theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އިޒްރޭލު ސިފައިން އެހީގެ ޔޮޓަށް އެރުމަށް ފަހު އޭގައި ތިބި އެންމެން ހައްޔަރުކޮށްފައި / އިސްރާއީލް އަސްކަރިއްޔާ
ދުނިޔެ
އެހީ ހިފައިގެން ޣައްޒާއަށް ދިޔަ ފްރީޑަމް ޔޮޓަށް ސަހްޔޫނީންގެ ސިފައިން އަރައިގެންފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
09 ޖޫން 2025
މާލެ ސިޓީ

ފަލަސްތީނުގެ ގާޒާއަށް އެހީ ފޯރުކޮށްދިނުމަށް ދިޔަ ފްރީޑަމް ފްލޯޓިއްލާ ހުއްޓުވައި އޭގައި ތިބި 12 މީހުން އިޒްރޭލުގެ ހައްދުފަހަނައެޅި ސިފައިން ވަގަށް ނަގައިފި އެވެ.

ފަލަސްތީނަށް ތާއީދުކުރާ ފްރީޑަމް ފްލޮޓިލާ ކޯލިޝަން (އެފްއެފްސީ) އިން ހިންގާ އިނގިރޭސި ދިދަ ޖަހާފައިވާ ޔޮޓު މިދިޔަ ހަފްތާ އިޓަލީގެ ސިސިލީން ފުރިއިރު، މިސްރު ހުރަސްކޮށް ޣައްޒާއާ ވަރަށް ކައިރިއަށް ދަތުރުކުރެވިފައިވާ ކަމަށް މީގެ ދެ ދުވަސް ކުރިން ވަނީ ބުނެފައެވެ.

ބާރަ މީހުން ދަތުރުކުރި އެ ޔޮޓުގައި ސްވިޑެންގެ ތިމާވެށީގެ މަޝްހޫރު އެކްޓިވިސްޓު ގްރެޓާ ތަންބާގް އާއި ޔޫރަޕިއަން ޕާލަމެންޓްގެ ފްރާންސްގެ މެމްބަރެއް ކަމަށްވާ ރީމާ ހަސަން ވެސް ހިމެނެ އެވެ.

މިއީ ގާޒާއަށް ބޭނުންވެފައިވާ އަވަސް އެހީ ފޯރުކޮށްދިނުމަށާއި ސަހްޔޫނީން ކުރިމަތިކޮށްފައިވާ އިންސާނީ ކާރިސާ ހުއްޓުވުމަށް ގޮވާލައި ދަތުރުކުރި ބޯޓެކެވެ.

އެހެން ނަމަވެސް ބޯޓު އެއްގަމާ ކައިރި ކުރެވުމުގެ ކުރިން ރޭގަނޑުގެ ވަގުތެއްގައި އިޒްރޭލު ސިފައިން ބޯޓަށް ވަނީ އަރާފަ އެވެ. އަދި ފަހުން ސަހްޔޫނީންގެ ހާރިޖީ ވުޒާރާއިން ވަނީ އެ ބޯޓު އޮތީ ސަހްޔޫނީންގެ ބާރުގެ ދަށުގައި ކަމަށް ބުނެފަ އެވެ.

މަދްލީން އޮޕަރޭޓްކުރާ ކޯލިޝަން ކަމަށްވާ ފްރީޑަމް ފްލޮޓީލާ އިން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ބޯޓުގައި ތިބި ހުރިހާ ވޮލަންޓިއަރުން އިޒްރޭލުން ވަނީ ރަހީނުކޮށްފަ އެވެ. އަދި އެ އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ މީސްމީހުން ނިސްބަތްވާ ގައުމުތަކުގެ ސަރުކާރުތަކުން މަސައްކަތްކުރުމަށް އެދިފައިވެ އެވެ.

އެ އުޅަނދުގައި ހުރި ތަކެތީގެ ތެރޭގައި ހަނޑުލާއި ކުޑަކުދިންނަށް ދޭ ކިރު ހިމެނެ އެވެ. ސަހްޔޫނީންގެ ވެރިން ބުނީ، އެ ތަކެތި ސަހްޔޫނީންގެ ބެލުމުގެ ދަށުން، ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމުގަ އެވެ. ސަހްޔޫނީންގެ ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒް ބުނީ، އެ އުޅަނދުގައި ތިބީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތަށް ތާޢީދު ކުރާ، އަދި އެ ޖަމާޢަތަށް ވާގިވެރިވާ ބަޔެއް ކަމުގައެވެ.

ފަލަސްތީނުގެ ސަރަހައްދުތަކަށް އދ ން ކަނޑައަޅާފައި ހުންނަވާ ހާއްސަ ރެޕޯޓަރ ފްރެންޗެސްކާ އަލްބެނޭޒޭ ވަނީ ފްރީޑަމް ފްލޮޓިއްލާގައި ޣައްޒާއަށް ކާބޯތަކެތި ގެންދަން މަސައްކަތް ކޮށްފައިވާ މީހުންނަށް ތާރީފު ކުރައްވާފަ އެވެ.

ޖެނީވާގައި ހުންނަ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން އިއްޔެ ބުނީ ގާޒާގައި އާންމުންނަށް ކާބޯތަކެތީގެ އެހީ ލިބުމަށް ހުރަސް އެޅުމަކީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ބެލެވިދާނެ ކަމެއް ކަމަށާއި ކާބޯތަކެތީގެ އެހީ ހޯދަން މަސައްކަތްކުރާ ފަރާތްތަކަށް ދޭ ހަމަލާތަކަކީ "ނާތަހުޒީބު" ހަމަލާތަކެއް ކަމަށެވެ.

ހަމާސްއަށް ޕްރެޝަރު ކުރުމުގެ ގޮތުން ސަހްޔޫނީން ވަނީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ގާތްގަނޑަކަށް 10 ހަފްތާގެ މުއްދަތަކަށް ހުއްޓުވާފަ އެވެ. ނަމަވެސް މިދިޔަ ހަފްތާއިން ފެށިގެން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ސާމާނު ފޯރުކޮށްދޭން ވަނީ ފަށާފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved