ބަންގްލަދޭޝްގެ އިންތިގާލީ ވެރިޔާ މުހައްމަދު ޔޫނުސް / އޭއެފްޕީ
ދުނިޔެ
ބަންގްލަދޭޝްގެ އިންތިހާބު އަންނަ އޭޕްރީލަށް ތާވަލުކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
07 ޖޫން 2025
މާލެ ސިޓީ

ގިނަ އަހަރުތަކެއް ވަންދެން ބަންގްލަދޭޝްގައި ހުދުމުހުތާރު ވެރިކަމެއް ކުރެއްވި ޝެއިހު ހަސީނާގެ ވެރިކަން ވައްޓާލުމަށް ފަހު އެ ގައުމުގައި ހިންގަމުން އަންނަ ވެރިކަމުގެ އިންތިގާލީ މަރުހަލާ ނިމުމަކަށް ގެނައުމަށް އަންނަ އަހަރުގެ އެޕްރީލް މަހު އިންތިހާބު ބާއްވާނެކަން ވަގުތީ ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވާ މުހައްމަދު ޔޫނުސް އިއުލާން ކުރައްވައިފި އެވެ.

މިކަން އިއުލާން ކުރެއްވީ އިއްޔެ ފާހަގަކުރި އަޟްހާ އީދު ދުވަހު ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި އެ ގައުމު އިންތިގާލީ ވެރިޔާ މުހައްމަދު ޔޫނުސް އެވެ. އޭނަ ވިދާޅުވީ އިންތިހާބަށް ތައްޔާރީތައް ވަމުން އަންނާތީ އެކަމާ ގުޅޭ މަގުޗާޓް އިލެކްޝަން ކޮމިޝަނުން ހާމަކުރާނެ ކަމަށެވެ.

ޔޫނުސްގެ ސަރުކާރުގެ މައިގަނޑު މަސްއޫލިއްޔަތަކީ ބަންގްލަދޭޝްގައި ސުލްޙަމަސަލަސް ކަން ގާއިމުކޮށް، އާންމު އިންތިހާބެއް ބޭއްވުމަށް މަގު ކޮށައިދިނުމެވެ. ނަމަވެސް، އޭނާގެ ސަރުކާރަށް ވެސް ފަހަކަށް އައިސް ވަނީ އާންމުންގެ ފަރާތުން ފިއްތުންތައް ކުރިމަތިވެފަ އެވެ. ޔޫނުސްގެ ސަރުކާރާ މެެދު އޮތް އެއް ހިތްހަމަނުޖެހުމަކީ، ގާނޫނާއި ގަވާއީދާ ހިލާފަށް ސަރުކާރު މުވައްޒަފުން ވަޒީފާއިން ވަކި ކުރަމުން ދިޔުމެވެ. އަދި، މުވައްޒަަފުންގެ މެދުގައި ހުރި މުސާރައިގެ ފަރަގުތަކެވެ. އެ ކަމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރުމަށް ހުސްވި ހަފުތާގައި ގިނަ އަދަދެއްގެ މަގުތަކަށް ނުކުމެ މުޒާހަރާ ކޮށްފައިވެ އެވެ.

މިިހާރު ކުރަމުންދާ އިސްލާހީ މަސައްކަތްތައް މުރާޖާ ކުރުމަށް ފަހު، ދެން ބާއްވާ އާންމު އިންތިހާބު 2026ވަނަ އަހަރުގެ އޭޕްރިލް މަހުގެ ކުރީކޮޅުގައި ބޭއްވުމަށް ނިންމާފައިވާ ކަން އަޅުގަނޑު އެންމެންނަށް އަންގައި އިއުލާނު ކުރަން،

- ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޔޫނުސް ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ ވެރިކަން ވެއްޓުނީ އެ ގައުމުގައި މިދިޔަ ޖުލައި މަހު ކުރި މުޒާހަރާތައް ކޮންޓްރޯލުން ނެއްޓި، ބޮޑުވަޒީރު ޝައިހް ހަސީނާ އޯގަސްޓް 5، ގައި މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ގައުމު ދޫކުރައްވާ ފިއްލެވުމުންނެވެ. އުމުރުން 77 އަހަރުގެ ހަސީނާ، ބޮޑުވަޒީރުކަން ދޫކުރައްވައި ފިއްލަވައިގެން ހެލިކޮޕްޓަރެއްގައި ވަޑައިގެން މިހާރު އުޅުއްވަނީ އިންޑިއާގަ އެވެ.

ބަންގްލަދޭޝްގައި އެންމެ ފަހުން އާންމު އިންތިހާބެއް ބޭއްވީ މިދިޔަ ޖެނުއަރީ މަހު އެވެ. ހަސީނާ ކާމިޔާބު ކުރެއްވި އެ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއްް ނޫން ކަމަށް ބުނެ، އިދިކޮޅު ޕާޓީތަކުން ބޮއިކޮޓް ކުރި އެވެ. ގިނަ ބަޔަކު ހައްޔަރު ވެސް ކުރި އެވެ.

އދ. އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖުލައި 2024 އިން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ކުރި މުޒާހަރާގައި، ބައިވެރިންގެ އަޑުކަނޑުވާލުމަށް ހަސީނާގެ ސަރުކާރުން ހިންގި ހަރުކަށި ކެމްޕޭނުގައި ބަންގްލަދޭޝްގެ ގާތްގަނޑަކަށް 1400 މީހުންގެ ފުރާނަ ވަނީ ގެއްލިފަ އެވެ. ބަންގްލަދޭޝްއިން ވަނީ އެ މީހުން މެރުމާ ގުޅިގެން އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ބުނެ ދައުވާ އުފުލައިފަ އެވެ.

ހަސީނާ ވަނީ އެ ތުހުމަތުތަކަކީ ސިޔާސީ މަގްސަދެއްގައި ކުރާ ތުހުމަތުތަކެއް ކަމަށް ވިދާޅުވެ، އެކަން ދޮގުކުރައްވައިފަ އެވެ. އޭނާއާ ދެކޮޅަށް އޭނާގެ ގައިރު ހާޒިރުގައި ކުރާ ޝަރީއަތްތައް އިއްޔެ ވަނީ ފަށައިފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved