April 17, 2026
Advertisement
ޑރ ޝަހީމް ހިއްސާ ކުރެއްވި ޕޯސްޓުގައި އެޓެޗްކުރައްވާފައިވާ ވީޑިއޯގެ ސްކްރީންޝޮޓެއް
ޑރ ޝަހީމް ހިއްސާ ކުރެއްވި ޕޯސްޓުގައި އެޓެޗްކުރައްވާފައިވާ ވީޑިއޯގެ ސްކްރީންޝޮޓެއް / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ކާބޯތަކެއްޗާއި އިންސާނީ އެހީ އެތެރެކުރުމުގެ ފުރުސަތު ދީފައިވަނީ ވަރަށް ކުޑަ މިންވަރަކަށް

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 25, 2025, 04:52 AM
މާލެ ސިޓީ

ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތިކޮށްލާފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ނަމުގައި ޔަހޫދީން އެ ސަރަހައްދަށް އެތަކެތި އެތެރެކުރުމުގެ ފުރުސަތު ދީފައިވަނީ ވަރަށް ކުޑަ މިންވަރަކަށް ކަމަށް އެކުވެރި ދައުލަތްތަކުގެ (އދ) ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވިދާޅުވެއްޖެ އެވެ.

Advertisement

 ޣައްޒާގައި ތިބި ފަލަސްޠީނުގެ ރައްޔިތުން މި ވަގުތު ތަހައްމަލު ކުރަމުން އެ ދަނީ މި އަނިޔާވެރި ހަމަނުޖެހުމުގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވެރި ދުވަސްތައް ކަމުގައި ނިއުޔޯކުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ގުޓެރެސް ވަނީ ވިދާޅުވެފަ އެވެ.

އޮކްޓޯބަރު 7 އިން ފެށިގެން ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެކުރުމަށް ހުރަސްއަޅާފައިވާ ކަމަށާއި، މިހާރު ކަރީމް އަބޫ ސާލިމް ސަރަހައްދީ ރޮނގު ހުރަސްކޮށް 400 ލޮރީ އެތެރެވުމުގެ ފުރުސަތު ދީފައިވީ ނަމަވެސް، އޭގެ ތެރެއިން ހަވާލުކޮށްފައިވަނީ އެންމެ 115 ލޮރީގައި ހުރި ތަކެތި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ގުޓެރެސް ވިދާޅުވެފައި ވަނީ އިސްރާއީލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންވާ ޒަރޫރީ އެހީ ފޯރުކޮށްދިނުމަށް ވެސް 80 ވަރަކަށް ދުވަސް ވަންދެން ހުރަސްއަޅާފައި ވާކަމަށެވެ.

މީގެއިތުރުން، ސިއްހީ ފަރުވާއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު، އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް އަދި އެއްގަމު އުޅަނދުފަހަރަށް ބޭނުންވާ ތެޔޮ އެތެރެކުރުމަށްވެސް ޔަހޫދީން ވަނީ ހުރަސްއަޅާފައެވެ. އަދި ތެލާއި، ހިޔާވަހިކަމާއި، ކައްކާ ގޭހާއި، ފެން ސާފުކުރުމަށް ބޭނުންވާ ސާމާނު" އެތެރެކުރުމަށްވެސް ހުރަސްއަޅާފައިވާ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަކުރައްވާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved