

ފަލަސްތީނުގެ ގައްޒާއަށް ސަހްޔޫނީންގެ ހައްދުފަހަނައެޅި އަސްކަރިއްޔާއިން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި އދ. ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި ގަރާރު އަނެއްކާ ވެސް އެމެރިކާއިން ވީޓޯ ކޮށްފި އެވެ.
އިއްޔެ ވޯޓަށް އެހި ގަރާރަކީ ޣައްޒާގެ މައްސަލައިގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން ސަލާމަތީ މަޖިލީހުން މި މައްސަލައިގައި ވޯޓަށް އެހި ފުރަތަމަ ގަރާރެވެ. އަދި މިއީ ޣައްޒާގައި ދާއިމީކޮށް ހަމަލާތައް ހުއްޓާލުމަށް ގޮވާލި ވެސް ފުރަތަމަ ގަރާރެވެ.
ވޯޓުގައި 14 ގައުމަކުން ގަރާރަށް ތާއީދުކުރި އިރު މިފަހަރު އެމެރިކާ ވެފައިވަނީ ދެކޮޅަށް ވޯޓު ދިން ހަމަ އެކަނި ގައުމަށެވެ. އަދި އެއްވެސް ގައުމަކުން ވޯޓުގައި ބައިވެރި ނުވެ އަދި ވަކި ކޮޅަކަށް ވޯޓު ނުދީއެއް ވެސް ނެތެވެ.
ގަރާރުގައި ވަނީ އެއްވެސް ޝަރުތެއް ނެތި ސަހްޔޫނީންގެ ހަމަލާތައް ހުއްޓާލުމަށެވެ. މީގެ އިތުރުން ރަހީނުކޮށްފައިވާ މީހުން ވެސް އިންސާނީ ކަރާމާތަށް އުނިކަން ނާންނަ ގޮތަށް ވަގުތުން މިނިވަންކުރުމަށް އެ ގަރާރުގައި ގޮވާލާފައިވެ އެވެ.
ސަހްޔޫނީންނަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދީ އެންމެ ބޮޑަށް ވާގިވެރިވަނީ އެމެރިކާއިންނެވެ. އެއްވެސް ޝަރުތެއް ކުރުމެއް ނެތި ދާއިމަށް ދެމިގެންދާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް ދާން ސަހްޔޫނީން އަންނަނީ ދެކޮޅު ހަދަމުންނެވެ.
އިނގިރޭސިވިލާތުގެ ސަފީރު ބާބަރާ ވުޑްވާޑް ވިދާޅުވީ، ގަރާރަށް ތާއީދުކޮށް ވޯޓު ދެއްވީ ޣައްޒާގެ ހާލަތު ނިމުމަކަށް ގެނައުމަށް އިނގިރޭސިވިލާތުން ބޭނުންވާތީ ކަމަށާއި ހަނގުރާމަ ހުއްޓާލުމަކީ ދިގު މުއްދަތުގެ ސިޔާސީ ހައްލެއް ހޯދުމަށް އެންމެ ރަނގަޅު ގޮތް ކަމަށް އެ ގައުމުން ދެކޭތީ ކަމަށެވެ.
ޗައިނާގެ ސަފީރު ފޫ ކޮންގް ވިދާޅުވީ މިއަދު އަނެއްކާވެސް މި ފެންނަނީ ޣައްޒާގެ ހަމަލާތައް ހުއްޓުވަން ސަލާމަތީ މަޖިލިސް ނުކުޅެދިފައި އޮތް ސަބަބުން ހަގީގީ ސަބަބު ކަމަށާއި އެއީ އެމެރިކާއިން އެކަމަށް ތަކުރާރުކޮށް ހުރަސްއަޅަމުން ދިއުން ކަމަށެވެ.
ސަހްޔޫނީން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 54،000 މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ނޮވެންބަރު މަހު ހަމަލާތައް ހުއްޓާލުމަށްފަހު މާޗް މަހު އަލުން ހަމަލާތައް ދޭން ފެށި ފަހުން ޝަހީދުކޮށްލި 4201 މީހުންވެސް ހިމެނެއެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުން ސަހްޔޫނީންގެ މިޖަރީމާތައް ކުށްވެރިކޮށްފައިވެ އެވެ. ހުޅަނގުގެ ގިނަ ބާރުތަކަކުންވެސް ގެންދަނީ އިޒްރޭލުގެ ރަހުމު ކުޑަ އަމަލުތަކާއި ދެކޮޅަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ކެނެޑާއިން ވަނީ ސަހްޔޫނީން ދެކޮޅަށް ފިޔަވަޅު އަޅަން ޖެހިދާނެކަމަށް ބުނެ އިންޒާރުދެމުންނެވެ. އަދި އިޓަލީވިލާތުން ވަނީ ރަސްމީކޮށް ސަހްޔޫނީން ގުޅުން ކަނޑާލާފަ އެވެ.
ހުޅަނގުގެ ފިއްތުންތަކާއެކު ވެސް ސަހްޔޫނީން ގޮތްދޫކުރާ މަންޒަރެއް އަދި ނުފެނެ އެވެ. ދައްކަނީ މަވަތި ކަމާއި ބޮޑާކަމެވެ.
ނަތަންޔާހޫ ވަނީ ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށް ހަމާސްއިން ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށްވެސް އިންކާރު ކޮށްފަ އެވެ. ހަމާސްގެ ހުށަހެޅުމަކީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ހުށަހެޅުމެއް ނޫން ކަމަށްވެސް އޭނާ ބުނެ އެވެ.