރުން އެފަދަ ކަންކަން ކުރިއަށްގެންދަނީ ބޭއިންސާފުންކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ޝަރުއީ ނިޒާމަށް ގެންނަން އިސްލާހުތަކުގެ ތެރެއިން ވާނުވާ ބަންދު އުވާލާނެ ކަމަށެވެ.

ވާނުވާ ބަންދު ނިމުމަކަށް ގެނައުމަށް، އެނާގޭ ވެރިކަމެއްގައި މީހަކާމެދު ގޮތެއް ނުނިންމައި ބަންދުގައި ބެހެއްޓޭނީ ގިނަވެގެން 48 ގަޑިއިރަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމަށް އައިސް ސިޔާސީ ބަދަލު ހިފުމުގެ ތެރެއިން ވެސް އެތައް ބަޔަކަށް ވާނުވާ ޖަހާފައިވާކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

މީގެ ކުރިން ވާނުވާ ބަންދު އުވާލުމަށް ގޮވާލާ ރައީސް މުއިއްޒަށް އެތައް ޕެޓިޝަނެއްވެސް ހުށަހަޅާފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved