

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން މުސާރަ އާއި އިނާޔަތްތަކަށް ކުރި ޚަރަދު 13 އިންސައްތައިން އިތުރުވެފައިވާކަން ހާމަވެއްޖެ އެވެ.
މިކަން ހާމަވެފައިވަނީ، ފިނޭންސް މިނިސްޓްރީއިން އޭޕްރީލް 24 ވަނަ ދުވަހާއި ހަމައަށް ނެރުނު ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުންނެވެ.
ހިސާބުތަކުން ދައްކާ ގޮތުގައި، އޭޕްރީލް 24ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން މުސާރައާއި އިނާޔަތްތަކަށް ޖުމްލަ 3.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި މިކަމަށް ބަޖެޓުން ހަރަދުވީ 3.3 ބިލިއަނެވެ. މިއީ ޖުމްލަ 13 އިންސައްތައިގެ ބޮޑު އަދަދެކެވެ. މުސާރައަށް އެކަނި ދިޔަ ހަރަދުވެސް ވަނީ 429.4 މިލިއަން ރުފިޔާއިން އިތުރުވެފަ އެވެ.
އެގޮތުން ހަރަދުތަކުގެ ޖުމްލަ 92 އިންސައްތައަކީ ރިކަރަންޓް ހަރަދުތަކަށް ކޮށްފައިވާ ހަރަދުކަން ފާހަގަ ކުރެވެ އެވެ.
ރިކަރަންޓު ޚަރަދު އިތުރުވެ ދައުލަތުން ބޮޑު ހޭދައެއް ކުރާއިރު، ހިންގުން ހަރުދަނާކުރުމަށްޓަކައި ޚަރަދުތައް ކުޑަކޮށް އިސްލާހީ އަވަސް ފިޔަވަޅު އެޅުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ގެންދަނީ ތަކުރާރުކޮށް ރާއްޖެއަށް ލަފައާ އިރުޝާދު ދެމުންނެވެ. ނަމަވެސް ގައުމުގެ ވެރިން އެ އަޑުތައް ނާހާކަމަށް ރައްޔިތުން ދަނީ ތުހުމަތުކުރަމުންނެވެ.
އެގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު އައިއެމްއެފުންދަނީ ކެނޑި ނޭޅި ހަރަދުތައް ކުޑަ ކުރުމަށް އިލްތިމާސް ކުރަމުންކަން ފާހަގަ ކުރެވެ އެވެ.