February 23, 2026
Advertisement
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ / ސޯޝަލް މީޑިއާ

ތަރައްގީގެ މަޝްރޫއުތަކަށް ދައުލަތުން ކުރި ހަރަދު 68.6 އިންސައްތައިން ދަށަށް

Hussain Nawaf
ހުސައިން ނަވާފް
Jun 12, 2025, 07:06 PM

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓު ޕްރޮގްރާމް ޕީއެސްއައިޕީ ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ދައުލަތުން ކުރި ހަރަދު 68.6 އިންސައްތައިން ދަށްވެއްޖެއެވެ.

Advertisement

މިކަން ހާމަވެފައިވަނީ ހަފްތާއެަކު އެއް ފަހަރު ފިނޭންސް މިނިސްޓްރީއިން ނެރޭވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުންނެވެ.

އެ ރިޕޯޓަށް ބަލާއިރު މިދިޔަ އަހަރުގެ ފުރަތަމަ 20 ހަފްތާގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިޔުމަށް ސަރުކާރުން ހޭދަކުރި އަދަދަށް ވުރެ މި އަހަރުގެ އެ މުއްދަތުގައި ހޭދަކުރި އަދަދު ބޮޑުތަނުން ދަށްވެ މުސާރަ ދިނުމަށް ހަމަ އެ މުއްދަތުގެ ތެރޭގައި ކުރި ހަރަދު އިތުރުވެފައިވާކަމަށް ހިސާބުތަކުން ދައްކައެވެ.

އެގޮތުން ފުރަތަމަ 20 ހަފްތާގެ ތެރޭގައި ދައުލަތުގެ އާމްދަނީ އާއި ހަރަދުތައް ހިމެނޭހެން ނެރުނު އެ ރިޕޯޓުގައި ވާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ 20 ހަފްތާގެ ނިޔަލަށް ޕީއެސްއައިޕީ ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން 4,758.7 މިލިއަން ރުފިޔާ ހޭދަކުރި އެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގެ ނިޔަލަށް މަޝްރޫއުތަކަށް ހަރަދުކުރި ކަމަށް ދައްކަނީ 1,491.9 މިލިއަން ރުފިޔާއެވެ.

މިއީ 68.6 އިންސައްތައިގެ ދަށް އަދަދެއްކަން ފާހަގަ ކުރެވެ އެވެ.

މި އަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.3 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން ކެޕިޓަލް ހަރަދުތަކާއި ރިކަރަންޓު ހަރަދު ވެސް ދަށްވި ނަމަވެސް ފުރަތަމަ 20 ހަފްތާގައި މުސާރަ ހަރަދު ވަނީ 415.5 މިލިއަން ރުފިޔާއިން އިތުރުވެފައެވެ. މުސާރަ ހޭދައިގެ ތެރޭގައި މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަނާއި ރިޓަޔަމަންޓު ބެނެފިޓުތައް ހިމެނެ އެވެ.

މި އަދަދުތަކަށް ބަލާއިރު މިދިޔަ އަހަރާ އަޅައިބަލާއިރު ފުރަތަމަ 20 ހަފްތާގެ ތެރޭގައި މުސާރައަށް ކުރާ ހޭދަ މިވަނީ 7.4 އިންސައްތައިން އިތުރުވެފައެވެ.

ދައުލަތުގެ ހިސާބުތައް މިފަައިން ހުރިއިރު ދުނިޔޭގެ މަލީ އިދާރާ އައިއެމްއެފުން ރާއްޖޭގެ އިގްތިސޯދީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރަން ގޮވާލާފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved